ދެކުނުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ގއ. ކަނޑުހުޅުދޫގައި އުމުރުން އެއް އަހަރާއި، ނުވަ މަހުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުން ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންގެ ސަމާލު ކަމަށް އެކަން އައީ މިދިއަ ބުދަ ދުވަހު އެވެ. އެ މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާއަށް ފުލުހުން ހިއްސާ ކޮށްފައި ވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އޭގެ ފަހަށް މިދިއަ ހުކުރު ދުވަހު ކުއްލި ގޮތަކަށް އެ މައްސަލަ "ތެދުވެ" ވަރަށް ބޮޑަށް ހޫނުކޮށްލި އެވެ. އެ މައްސަލައާއެކު އާންމުން ރުޅި އައިސް ނުރުހުމާއެކު ޝަކުވާތަކާއި ކަންބޮޑުވުންތައް ހިފައިގެން ނުކުމެ މަގުމައްޗަށް އޮއްސާލި އެވެ.
ކަނޑުހުޅުދޫ ކުޑަކުއްޖާގެ މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން މީހަކު ފުރަތަމަ ހައްޔަރު ކުރީ ހުކުރު ދުވަހުގެ މެންދުރުފަހު އެވެ. ފުރަތަމަ ހައްޔަރުު ކުރީ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އެވެ. އެއީ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ކާފަ އެވެ. ދެން ހައްޔަރުކުރީ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީ އެވެ. އެއީ މުނިކާފަ އެވެ.
ފުރަތަމަ ފާހަގަވެފައި އޮތީ އެ ދެ މުސްކުޅިންނެވެ. ނަމަވެސް ފުލުހަށް އެ މައްސަލަ ހުށައެޅުމާއެކު ކުއްޖާގެ ބައްޕަ، އުމުރުން 32 އަަހަރުގެ އަބްދުއް ސަލާމް ރަށުން ފިލައިގެން ދިޔުން ފެންމަތިވި އެވެ. އަދި ހުކުރު ދުވަހުގެ ހަވީރު އެތައް ބަޔަކު ވަނީ ހުޅުމާލޭގައި އޭނާގެ ހުރި ފްލެޓް ކައިރިއަށް އެއްވެ އަޑު އުފުލާފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އޭގެ ފަހުންނެވެ.
ދަރިފުޅަށް އާއިލާގެ ޖިންސީ ގޯނާ
ކަނޑުހުޅުދޫން މައުލޫމާތު ދިން މީހަކު ނަން ނުޖަހަން ޝަރުތުކޮށް ބުނި ގޮތުގައި އަންހެން ކުއްޖާގެ އާއިލާގެ ބައެއް މީހުން ބުނާ ގޮތުންނާއި ރަށުތެރެއަށް އަޑުތައް ފެތުރިފައިވާ ގޮތުން އެ ކުއްޖާއަށް އޭނާގެ ބައްޕަ އާއި ކާފައާއި މުނިކާފަ ވެސް ޖިންސީ އަނިޔާ ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ފުލުހުން ހާމަކުރި މައުލޫމާތުތަކުން ކުއްޖާގެ ބައްޕައާއި ޖިންސީ އަނިޔާ ކުރުމާއި ގުޅުމެއް ނެތެވެ. އޮތީ އެ އަނިޔާތަކަށް މަގުފަހިކޮށް ދިނުމުގެ އިހުމާލެވެ. ކާފަގެ މައްޗަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، މުނިކާފަގެ އެފަދަ ރެކޯޑްސް އެބައޮތެވެ.
ޒިންމާދާރު މަގާމުތާކާއި އެފަދަ ހާލަތްތަކުގައި ތިބޭ މީހުން ކުޑަކުދީން ރޭޕް ކުރުމަކީ ކަނޑުހުޅުދޫގައި ބާރަށް ހިނގާ ކަމެކެވެ. އެއީ އެރަށުގައި "ގިރާވަރު ސިއްރެ" ކެވެ.
މިފަހަރު ފެންމަތިވި ރޭޕްގެ އަމަލު ބޭރަށް ފެންނަވަރުވީ މިދިޔަ ބުދަ ދުވަހު އެކުއްޖާގެ ބޮޑުދައިތައެއްގެ ގާތު އެ ވާހަކަ ބުނުމުން އެކަމާ ދެކޮޅަށް ބޮޑު ދައިތަ ތެދުވެ ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ. މިއީ މިފަހަރު ނިދިން ހޭލައްވާލި ހިސާބުވެސް މެއެވެ.
"ކޮންމެ ދުވަހަކުވެސް ދައްތަ [ކުޑަކުއްޖާގެ ބޮޑުދައިތަ] ދާނެ އެކުއްޖާގެ ކަންކަން ކޮށްދޭން އެ ގެއަށް، ބުދަ ދުވަހު ފެންވަރުވަނިކޮށް ތަދުވާ ވާހަކަ ބުނީ... ދެން ވަގުތުން ގެންގޮސް ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައި،" އެ މީހާ ބުންޏެވެ.
މައްސަލަ ޖެންޑާގެ ސަމާލުކަމަށް އައުމުން ފުލުހުންނާއި ގުޅިގެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށައް ގެންދިޔައެވެ. އަދި މާލެ ގެނެސް އައިޖީއެމްއެޗްުގައި ފަރުވާދޭން ފެށި އެވެ. ކުއްޖާގެ ހާލަތު ރަނގަޅު ނޫންކަން ބުނުމުގެ އިތުރުން ކަމާބެހޭ އެއްވެސް ފަރާތްތަކުން އިތުރު މައުލޫމާތެއް އަދި މިހާތަނަށް ހިއްސާވެފައެއް ނުވެއެވެ.
ކުޑަކުއްޖާގެ އާއިލާގެ ބައެއް މެންބަރުން ބުނާ ގޮތުގައި އެކަން ހިނގާތާ އެތައް ދުވަސްތަކެއްވެފައި ވެއެވެ. އަދި އެއީ "ތިން ބަފައިން" ވެސް އެކަކު އަނެކަކަށް އެނގިގެން ހިންގަމުންދިޔަ މުޑުދާރު އަމަލެކެވެ. އެ މީހުން އިއްޔެން ފެށިގެން މީޑިއާގައި ވާހަކަ ދައްކަ އެވެ. އެހެން ނަމަވެސް މިދިއަ އަހަރުތައް އެގޮތުގައި ދިޔައީ އެކަމާ ދެކޮޅަށް ބަހެއް ނުބުނެ އެވެ.
"މިފަހަރު ކުއްޖާގެ މަންމަ ހުރީ ބޭހަށް މާލެ އައިސް. އެ ދަނޑިވަޅު ބަލާފައި މިކަމެއް މިިކުރީ. ނަމަވެސް މިއީ ފުރަތަމަ ފަހަރެއް ނޫން. އެކަހަލަ ކަމެއް ދިމާވެގެން ކުއްޖާ އާއިލާގެ އެހެން ބައެއް ކައިރިއަށް ގެންދަންވެސް މަސައްކަތްކުރި. ނަމަވެސް 'އަހަރެމެންނަށް ވެސް ދަރިން ބެލޭނެއޭ' ކިޔާފައި އެ ކުއްޖާގެ ބައްޕަ އެކަމާ ދެކޮޅުހެދީ،" ކަނޑުހުޅުދޫ މީހަކު ބުންޏެވެ.
ކަނޑުހުޅުދޫ ކުއްޖާގެ މަންމަ އާއި މިހާރު ހައްޔަރު ކޮށްފައިވާ ބައްްޕައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނެވެ. ގިނަ ވަގުތު މަސްތުގައި ހުންނަ ބައްޕަގެ ފަރާތުން އެކަން އަންނަ ކަން ރަށުގެ ގިނަ މީހުންނަށް އެނގޭ ކަމަށް ވެއެވެ. ރަށުތެރޭގައި އެ ވާހަކަތައް އަބަދު ދެކެވެއެވެ.
ރަށު ކައުންސިލަށް ވެސް އެ މައުލޫމާތު ލިބިފައި އޮންނަ ކަމަށް ރަށުގެ މީހުން ބުނެ އެވެ. މިހާތަނަށް އެކަމުގެ މައްޗަށް ދައުލަތުގެ ގާނޫނީ ނިޒާމް ހިންގާފައެއް ނެތެވެ. އެކަން ކުރާނެ ބަޔަކުވެސް ކަނޑުހުޅުދޫއަކު ނެތެވެ. ނަމަވެސް އިއްޔެ ކަނޑުހުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނެވެ. އަދި އެ ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލި އެވެ.
ހަގީގަތަކީ ކުޑަ އަންހެން ކުއްޖާގެ ބޮޑުދައިތަ މި ކަމާ ދެކޮޅަށް ތެދުވުމާ ހަމައަށް ކަނޑުހުޅުދޫ އޮތީ ހިމޭނުންނެވެ. މިފަހަރު މި މައްސަލަ ބޮޑު ދައިތައެއްގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްވެ އާންމުންގެ ރުޅިވެރިކަން މަގުމެދަށް އޮއްސާ ނުލި ނަމަ އަދިވެސް އެކަން އެގޮތުގައި ހިނގަ ހިނގާ އޮތީހެވެ.
ކަނޑުހުޅުދޫގައި ބޮޑެތި މައްސަލަތަކެއް
ކަނޑުހުޅުދޫ ކުޑަ ކުއްޖާއަށް ކަން ދިމާވި ގޮތް އެންމެންގެ މެދުގައި މިހާރު ދެކެވެމުން ދާއިރު މުޅި އެރަށް އޮތީ އިޖްތިމާއީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގަ އެވެ. އެ ރަށުގައި ތަފާތު ގިނަ މައްސަލަތަކެއް ހުރިިއިރު އެ ހުރިހާ މައްސަލަތައް ވެސް ގުޅިފައިވަނީ ރަށުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ އެވެ.
ދެ އަހަރު ނުފެރޭ ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި އިބްރާހިމް ދީދީއަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެފަދަ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ. އެއީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެނާ އެކަހެރި ނުކުރެވި އަނެއްކާވެސް މުޖްތަމައުގެ ތެރެއަށް ދޫވެފައި ހުރީ އެވެ.
އިބްރާހިމް ދީދީއަކީ ކަނޑުހުޅުދޫ މިސްކިތުގައި މުދިމަކަށް ހުރި މީހެކެވެ. އެ ރަށުގައި މުދިމަކަށް އުޅުނު އެހެން މީހެއްގެ މައްޗަށްވެސް ޖިންސީ ގޯނާގެ ތުހުމަތު އެބަ އޮތެވެ. ނަމަވެސް އެއިން މައްސަލައެއް ނުބެލި، މިފަހަރުގެ މައްސަލައާއި ހަމައަށް އެ މީހުން އެ ތިބީ މިނިވަންކަމާއެކު އެ މުޑުދާރު އަމަލު ހިންގުމުގަ އެވެ. އިބްރާހިމް ދީދީ ހައްޔަރުކޮށް މައްސަލަ ބަލަން ފެށުމުން މިހާރު އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓު ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިހާރުވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީވެސް އިބްރާހިމް ދީދީގެ އާއިލީ މީހެކެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ހަސަން ދީދީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާތާ ފަސް މަސް ދުވަސް ވެދާނެ އެވެ. ހަސަން ދީދީގެ ފަރާތުން ޖިންސާ ފުރައްސާރައިގެ ޝިކާރަައަކަށް ނުވާ އެއްވެސް އަންހެން މުވައްޒިފެއް ރަށު ކޯޓްގައި ނޫޅެ އެވެ. ބައެއް ދުވަސްދުވަހު މުވައްޒިފުންނާއެކު ހަސަން ދީދީ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވީޑީއޯތަކާއި، ފިލްމްތައް ކޯޓްތެރޭގައި ބަލަ އެވެ.
މިފަދަ އެތައް މައްސަލަތަކެއް އޭނާގެ މައްޗަށް ހުށަހެޅިފައިވި ނަމަވެސް "ނަމެއްގައި ސަސްޕެންޑް ކުރުން" ފިޔަވާ މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ. އެފަދަ އެތައް މައްސަލަތަކެއް ދައުލަތުގެ މުއައްސަސާތަކަށް ހުށައަޅާފައިވީ ނަމަވެސް އެއިން މައްސަލައެއް ހިނގައިގަންނަަ ގޮތެއް ނުވެއެވެ. ކޮންމެވެސް ދިމާއަކުން އެކަމެއް ހުއްޓެނީ އެވެ.
ނިޒާމު ހިނގާކަން އިހްސާސް ވާންޖެހޭ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުވާ މީހުންގެ މައްސަލަތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އުފަން ދަރިން ވެސް ޖިންސީ ޝިކާރައަށް ހަދާއިރު އެފަދަ ހުތުުރު އަމަލުތަކުގެ ވާހަކައިގެ އަޑުތައް ދަނީ ގިނަވަމުންނެވެ.
ބައެއް ރަށްރަށުގައި މިހާރު ވެސް ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ، އިންސާފު ނުލިބި އެތައް ބަޔަކު އެބަތިއްބެވެ. އެފަދަ ނުބައި މުޑުދާރު އަމަލުތައް ހިންގާފައި ތިބި އެތައް ބަޔަކު މިނިވަންކަމާއެކު އެބައުޅެ އެވެ. އަދި ބައެއް ރަށްރަށުގައި އެއީ އެ ރަށުގެ ވެރިންނެވެ. އެންމެ ބާރުގަދަ މީހުންނެވެ. އެމީހުންގެ ބާރުން އެ އަޑުތައް ވަނީ ކަނޑުވާލާފަ އެވެ.
ރަކީދޫގައި އަނިޔާކޮށް ދަރިފުޅު އިބްތިހާލް މަރާލި އަންހެން މީހާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަދި މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުން ވަރަށް މުހިންމެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. ނިޒާމު ހިނގާކަން ރައްޔިތުންނަށް އިހްސާސް ވާންޖެހޭނެ އެވެ.
އެ މަގަކަށް އަދި ރާއްޖޭގައި އެއްވެސް ކަމެއް ނުހިނގަ އެވެ. އެހެން ކަމުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރަ އަދި އަނިޔާ ކުރާ މީހުން، ބިރެއް ވެސް ލަދެއް ވެސް ނެތި އެ އަމަލުތައް ކުރުމުގައި ދެމި ތިބީއެވެ. ކަނޑުހުޅުދޫން ފެންމައްޗަށް މިއައީ އޭގެ ހަގީގަތެކެވެ.
ކަނޑުހުޅުދޫގެ ރޭޕުން މުޅި ގައުމު ހޭލައްވާފައިވާއިރު، އެކި ރަށްރަށުގައި ޖިންސީ އަނިޔާތަކުގެ ޝިކާރައަށްވެފައިވާ އެތައް ކުދިންނެއްގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އިންސާފުގެ އަޑު ވަނީ ގަދަވެފަ އެވެ. ވޭތިވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެފަދަ މައްސަލަތަކުގައި ދެ ރަށަކުން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ އެތައް ބައެއްގެ ނަންތައް ދަނީ ހާމަކުރަމުންނެވެ. މިއީ ނިދިން ހޭލެވިފައިވާ ވަގުތެކެވެ.