ހިމަބިހި ފެތުރުން

ހިމަބިހި ޖެހުނު މީހުންގެ އަދަދު ނުވަޔަކަށް އަރައިފި

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން މިދިޔަ މަހުގެ ތެރޭގައި ފެތުރެން ފެށި ފަހުން މިހާތަނަށް ނުވަ މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި ބަލި ޖެހިފައިވޭތޯ ބަލަން ކޮންމެ ދުވަހަކު ވެސް ޓެސްޓްތައް ހަދަމުން ގެންދާ ކަމަށާއި އިއްޔެ ޓެސްޓް ހެދި މީހުންގެ ތެރެއިން އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރާފަ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތުން އިއުލާން ކުރީ ތިން އަހަރުގެ ފިރިހެން ކުއްޖަކު ޓެސްޓު ކުރުމުން ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށް އެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

ހިމަބިހި ނުވަތަ މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.