ދީނީ އިލްމުވެރިން

ޝައިހް ސަމީރުގެ ހޫނު ރައްދެއް އިމްރާނަަށް

ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަސް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އިމްރާނަށް، ޝައިހް ސަމީރު ރައްދު ދެއްވާފައި މިވަނީ ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުމާއި ރައްދު އިމްރާނަށް އަމާޒުވެފައި ވަނިކޮށެވެ.

ޝައިހް އަހްމަދު ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ. ސަމީރު އެ އިޝާރާތް ކުރައްވާ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން، ތުހުމަތުތަކެއް ކުރައްވާ ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫން ހައްޔަރު ކޮށްފައިވާ ވުމަށެވެ. ފުލުހުން ގެންދަނީ ދެ އިލްމުވެރީންގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން އިތުުރު ކުރުމަށް ބަންދު މަޖިލީހުގައި ތަކުރާރުކޮށް އެދެމުންނެވެ. ފުލުހުން ޖަވާބުދާރީވާން ޖެހޭ މިނިސްޓަރަކީ ހޯމް މިނިސްޓަރެވެ.

ދިވެހީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް އޮތް ޝައިހް އަހްމަދު ސަމީރަކީ ސިޔާސީ ކަންކަމުގައި އެކި ބޭފުޅުންނަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ދީނީ މައްސަލަތަކުގައި ކަން އޮތްގޮތް ބަޔާން ކޮށްދެއްވާ މުންކަރާތްތައް ހުއްޓުވަން ވަރުގަދައަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓާއި ގުޅިގެން އޭނާއާ އަދާލަތަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ރާއްޖޭގައި އިސްލާމް ދީނާ ހިލާފު އަމަލުތައް ފާޅުކަން ބޮޑުކޮށް މިހާ ގިނަވެފައިވާ ދުވަސްވަރެއް މިފަހުން ނާދެ އެވެ. އެ ހުރިހާ ކަމެއް ހިނގާއިރު އިމްރާން ހުންނެވީ އެހުރިހާ ކަމެއްގެ ބޮޑު ޒިންމާއެއް ވެސް އޮތް ދާހިލީ ވުޒާރާގެ ވަޒީރު ކަމުގަ އެވެ. އަދި އަދާލަތުގެ ރައީސް ކަމުގެ މަގާމުގަ އެވެ. ނަމަވެސް ރާއްޖޭގައި ހިނގައިދާ ދީނާ ހިލާފު ކަން ކަމާ ދެކޮޅަށް އަދާލަތުގެ ދައުރެއް ނެތެވެ. އަދި ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އިމްރާން އެއިން އެއްވެސް ކަމަކާ ދެކޮޅު ހައްދަވާފައެއް ނުވެއެވެ.