ވެކްސިން ދޭން ދެކޮޅު ހަދާ މީހުންނަށް މިވަގުތު އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ވެކްސިންދޭން ދެކޮޅު ހަދާ ބައެއް މީހުންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވަނިކޮށް، ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާތީ ވެކްސިން ދޭން ދެކޮޅު ހަދާ މީހުންނަށް އެޅޭނެ ގާނޫނީ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ އަހުމަދު ޖަމްޝީދު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.
ޑރ. ޖަމްޝީދު ވަނީ ދާދިފަހުން ރައީސް ސޯލިހް ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބައެއްގެ މާއްދާތައް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.
މި ގާނޫނުގެ ނ ގައި ބުނެފައިވަނީ ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ސިއްހީ ފަރުވާއާއި، ހިދުމަތްތައް ލިބިދިނުމުގައި އަދި އެފަދަ ހިދުމަތްތަކަށް ވާސިލްވެވޭނެ މަގު ފަހިކޮށްދިނުމަކީ އެ ކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ގާނޫނުގެ ރ ގައި ބުނެފައިވަނީ އެ މާއްދާގެ ނ ގައި ބަޔާންކުރާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިގެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒުކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެން ކަމުން ޖަމްޝީދު ވަނީ އެ ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅު ތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ދައުލަތާއި ރައްޔިތުންގެ ބުރަ މަސައްކަތުން ރާއްޖެއިން ނައްތާލެވުނު ބައްޔެއް އަލުން ފެތުރެން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ، އެކަންކަމަށް މަގުފަހިވާ ކަންކަން ނައްތާލަންޖެހޭ ކަމަށެވެ.
ޖަމްޝީދުގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން އަދި ނުފަށާ ކަމަށެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ތަސްދީގު ކުރިތާ ތިން މަސްދުވަސް ފަހުން ކަމަށެވެ. އެ މުއްދަތަކީ ފެބްރުއަރީ 20، 2020 އެވެ.
ނަމަވެސް އޭގެ ކުރިންވެސް ވެކްސިން ދޭން ދެކޮޅު ހަދާ މީހުންނަށް މިހާރު އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
ނައްތާލާފައިވަނިކޮށް އަލުން ފެތުރެން ފަށާފައިވާ ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.
އެހެން ކަމުން ވެކްސިން ޖަހަން އިންކާރު ކުރާ މީހުންގެ ދަރިންނަށް ވެސް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ވެކްސިން ނުދީހުރި އެއްވެސް ކުއްޖަކަށް ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހިންގާ ބައެއް ސުކޫލްތަކަށް ވެކްސިން ނުދޭ ކުދިން ވައްދަމުންދާ ކަމަށާ އެކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ.
އަދި ވެކްސިން ދިނުމަށް އިންކާރު ކުރާ މީހުންގެ މައުލޫމާތު ސަރުކާރުގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އެއްވެސް ސުކޫލަކަށް، ސަރުކާރުގެ ތައުލީމުދޭ އެއްވެސް ނިޒާމެއްގެ ތެރެއަށް ވެކްސިން ނުދޭ ކުއްޖަކަށް ވެދެވޭނީ ވެކްސިން ދިނުމަށް ފަހު. ފާހަގަ ކުރެވިފައި އެބަހުރި، ވެކްސިން ނުޖަހާ ކުދިން އަމިއްލަ ފަރާތްތަކުގެ ސުކޫލްތަކަށް ވަދެފައި ހުރި ކަމަށް... ވެކްސިން ނުޖަހާ މީހުން، އެކަމަށް އިންކާރު ކުރާ މީހުންގެ މައުލޫމާތު އެބަހުރި. މިހާތަނަށް ވެކްސިން ނުޖަހާ ފަރާތްތަކާމެދުގައި ގާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަަބަބުން ވެކްސިން ނުޖަހާ ފަރާތްތައް އެ ގޮތުގައި ދެމި ތިބީ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް އަލުން ފެތުރެން ފަށާފައިވާއިރު، ކުރިން ތިބި ގޮތުގައި ސަރުކާރަށް ތިބެވެން ނޯންނާނެ ކަމަށެވެ. އެހެން ކަމުން އިންކާރު ކުރި ނަމަވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.
"އެހެންވީމަ މި ހާލަތުގައި އަޅުގަނޑުމެންނަށް މިވަގުތު މަޑު ކުރެވޭކަށް ނެތް." ވެކްސިން ޖަހަން ބެލެނިވެރިން ދެކޮޅު ހެދި ނަމަވެސް ސަރުކާރުން އެމީހުންގެ ދަރިންނަށް ވެކްސިން ދޭނެ ކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.