ދީނީ އިލްމުވެރިން

އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ތަންފީޒު ކުރުމަށް އިލްމުވެރިން ގޮވާލައިފި

ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ދިނުމަށް ދީނީ އިލްމުވެރިން ގޮވާލައްވައިފި އެވެ.

އިލްމުވެރިން މިކަމަށް ގޮވާލާފައިވަނީ ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، ދެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއްސަލަފްގެ ނާއިބް ރައީސް އައްޝައިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މީހުންނަށް ހައްގު އުގޫބާތް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

އަދި މިފަދަ ލާއިންސާނީ ޖަރީމާތައް ހިންގާ މީހުންގެ މައޫލޫމާތު ރިޕޯޓްކޮށް، އެ މީހުން ހުއްޓުވުމަށް މުޅި މުޖްތަމައުގެ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒާހިރު ވިދާޅުވީ އިސްލާމްދީނަކީ އިންސާނުން ދިރިއުޅުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ އެންމެ ފުރިހަމަ ނިޒާމް ކަމަށެވެ. ޖިންސީ ގޯނާ ކުރުމާއި، މީހުން މެރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، މުރުތަދުވުން ފަދަ ކަންކަމުގައި ހައްލަކީ ހެޔޮ ނަސޭހަތް ދިނުމާއެކު ކުށައް އަރައިގަންނަ މީިހުންނަށް ދީނުގައިވާ އަދަބު ދިނުން ކަަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު އަނިލް ވިދާޅުވީ ދެ އަހަރު އަންހެން ދަރިއަކާއި ޖިންސީ ގުޅުން ހިންގި މީހަކަށް މަރުގެ އަަދަބު ނޫން އަދަބެއް ދިނުމަކީ އެ ކުއްޖާއަށް ވެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެ ކަމަށެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާ." އަނިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްވެސް ވިދާޅުވީ މުޖްތަމައުގައި ނުރަނގަޅު ކަންކަން ހުއްޓުވުމަށް އޮތް ހަމައެކަނި ހައްލަކީ އިސްލާމީ ޝަރީއަތް ފުރިހަމައަށް ތަންފީޒު ކުރުން ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށެވެ.

"ހާއްސަކޮށް އެ އަމަލު ހިންގަނީ އާއިލާގެ ތެރެއިން ބަޔަކުނަމަ އެމީހުންގެ އަދަބު އިތުރަށް ބޮޑުކުރަން ޖެހޭ."

ޝަހީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.

ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ ދެ އަހަރުގެ ތުުއްްތު ކުއްޖަކު ރޭފް ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވާހަކަ އަޑުއެހީ އަޖައިބުވެ ހުރެ ކަމަށެވެ.

"ސުބްހާނަﷲ. ހިތަށް އަރަނީ މިހާ ނުބައި ޖައްބާރު މީހުންވެސް އުޅޭ ބާވައޭ ހަމަ އަޅުގަނޑުމެންގެ ތެރޭގައި. ސުބްހާނަﷲ."

ޝައިޚް ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވެެއްޖެނަމަ މަރުގެ އަދަބު ދިނުމަށް ގޮވާލައްވާފައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އެންމެ ބޮޑަށް ރައްކާތެރިކަން ލިބެންޖެހޭ ބަޔަކީ ކުޑަކުދިން ކަމަށާ އެ ކުދިންނަށް ޖިންސީ ގޯނާކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ކަމަށެވެ.

"އެފަދަ މީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ."

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 62 އަހަރުގެ ފިރިހެނަކާއި 82 އަހަރުގެ ފިރިހެނެކެވެ.

އަވަސްއާއި ވާހަކަދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.