މުހައްމަދު ނާޒިމް

ފަތުވާ ނެރޭނީ ސިޔާސީ ލީޑަރުންނެއް ނޫން، ފަތުވާ މަޖިލީހުން: ނާޒިމް

ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފު ކޮށްދޭން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާލާފައި އޮތް އޮތުމާމެދު ކަންބޮޑުވުން ފާޅު ކުރައްވައެވެ. އަދި ޔޯގާއަކީ ޝިރުކެއްކަން އިލްމުވެރީންގެ އިޖްމާއުން އެނގެން ނެތް ކަމަަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވާ ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތް އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވިއިރު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަން ނުކޮށް އެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާތާ ހަ މަސް ދުވަސް ދުވަސް ވަނީ އެވެ. އެ މައްސަލާގައި ސަރުކާރުގެ އެއްވެސް ސީރިއަސް ކަމެއް ނުފެނެއެވެ. އިސްލާމިކް މިނިސްޓްރީ އާއި އެ މިނިސްޓްރީންގެ ހިންގުން އޮތް އަދާލަތުންވެސް އެ މައްސަލާގައި ވާހަކައެއް ނުދައްކައެވެ.

ނަމަވެސް ބައެއް އިލްމުވެރީން ގެންދަވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަން އެ މަޖިލީހުގެ މަސައްކަތްތަކަށް ފުރުސަތު ދޭން ތަކުރާރުކޮށް ގޮވާލަމުންނެވެ.