މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭގޮތް މިއަދު ހަމަޖައްސައިފި އެވެ.
މި ބަދަލާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ.
މި ކާޑުތަކުގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމު ކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ.
މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި އެވެ.