ހަބަރު

އިންޑިއާއިން ހިމަބިހި ވެކްސިނުގެ 30،000 ޑޯޒް ދެނީ

ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް އިންޑިއާއިން ރާއްްޖެއަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީންގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސް އެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ދެ ލައްކަ މީހުންނަށް ވެކްސިން ދޭން ސަރުކާރުން ފެށި ޕްރޮގްރާމަށް އިންޑިއާ ސަރުކާރުގެ އެހީގައި 30،000 ޑޯޒް މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ.

"އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކައި ކުރެވުނު މަސަައްކަތުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ 30،000 ޑޯޒް" މިނިސްޓަރު ވިދާޅުވިި އެވެ.

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި ފެތުރެން ފަށާފައިވާއިރު، މިހާތަނަށް ޓެސްޓު ކުރި 70 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޕޮސިޓިވް ވެފައި ވަނީ ހަތަރު މީހުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ނައްތާލާފައިވާ ހިމަބިހި ފެތުރެމުންދާއިރު، ބަލި ޖެހިގެން ރިޕޯޓު ކުރި ސަރަހައްދުގެ ތެރެއިން 3100 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.

އިތުރަށް ފާހަގަކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ސްކޫލްތަކުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި ކުދިންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި ގާތްގަނޑަކަށް ހުރިހާ އެންމެން މިހާރު ވަނީ ދެނެގަނެވިފައި ކަމަށާއި އެހެންނަމަވެސް އެ މައުލޫމާތު ހިއްސާ ކުރާނީ ޑިޖިޓަލް ޑާޓާ ބޭސް އެކުލަވާލުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑާޓާ ބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ފަށާ މި މަސް ނިމެން ވާއިރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.