އިމްރާން އަބްދުﷲ

ސައްހަ އަގީދާ ބުނެދިނުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތު: އިމްރާން

އިސްލާމްދީނުގެ ސައްހަ އަގީދާ ބުނެ ދިނުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީނުގެ ހިދާޔަތު ފެތުރަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ޖަމިއްޔަތުއް ސަލަފް އުވާލުމަށް ގޮވާލާ އަޑު މަޖިލީސްތެރޭގައި ގަދަވެފައި ވަނިކޮށެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސަލަފް ވަގުތުން އުވާލުމަށް ގޮވާލާފަ އެވެ.

ސަލަފް ޖަމިއްޔާއަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމިއްޔާއަށް ފަންޑު ކުރާ ފަރާތްތަކާއި މާލީ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވެސް ވަނީ ނިންމާފަ އެވެ. އަދި އަދި ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށް ބުނެ ފިޔަވަޅު އެޅުމަށް ވެސް އެ ކޮމެޓީން ނިންމި އެވެ.

ހޯމް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ސައްހަ އަގީދާ ބުނެ ދިނުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނައަޅާފައިވާ އަމަލުތަކާއި، އިސްލާމްދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް." އިމްރާން ވިދާޅުވި އެވެ.