ރާއްޖޭގައި ރަނގަޅު ނުވެ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ފަހުން ވަރަަށް ގިނަ އިން ޓްވީޓް ކުރައްވާ އިމްރާންގެ މިއަދުގެ ޓްވީޓްގައި ވިދާޅުވީ ގައުމެއްގެ ހާލަތު ރަނގަޅު ވާނީވެސް އަދި ގޯސްވާނީވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލު ކުރުމުން ކަމަަށެވެ.
އިމްރާން ވަނީ ރާއްޖޭގައި ރަނގަޅު ނުވެ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ވިދާޅުވެފައެވެ. އަދި ހަގީގަތުގައި އިސްލާހަށް މަސައްކަތް ކުރަނީ ކިތަަށް މީހުންތޯ ސުވާލު ކުރެއްވިއެވެ.
މިފަދަ ސުވާލެއް ކުރިމަތި ކުރައްވާ އިމްރާން ޓްވީޓެއް ކުރެއްވި ސަބަބެއް ސާފުކޮށް ވިދާޅެއް ނުވެއެވެ.
ހޯމް މިނިސްޓަރު ކަމަށް ވަޑަައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތުން ނޫން ގޮތަކަށް ވަރަށް މަދުން ނޫނީ އިމްރާން ޓްވީޓް ނުކުރައްވައެވެ. ނަމަވެސް ޖުލައި ފެށުނީއްސުރެ އޭނާ ގެންދަވަނީ އެކި މައުލޫތަކަށް ޓްވީޓް ކުރައްވަމުންނެވެ.
ފުރަތަމަ ޓްވީޓް ކުރައްވަން ފެއްޓެވީ އަދާލަތަކީ ދީނުގެ ދިފާއަށް އުފެއްދި ޕާޓީއެއް ކަމަށާ އެ މަގުސަދުގަައި ދެމި އޮންނާނެކަން ޔަގީން ކޮށްދެއްވުމަށް ކުރެއްވި ޓްވީޓްތަކެކެވެ. ނަމަވެސް އެ ޓްވީޓްތަކަށް އެތައް ބައެއްގެ ފާޑުކިޔުންް އަމާޒުވިއެވެ. ދީނީ ދެ އިލްމުވެރިއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުންދާތީ އިލްމުވެރީން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އިލްމުވެރީންނަށް އަނިޔާއެއް ނުދެއްވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓާއެކުވެސް ފާޑުކިޔުން އިތުރުވީ އެވެ. ނަމަވެސް އިމްރާން ގެންދަވަނީ ފުލުފުލުގައި ޓްވީޓް ކުރައްވަމުންނެވެ.
މިފަހުން އިމްރާން ތަފާތު ޓްވީޓްތައް ކުރައްވަން ފެއްޓެވީ ހޯމް މިނިސްޓަރު ކަމުން ބަދަލު ކުރެއްވުމަށް ރައީސް ނިންމެވުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިމްރާންވެސް އަދި ސަރުކާރުންވެސް އެކަމާއި ގުޅޭ އެއްވެސް ވާހަކައެެއް ހާމައެއް ނުކުރެއެވެ.