އަދާލަތު ޕާޓީ

ވަގުތު ފާއިތުކޮށް ޔޯގާގެ ހުކުމް އަދާލަތުން ބުނެދީފި

ހިންދޫން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހަރަކާތް ރާއްޖޭގައި ކުރިއަށް ނުގެންދަން އެދި އިލްމުވެރީންނާއި އާންމުން ދެކޮޅު ހަދަމުން ދަނިކޮށް ޔޯގާ ދުވަސް ފާހަގަކުރިތާ މަހަކަަށް ވުރެ ގިނަ ދުވަސް ފަހުން ޔޯގާގެ ހުކުމް ބަޔާންކޮށް އަދާލަތުން ތަފްސީލީ ދިރާސާއެއް ނެރެފި އެވެ.

މި ސަރުކާރުގައި އޮތް އަދާލަތަކީ ދީނީ އިލްމުވެރީންގެ ބޮޑު ބައިވެރިވުމަކާއެކު އުފައްދާފައިވާ ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީ އުފެއްދި މަގުސަދާ ވަރަށް ބޮޑަށް ދުރަށް ގޮސްފައިވާ ކަމަަށް ވިދާޅުވެ ވަރަށް ގިނަ އިލްމުވެރީން ވަނީ އެ ޕާޓީ ދޫކޮށް ގޮސްފައެވެ.

ޔޯގާ ހަރަކާތް މާލޭގައި ބާއްވާފައި ވަނިކޮށް އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުން މިރޭ ނެރުނު ދިރާސާއެެއްގައި ބުނެފައިވަނީ މާތްﷲ ވަނީ އިންސާނިއްޔަތައްޓަކައި އެންމެ ފުރިހަމަ ނިޒާމްކަމުގައި އިސްލާމްދީން ލައްވާ ފުރިހަމަ ކޮށްދެއްވާ އަދި އެ ދީނާމެދު ރުހިވޮޑިގެންވާކަން ބާޔާންކުރައްވާފައި ކަމަަށާ އަދި އެ ދީން ފިޔަވައި އެހެން ދީނެއް ނުވަތަ އެހެން ދީނެއްގެ އަޅުކަމެއް ގަބޫލުވެވިގެން ނުވާކަން އަންގަވާފައިވާ ކަމަަަށެވެ.

އެހެން ކަމުން ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ގައުމުތަކުގެ ސަގާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު ސައްތައިން ސައްތަ މުސްލިމު މުޖުތަމައަށް އަންނަ އާދަކާދަތަކާއި ސަގާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަދީގެން ނުވާނެ ކަމަަށެވެ.

އަދާލަތުގެ އިލްމުވެރީންގެ ދިރާސާގެ އަލީގައި ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެންވާއިރު އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާންމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށެވެ.

"އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ،" ސަރުކާރުގެ މުހިންމު ދެ މިނިސްޓްރީއެއްގެ ކޮންޓްރޯލް އޮތް އަދި ސަރުކާރުގެ ބައިވެރިއެެއްގެ ގޮތުގައި އޮތް އަދާލަތުން ނެރުނު ދިރާސާގައި ބުނެފައިވެއެވެ.

އަދާލަތުގެ އިލްމުވެރީން ކުރެއްވި ދިރާސާގައި ޔޯގާގެ މަފްހޫމާއި ޔޯގާގެ ލުޣަވީ އަދި އިސްތިލާހީ މާނަ އާއި މި ޒަމާނުގެ ޔޯގާގެ މަފްހޫމް އާއި ހުޅަނގުގެ ގައުމުތަކުގެ މަފްހޫމް އާއި ޔޯގާގެ އާލަމީ މާނަ އާއި ޔޯގާގެ ފަލްސަފީ މަގުސަދާއި ޔޯގާގެ ބައެއް ހަގީގަތްތަކާއި ޔޯގާގެ އުންސުރުތަކާއު ޔޯގާއަކީ އެއްވެސް ދީނަކާ ގުޅުން ހުރި ކަމެއްތޯ އާއި އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ އާއި ފިގުހީ ރައުޔުތަކާއި ރައުޔުތަކުގެ ހުލާސާ އާއި ރާޖިހު ރައުޔު އާއި ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައް ވަރަަށް ތަފްސީލު ކޮށް ބަޔާން ކޮށްފައިވެއެވެ.

ސަރުކާރުގައި އޮތް އަދާލަތު ޕާޓީގެ ރައީސް އާއި ޕާޓީގެ ބައެއް އިލްމުވެރީން މިފަހުން ގެންދަނީ ސިޔާސީ އެކި މައްސަލަތަކާއި ދީނީ އެކި މައްސަލަތަކުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް މިދިޔަ މުއްދަތުގައި ރާއްޖޭގައި ހިނގާދިޔަ ރައްޔިތުންގެ ކަންބޮޑުވުން ހުރި އެތައް މައްސަލައެއްގައި ބަސް ބުނަން އަދާލަތު އޮތީ ފަސް ޖެހިފައެވެ. ބައެއް މީހުންގެ ނަޒަރުގައި އަދާލަތުން އަލުން ހަރަކާތްތެރިވެ ބަސް ބުނަން ފެށީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެދިވަޑައިގެން ހޯއްދެވި ހޯމް މިނިސްޓަރު ކަމުން އޭނާ ވަކި ކުރައްވަން ރައީސް ނިންމެވުމުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސަރުކާރުން ވެސް އަދި މިނިސްޓަރު އިމްރާންވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.