އިޖުމާއު -- ޝަރުއީ ހުކުމެއްގައި އުންމަތުގެ ދަންނަ ބޭކަލުން އިއްތިފާގުވެފައިވާ ކަމެއް -- ނެތް ކަމުގައި ބުނެ ކޮންމެ ކަމެއްގައިވެސް އެއީ "އިހުތިލާފި މައްސަލައެއް" ކަމުގައި ދެކި ބަޔަކު މީހުން ދީނަކީ ކުޅިވަރެއްގެ ކަމުގައި ހަދަމުންދާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ޝައިހް ސަމީރު މިފަދައިން ވިދާޅުވެފައި ވަނީ ޔޯގާއަކީ ޝިރުކެއްކަން އިލްމުވެރީންގެ އިޖްމާއުން އެނގެން ނެތް ކަމަަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ޝައިހް ވިދާޅުވި ގޮތުގައި އިޖުމާއު -- ޝަރުއީ ހުކުމެއްގައި އުންމަތުގެ ދަންނަ ބޭކަލުން އިއްތިފާގުވެފައިވާ ކަމެއް -- ނެތް ކަމުގައި ބުނެ ކޮންމެ ކަމެއްގައިވެސް އެއީ "އިހުތިލާފި މައްސަލައެއް" ކަމުގެ މަކަރުވެރި ލިބާސް ލައްވާ ދީނަކީ ކުޅިވަރެއް ކަަމުގައި ހެދުމަކީ ލާދިނިއްޔަތުގެ އަހުލުވެރީން "އިޖްމާއު" ވާ ނުކުތާ އެއް ކަމަށެވެ.
އަދި އެހެން ހުރިހާކަމެއްގައިވެސް އެ މީހުންނަކީ ހަތުރުވެރީން ކަމުގައިވީ ނަމަވެސް މިފަދަ ކޮންމެ މައްސަލައެއްގައި އެ މީހުންގެ ވިސްނުން އެއްގޮތް ކަަމަށް ޝައިހް ވިދާޅުވިއެވެ.
ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް އިލްމުވެރީން ވިދާޅުވާތީ އެކަމަށް ރައްދުދީ ރައީސް ނަޝީދު ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން އިލްމުވެރީންގެ އިޖްމާއުން އެނގެން ނެތް ކަމަަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަަށެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް ސާފު ދަލީލުތަކާއެކު ރާއްޖޭގެ 104 އިލްމުވެރިއަކު ސޮއިކުރައްވާ ޔޯގާގެ ޝަރުއީ ހުކުމް ބަޔާންކޮށް ފަތުވާއެއް ވަނީ ނެެރެފައެވެ. އަދި ދީނީ އިލްމުވެރީން ނިސްބަތްވާ އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުންވެސް ވަނީ ހިންދޫން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހެދުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބަޔާންކޮށް ކަރުދާހެއް ނެރެފައެވެ.
އިޖްމާއު [ޝަރުއީ ހުކުމެއްގައި އުންމަތުގެ ދަންނަ ބޭކަލުން އިއްތިފާގުވެފައިވާ ކަމެއް] ނެތް ކަމުގައި ބުނެ ކޮންމެ ކަމެއްގައިވެސް 'އިހުތިލާފީ މައްސަލައެއް' ކަމުގެ މަކަރުވެރި ލިބާސް ލައްވާ ދީނަކީ ކުޅިވަރެއް ކަމުގައި ހެދުމަކީ ލާދިނިއްޔަތުގެ އަހުލުވެރީން 'އިޖްމާއު' ވާ ނުކުތާ އެކެވެ. އެހެން ހުރިހާ ކަމެއްގައި އެއުރެންނީ ހަތުރުން ކަމުގައި ވީނަމަވެސް މެ އެވެ.އައްޝައިހް އަހުމަދު ޝަމީރު
ރާއްޖޭގެ ވަރަށް މަޝްހޫރު ދީނީ އިލްމުވެރީންވެސް ހިމެނޭ ގޮތުން 104 އިލްމުވެރިއަކު ސޮއިކުރައްވާ ދެންމެ ނެރުނު ފަތުވާގައި ބުނެފައިވަނީ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމެއް ކަމަށާ ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށެވެ. އެހެންކަމުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށެވެ.
ހިންދޫންގެ ދީނީ މުސްތަލަހުގައި ޔޯގާ މި ނަން ބޭނުންކުރަނީ ހަށިގަނޑާއި ސިކުނޑިއާ ގުޅުވުމުގެ މާނައިގައި ކަމަށާ އަދި އިންސާނާ އާއި ގުދުރަތާ ފުރިހަމަ ގުޅުމަކުން ގުޅުވާލުމުގެ މާނައިގައި ކަމުގައިވީއިރު އެއީ އިންސާނާ އިލާހާ ގުޅާލައި އޭނާގެ ނަފުސު އިލާހިއްޔަތަށް ބަދަލުކުރުން ނުވަތަ އިލާހީ ހިކުމަތަށް އޭނާ ވާސިލުވުން ކަމަށެވެ.
".... އެހެންކަމުން ހިންދޫންގެ ގާތުގައި ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެކެވެ. އެގޮތުން މީހާގެ އެތެރެފުށުގެ އީމާންކަމާއި ރޫހާނީ ބައި ހިމެނޭ ފިކުރީ ބަޔާއި ބޭރުފުށަށް ފެންނަ އަމަލީ ބައާއި މައިގަނޑު ދެ ބައި ޔޯގާގައި އޮވެއެވެ. ހިންދޫންނާއި ބުޑީސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވަނީ ހަށިގަނޑުގެ ބާރާއި ނަފުސާނީ ބަރާއި ސިކުނޑީގެ ބާރާ މި ތިން އަސާސުގެ މައްޗަށެވެ. އަދި ޔޯގާގެ ފަސް ބައި ފުރިހަމަ ވުމުން އެމީހާ އެވަނީ ބަލި ވުމާއި މުސްކުޅި ވުމާއި މަރު ވުމުން ވެސް ސަލާމަތްވެފައެވެ،"
މީގެ އިތުރުން އިންސާނާގެ ރޫހު ނެތި ފަނާވެ ދިޔުމުން ސަލާމަތް ކޮށްދެނީ އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް އެ ރޫހު ބަދަލުވެގެން ކަމަށް ހިންދޫން ގަބޫލުކުރާ ކަމަށާ އެ ފަލްސަފާގެ މައްޗަށް ބިނާކޮށް ރޫހު އެހެން ހަށިގަނޑަކަށް ބަދަލުވުމުގެ ތަމްރީނެއްގެ ގޮތުންނާއި އެއަށްފަހު އެ ރޫހު ގޮސް ބޮޑު އިލާހާ ގުޅުވުމަށް ޓަކައި ޔޯގާ ހަދަން ޖެހޭ ކަމަށް އެމީހުން ދެކޭ ކަމަށެވެ. އަދި މިއީ މިއީ ބުދު ދީނުގެ އަހުލުވެރީންނާއި އެ ދީނުގެ އަގީދާގެ އިސް މީހުން ދެކޭ ގޮތް ކަމަށެވެ.
އިލްމުވެރީންގެ ފަތުވާގައި ބުނެފައިވަނީ ހަށިގަނޑުގެ ސިއްހަތާއި ނަފުސީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާކޮށް ޔޯގާ ހެދުމުގައި އިރަށް ކުރިމަތިލައިގެން ތިބެ ގުދުވެ ބޯ ތިރިކުރުމާއި ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިން ހަމަހިމޭންވުން އޮންނަ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ކިޔަން ޖެހޭ ނަންތަކަކާއި ކަލިމަތަކެއް ވެސް އެމީހުން ގެންގުޅޭ ކަމަށެވެ. މީގެ އިތުރުން ކަސްރަތަކަށް ބަލާނަމަ އާންމުކޮށް ކޮށްއުޅޭ ކަސްރަތު ތަކާ އަޅާބަލާއިރު ޔޯގާއަކީ ހަށިގަނޑުގެ ކަސްރަތު ފުރިހަމައަށް ލިއްބައިދޭ ކަމެއް ނޫންކަން ކަސްރަތުގެ މާހިރުން ފާހަގަކުރާ ކަމަށް ވަނީ ބުނެފައެވެ.
"... އެހެންކަމުން ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ކަސްރަތެއް ކުރާނަމަ ކަސްރަތުގެ ގޮތުގައި ކުރެވޭ އެހެން ކަންކަން ކުރުން މާ ރަނގަޅެވެ. ވީމާ އެގޮތުން ބަލާއިރު ވެސް ޔޯގާގެ އަސާސް ކަމުގައިވާ ހަށިގަނޑާއި ސިކުނޑިއާއި ނަފުސު އިލާހާ ގުޅުވުމުގެ ބޭނުމަށް ކުރެވޭ ހަރަކާތް ތަކެއްގެ ގޮތުގައި މެނުވީ ޔޯގާ ކުރުމުގެ ބޭނުމެއް އޮންނާނެ ކަމަށް ބެލެވޭކަށް ނެތެވެ،"
އިލްމުވެރީންގެ ދިރާސާގެ އަލީގައި ނެރުނު އެ ފަތުވާގައި ބުނެފައިވަނީ ކަސްރަތުގެ ނަމުގައި ޔޯގާ ތައާރަފު ކުރުމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށެވެ. އަދި އެދީނަށް މީސްތަކުން ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުން ކަމަށެވެ.
"އިސްލާމީ ދުނިޔޭގައި މުސްލިމުން ދީނާ ދުރުވެފައި ތިބި ނަމަވެސް ގިނަ މުސްލިމުން އަދިވެސް ތިބީ އެބައިމީހުންގެ އަސާސީ އަގީދާ ގައި ހިފަހައްޓައިގެންނެވެ. އަދި އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ބައެއް އަޅުކަންތަކާ ދުރުގައި އުޅުނަސް އެބައިމީހުންގެ ހިތްތަކުން އެހެން ދީންތަކުގެ ފަލްސަފާތަކާއި ރަމްޒުތަކާއި ޝިއާރުތަކަށް ޖާގައެއް ދޭކަށް މުސްލިމުން ނުރުހެ އެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގައި ޔޯގާ ފެތުރުމުގައި ކާމިޔާބު ހޯދި މިންވަރަށް މުސްލިމުންގެ ތެރޭގައި އެކަން ކުރުމުގައި އެދެވޭ ކާމިޔާބެއް ހިންދޫންނަށް ލިބިފައި ނުވެއެވެ،"
ފަތުވާގައި ބުނެފައިވަނީ ބާތިލު އަގީދާތަކެއްގެ މައްޗަށް ބިނާވެފައިވާ ޔޯގާ އިސްލާމުންގެ ތެރޭގައި ފެތުރުމަށް ބަޔަކު މަސައްކަތް ކުރަނީ އޭގައިވާ އަގީދާއާ ގުޅޭ ބައިތައް ވަންހަނާ ކުރުމަށް ފަހު އެއީ ހަމައެކަނި ޖިސްމާނީ ހަށިގަނޑާއި ނަފުސަށް ހުރި ސިއްހީ ފަރުވާއެއް ކަމަށް ދައްކައިގެން ކަމަށެވެ.
މީގެ އިތުރުން ޔޯގާގެ ހުކުމާ މެދުގައި އިސްލާމީ އުންމަތުގެ އިލްމުވެރިންގެ ފަތުވާވެސް ވަރަށް ތަފްސީލުކޮށް ވަނީ ހިމަނާފައެވެ. އެ ފަތުވާތަކަށް ފަހު ބަޔާނުގައި ބުނެފައިވަނީ ޔޯގާއާ ބެހޭ ގޮތުން އިސްލާމީ އުންމަތުގެ އިލްމުވެރިން އެކަންކަން ދިރާސާ ކުރެއްވުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތަކަށް ބަލާއިރު ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށެވެ.
ޔޯގާގެ ހުކުމް ބަޔާންކޮށް 104 އިލްމުވެރިއަކު ސޮއިކޮށް ނެރެފައިވާ މި ފަތުވާއަކީ އިލްމުވެރިންގެ ގުޅުމުގެ ބަހުސްތަކާއި އިލްމީ ދިރާސާ ކޮމިޓީގެ ފަރާތުން މެއި 15 އިން ފެށިގެން ޖުލައި 18 އާ ދެމެދު ޔޯގާގެ ހުކުމާއި ގުޅޭގޮތުން ކުރެވުނު ދިރާސާގެ ހުލާސާއެއް ކަމަށެވެ. އެ ފަތުވާގައި ބުނެފައިވަނީ ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމުން އެފަދަ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައެވެ.