ހަބަރު

ބީއެމްއެލް އިން ގާފަރަށް ދިނީ ސެން ކްލާހެއް

Jan 14, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި، ގާފަރު ސްކޫލްގެ ސެން ކްލާސް ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފި އެވެ.

ބީއެމްއެލްގެ މި އެހީ ދީފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށް ރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފު ކުރި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުންނެވެ.

ބޭންކުގެ އެހީގައި ގާފަރުގެ އެ ކްލާސްރޫމް މަރާމާތުކޮށް ބޭނުންވާ ސެން އިކުއިޕްމ=ެންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު ވަނީ ބޭނުން ކުރަން ފަށާފަ އެވެ. މި ކްލާސްރޫމް ހުޅުވާފައި ވަނީ ސެން ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނާ ފުރިހަމަ ކޮށްގެނެވެ.

ގާފަރުގެ އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވީ ބޭންކުގެ އެހީގައި މި ސްކޫލް ގާއިމްކުރީ ދިރާސާ ކުރުމަށްފަހު ކަމަށެވެ.

"ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން އަޅުގަނޑުމެން ދިރާސާ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަ ގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސް ރޫމެއް ގާއިމް ކުރީ،" ސާނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި ކްލާސްރޫމު ހުޅުވުމާއެކު ތައުލީމީ އާ އަހަރު ފެށިގެން ދިޔައިރު ގާފަރު ސްކޫލްގެ ސެން ކްލާސް ކުދިންނާއި ބެލެނިވެރިން ނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.