ދީނީ އިލްމުވެރިން

އިމްރާނަށް ސަނާ ކިޔާ މީހުންނަށް ފަޒްލޫންގެ ރައްދެއް

ބިދޭސީ ފިރިހެނަކާއި ދިވެހީންގެ އެތައް ސަތޭކަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ އެ މަންޒަރު ވީޑިއޯކޮށް އާންމުކުރި މައްސަލާގައި ދިވެހި ރައްޔިތުންނާއި ދީނީ އިިލްމުވެރީން އަޑުއުފުލާ އެ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލާތާ އެތައް ދުވަހެއް ފަހުން ޖިންސީ ގުޅުން ހިންގި މީހުން ހައްޔަރު ކުރަން ފެށުމުން ސަރުކާރުގައި އޮތް އަދާލަތު ޕާޓީގެ ހިމޭންހަން ކަނޑުވާލާ ފިޔަވަޅު އަޅަން ފެށުމަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ހިތްވަރު ހުރިކަން ހާމަވާ ކަމެއް ކަމަށް ބުނެ އަދާލަތުގެ އިސްވެރީންނާއި އެކްޓިވިސްޓުން ދައްކަމުންދާ ވާހަކަތަކަށް ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ރައްދު ދެއްވައިފި އެވެ.

ފަޒްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިވާތުކުރި މީހުން ހައްޔަރު ކުރުމުގެ ތައުރީފު އިމްރާނަށް ކުރާ ނަމަ އޭނާއާއި ޝެއިޚް ނިޝާން އަދި ޔޯގާ ހަރަކާތާ ދެކޮޅަށް ނިކުތް މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުމުގެ ޒިންމާވެސް އިމްރާނުގެ ބޮލުގައި އަޅުވަން ޖެހޭނެ ކަމަށެވެ. ފަޒްލޫން ވަނީ މިނަންވާނީ އެއް ނާޅި އަކުން ކަމަށް ވިދާޅުވެ އިމްރާންގެ ދިފާއުގައި ޓްވީޓް ކުރަމުންދާ މީހުންނަށް ރައްދު ދެއްވާފައެވެ.

ޔޯގާ ދުވަހު އިހުތިޖާޖު ކުރުމުން ފަޒްލޫން ހައްޔަރު ކޮށް މަސް ދުވަހު ޖަލު ގޮޅީގައި ގެންގުޅެފައިވެއެވެ. ފަޒްލޫން މިނިވަން ކޮށް ދޫކޮށްލީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމުގެ އަމުރެއް ދިނުމަށް ފުލުހުންގެ މުއައްސަސާއިން ތަކުރާރުކޮށް އެދެެމުން ދަނިކޮށް ކޯޓުންނެވެ. ކޯޓުން ދޫކޮށްލީ ފުލުހުން ދައްކާ ވާހަކަތަކުން އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމުމަށް ފަހު އެވެ. ނަމަވެސް ފުލުހުން މިހާރުވެސް ގެންދަނީ އެ މައްސަލަ ހައިކޯޓަށް ގެންގޮސް ފަޒްލޫން އަލުން ބަންދަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ދިވެހީންގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެ އެ މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްޗެއް ވިދާޅުނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭނާއަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި މައްސަލާގައި އަދާލަތުން ބަޔާނެއް ނެރުނީވެސް ދާދި ފަހުންނެވެ. އަދާލަތަށް ނިސްބަތްވާ ބައެއް އިލްމުވެރީން އަމިއްލަ ހައިސިއްޔަތުން އެ މައްސަލާގައި ޓްވީޓް ކުރެއްވިއެވެ. އަދި ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރިއެވެ. ނަމަވެސް އެ ފާޑުކިޔުންތަކުން އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އިމްރާން އަބްދުﷲ ސަލާމަތް ކުރައްވަން މަސައްކަތް ކުރެއްވިއެވެ.

މި މައްސަލާގައި އިމްރާންގެ ޓްވީޓެއް އައީ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށުމުންނެވެ. ވިދާޅުވީ މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަން އޭނާ އަބަދުވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމުގެ ހުރިހާ ކަމެއް އޮންނަނީ ފުލުހުންގެ އަތްމަތީގައި ނޫން ކަމަށް ވިދާޅުވެ އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް ދިފާއު ކުރައްވަން މަސައްކަތް ކުރެއްވިއެވެ.

އިމްރާންގެ އެ ޓްވީޓާއެކު އަދާލަތުގައި ތިއްބެވި އިލްމުވެރީންނާއި ބައެއް އެކްޓިވިސްޓުން ވަނީ އިމްރާންގެ ދިފާއުގައި ނިކުންނަވާފައެވެ. އަދި ޖިންސީ ގުޅުން ހިންގި މައްސަލާގައި ފުލުހުން ފިޔަވަޅު އަޅަން ފެށުމުން އެކަމުގެ ކްރެޑިޓް އިމްރާނަށް ހޯދައިދޭން މަސައްކަތް ވަނީ ފަށާފައެވެ.

ޔޯގާ ހަރަކާތް ބޭއްވި ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އާންމުން ހިމެނޭހެން ދެ އިލްމުވެރިއަކު ހައްޔަރުކޮށް ތަކުރާރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމުންވެސް އަދާލަތުގެ އިލްމުވެރީން ވަނީ މައްސަލައިގެ ފޯކަސް ގެއްލުވާލަން މަަސައްކަތް އިލްމުވެރީންގެ ބަންދު އިތުރު ކުރަނީ ފަނޑިޔާރުން ކަމަށް ދައްކަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބަންދުގެ މަޖިލީސްތަކުގައި އިލްމުވެރީން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އެދެނީ އިމްރާނަށް ޖަވާބުދާރާވާން ޖެހޭ ފުލުހުންގެ މުއައްސަސާއިންނެވެ.

ރާއްޖޭގައި އިސްލާމް ދީނާ ހިލާފު އަމަލުތައް ފާޅުކަން ބޮޑުކޮށް މިހާ ގިނަވެފައިވާ ދުވަސްވަރެއް މިފަހުން ނާދެ އެވެ. އެ ހުރިހާ ކަމެއް ހިނގާއިރު އިމްރާން ހުންނެވީ އެ ހުރިހާ ކަމެއްގެ ބޮޑު ޒިންމާއެއް ވެސް އޮތް ދާހިލީ ވުޒާރާގެ ވަޒީރު ކަމުގަ އެވެ. އަދި އަދާލަތުގެ ރައީސް ކަމުގެ މަގާމުގަ އެވެ. ނަމަވެސް ރާއްޖޭގައި ހިނގައިދާ ދީނާ ހިލާފު ކަން ކަމާ ދެކޮޅަށް އަދާލަތުގެ ދައުރެއް ނެތެވެ. އަދި ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އިމްރާން އެއިން އެއްވެސް ކަމަކާ ދެކޮޅު ހައްދަވާފައެއް ނުވެއެވެ. މިފަދަ ކޮންމެ ކަމެއް ނިމުމުން އަދާލަތު ޕާޓީގެ އިލްމުވެރީންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ނިކުމެ ކްރެޑިޓް ހޯދަން މަސައްކަތް ފަށައެވެ.

އެފަދަ އެއް ކަމަކީ ލާދީނީ ޖަމިއްޔާ އެމްޑީއެން އުވާލުމަށް ޕްރެޝަރުކޮށް ރައްޔިތުންނާއި ދީނީ ޖަމިއްޔާތަކާއި އިލްމުވެރީން ކުރި މަސައްކަތެވެ. ރާއްޖޭގައި މި ފަހުން ބޭއްވުނު އެންމެ ގިނަ އިހުތިޖާޖުތައް ކުރިއަށް ދިޔައީ މި މައްސަލާގައެވެ. ލާދީނީ ރިޕޯޓް އާންމުވުން އާންމުން ރުޅިގަދަވެ މަގުތަކަށް ނިކުތުމުންވެސް އަދާލަތު ހިޔާރުކުރީ ހިމޭން ކަމެވެ. ބޭނުންވީ ސަރުކާރުގައި އޮތުމާއި ލިބިފައިވާ މަގާމުތައް ދެމެހެއްޓުމެވެ. ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ އެ ޖަމާއަތް އުވާލަން ނިންމުމުން އަދާލަތު ހޭލައި އެ މަސައްކަތުގެ ކްރެޑިޓް ހޯދަން މަސައްކަތް ފެށިއެވެ. އަދި އެމްޑީއެން އުވާލީ އެ ޕާޓީގެ މަސައްކަތުން ކަމަށް ދައްކަން މަސައްކަތް ކުރިއެވެ. އެފަދަ ކަންކަމުގެ ސަބަބުން ކުރީން ގިނަ ބަޔަކު ވަރަށް އިހުތިރާމު ކުރި އަދާލަތާމެދު ގިނަ ބަޔަކު ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ.

އަނެއްކޮޅުން މިފަދަ މައްސަލަތަކުގައި އަދާލަތު ވާހަކަ ދައްކަން ފަށާފައި މިވަނީ އިމްރާންގެ މަގާމު ގެއްލެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ހޯމް މިނިސްޓަރު ކަމުން އިމްރާން ދުރުކޮށް އެ މަގާމަށް އެހެން ބޭފުޅަކު ގެންނަން ނިންމައިފި ކަމަށް ވާހަކަ ދެކެވެމުން ދާ ވަގުތެއްގައެވެ.