ކުރިއަށް އޮތް ރޯދަ މަހުގެ ފަހު 10ގައިވެސް އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވައިގެން ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
ރޯދަ މަހުގެ ފަހު 10 އަކާއި އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ސސާވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ. އަދި ރޯދަ މަހުގެ ފަހު ދިހައެއްގައި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ބޭންކު ހުޅުވައި ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަ މަހު ކަސްޓަމަރުންނަށް ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލް އިން ކަސްޓަމަރުންގެ ކިބައިން އެދިފައިވަނީ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ހޯދުމަށެވެ.