މޭޑޭ -- މެއި 1، 2015 -- ގެ މުޒާހަރާގެ ބައިވެރީންގެ އަމަލުތަކުގެ ޒިންމާ އެ މުޒާހަރާ ލީޑު ކުރެއްވި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާންް އަބްދުﷲ ނަންގަންވަން ޖެހިވަޑައިނުގެންފައި ޔޯގާ ޑޭ -- ޖޫން 21، 2022 -- ގައި މުންކަރާތް ހުއްޓުވަން ނިކުތް ޝައިހުން، އެހެން ބަޔަކު ހިންގި ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ޖެހުން އެއީ އަދުލް އިންސާފުތޯ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ހަސަން މޫސާ ފިކުރީ ސުވާލު ކުރައްވައިފި އެވެ.
ޝައިހް ހަސަން މި ސުވާލު ކުރެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. ހޯމް މިނިސްޓަރުގެ މަގާމުގައިވެސް ހުންނެވި އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެކަމުގެ ދިފާއުއަށް އޭނާ ކުރައްވަމުން ގެންދަވާ ޓްވީޓްތަކާއި ގުޅިގެން ހޫނުފެނަށް ވެއްޓިފައިވާ އިމްރާނަށް އަމާޒު ކުރައްވާ ޝައިހް ހަސަން ވަނީ އަނިޔާވެރި ކަމަކީ ވަކި ބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.
"މޭޑޭގެ މުޒާހަރާގެ ބައިވެރީންގެ އަމަލުތަކުގެ ޒިންމާ ޝައިހް އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ޑޭގެ މުންކަރާތް ހުއްޓުވަން ނިކުތް ޝެއިހުން އެހެން ބަޔަކު ހިިންގި ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ޖެހުން، އެއީ އަދުލް އިންސާފުތޯ؟ އަނިޔާވެރި ކަމަކީ ވަކި ބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯ،" ޝައިހް ހަސަން މޫސާ ފިކުރީ ސުވާލު ކުރައްވާފައިވެއެވެ.
ޝައިހް ހަސަން އަކީ ސިޔާސީ ކަންކަމަށާއި ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވެ މީގެ ކުރީން އެއްގޮތަކަށްވެސް ޓްވީޓް ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެން ޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ހައްޔަރު ކޮށްގެން ގެންގުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެ ދެ އިލްމުވެރީން ޔޯގާ ޑޭގައި ހިންގަން އުޅުނު މުންކަރާތް ހުއްޓުވަން އިހުތިޖާޖު ކުރިނަމަވެސް ބަަޔަކު ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގަން ފެށުމުން އެކަން ހުއްޓުވަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ.
އަދި ހަމަނުޖެހުން އުފެދުމުން އިހުތިޖާޖު ނިންމާލިކަން އިއުލާނުކޮށް އެ ސަރަހައްދުން ދިއުމަށް ޝެއިހުން ވަނީ އިލްތިމާސް ކޮށްފައެވެ. ނަމަވެސް ހަމަނުޖެހުމުގައި އިސްކޮށް ތިއްބެވީ އެ ބޭފުޅުން ކަމަށް ވިދާޅުވެ ފުލުހުން ގެންދަނީ ޝަރީއަތް ނިމެންދެން ދެ އިލްމުވެރީން ބަންދުގައި ބެއިތިއްބުމަށް ކޯޓްގައި އެދެމުންނެވެ. މިކަމާމެދު އިލްމުވެރީންނާއި އާންމުން އަދި ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅު ކުރިނަމަވެސް އަދާލަތާއި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި މުންކަރާތްތަކާއި ފާހިޝް އަމަލުތައް ވަރަށް ގިނަ ވެފައި ވަނިކޮށް އެއިން އެއްވެސް ކަމެއް ހުއްޓުވަން މަސައްކަތް ނުކުރައްވާ ތިއްބަވާ އަދާލަތު ޕާޓީ ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަށް ވިދާޅުވެ އިމްރާން ޓްވީޓް ކުރެއްވުމުން އެތައް ބަޔަކު ވަނީ ފާޑުވިދާޅުވެފައެވެ.