ކަނޑުހުޅުދޫ

ފެއިލް ވެފައިވާ ކަމުގެ އިއުތިރާފެއް!

ދެ އަހަރު ނުވާ ކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ގައުމު "ހޭއަރައި"، މެދުކެނޑުމެއް ނެތި އެ ވާހަކަ ދައްކާތާ ހަތަރު ދުވަސްވީ އެވެ. ކުއްޖާގެ ކާފަަ އާއި މުނި ކާފަ ލާއިންސާނީ އަމަލުތަކެއް ހިންގި މި ހާދިސާގެ އަޑު މުއައްސަސާތަކާއި ދައުލަތުގެ އެންމެ މަތީ ފަންތިއާ ހަމަޔަށް ފޯރައިފި އެވެ. ހަމަ ކުއްލިއަކަށް ފަޓާސް ބަރިއެއްހެން ކޮމިޓީ ބައްދަލުވުންތައް ބާއްވައި ގަވައިދުތައް މުރާޖާކޮށް، ދިގު ބަޔާންތައް ނެރެ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

މި މައްސަލައާއެކު ހަތަރު ދުވަަސް ތެރޭގައި ޖިންސީ ގޯނާގެ ޝަރީއަތްތައް އަވަސް ކުރަން ފިޔަވަޅު އަޅަން ފެށި އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ގިނަ ބަދަލުތަކެއް ގެންނަން ނިންމައި، ހަ ފިޔަވަޅެއް އަޅަން އަންގައިފި އެވެ. ޖެންޑާ މިނިސްޓްރީގެ ބަޖެޓެއް އަދި މުއައްޒަފެއް ވެސް ނެތް ވާހަކަ ފެންމަތިކޮށްފި އެވެ. މީސްކޮޅު މަަދު ކުޑަކުޑަ ރަށެއްގައި މާސިންގާހާ ބޮޑު ނުބައި އަމަލުތައް ހިންގަމުން ދިޔައިރު "ކަނު ބަނދެގެން" ތިބި ކައުންސިލަރުން ވެސް މި ކަމުގައި އެންމެ ބޮޑު އަދަބު ދޭން ފެނިއްޖެ އެވެ.

ދެތިން ދުވަހެއް ތެރޭ މިހާ ގިނަ ފިޔަވަޅުތައް މި އައީ މިއީ އަލަށް ދިމާވެގެން އުޅޭ މައްސަލައެއް ހެއްޔެވެ؟ ވ. ރަކީދޫގައި ކުޑަކުޑަ އިބްތިހާލް މުހައްމަދު މަރާލުމާއި އެފަދަ އެހެން ހާދިސާތަކުގެ ހަނދާން ނެތީ ހެއްޔެވެ؟ މިފަދަ ކިހާ މައްސަލައެއް ހިނގައިފި ހެއްޔެވެ؟ މި ހުރިހާ ފިޔަވަޅުތައް ނޭޅި އޮތީ ކީއްވެ ހެއްޔެވެ؟

ނޫނީ މިއީ "ޖިންސީ ގޯނާގެ މޫސުމެއްގައި" ފެންނަ އަސަރުތަކެއް ހެއްޔެވެ؟ ނުވަތަ ދައުލަތް ފެއިލްވެފައި އޮތް މިންވަރުގެ ބޮޑުކަމުން ފޫބައްދަން އަޅާ ފިޔަވަޅުތަކެއް ހެއްޔެވެ؟

1
 

ފުލުހުން ދޫކޮށްލީ މުސްކުޅިއަކަށް ވުމުން

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެ ކުއްޖާގެ މުނިކާފަ ހައްޔަރުކުރީ އެއީ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރެކޯޑް އޮތް މީހަކަށްވާތީ އެވެ. އުމުރުން 82 އަހަރުގެ އެ މީހާގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައެއް ހުށައެޅިފައި ވަނީ 2018 ވަނަ އަހަރުއެވެ. ހަމަ އެ އަހަރު މައްސަލަ ތަހުގީގުކޮށް މައްސަލަ ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑު އެހުމެކެވެ.

އޭގެ ފަހުން މައްސަލަ ހިނގާގޮތެއް ނުވެއެވެ. ބޭއްވުނު ހަމައެކަނި އަޑުއެހުން އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަޑު އެހުމެއް ބޭއްވޭވަރުވީ ވެސް އަހަރު ދުވަސް ފަހުންނެވެ. އޭގެ ފަހަށް އިތުރު އަޑުއެހުމެއް ނުބާއްވަ އެވެ.

މިފަހަރު ސީރިއަސް ތުހުމަތު ކުރެވުނު އިރު ހަސަން މޫސާ ދީދީ ހުރީ މިނިވަންކަމާއެކު ރަށުތެރެއަށް ދޫކޮށްލާފަ އެވެ. އޭނާ ހައްޔަރުކުރި އިތުރު ކުއްޖަކަށް ޖިންސީ ފުރައްސާރަ ކޮށްފައި ވެއެވެ. އެ އަޑުތައް އިވޭ ވީޑިއޯވެސް މިހާރު ވަނީ އާންމުވެފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ހަސަން މޫސާ ދޫކޮށްލާފައި ވަނީ އޭނާގެ ހާލަތާއި އުމަރަށް ބަލައިގެނެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ލިސްޓުގެ ދެބައިކޮޅު އެއްބައި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އުމުރަށް ބަލާފައި އެ އެންމެން މުޖުތަމައަށް ދޫކޮށްލާނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

2
 

ޖެންޑާ ހިމޭނުން އޮތީ މުއައްޒަފަކު ނެތިގެން

ކަނޑުހުޅުދޫ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުނަށް ދިއުމަށް ކުރާ ކޮންމެ މަސައްކަތުން ފެންނަނީ އިހުމާލެވެ. ކަންކަމާމެދު ފަރުވާ ކުޑަކޮށްލާފައިވާ މިންވަރެވެ. މައުލޫމާތުތަކުން އެނގުނު ގޮތުގައި ގއ. އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުގައި މުވައްޒަފަކު ނެތްތާ އަަހަރެއް ވަނީ ވެފައެވެ. އެ ވާހަކަ ވިދާޅުވަނީ ވެސް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ޝިދާތާ ވިދާޅުވާ ގޮތުގައި ޖެންޑާ މިނިސްޓްރީގައި ބަޖެޓާއި ވަސީލަތާއި މުވައްޒަފުންނެއް ނެތެވެ. އަތޮޅުތަކުގައި ހުރި އެ މިނިސްޓްރީގެ ސެންޓަރުތައް ހުރީ އެކަށީގެންވާ ހާލަތަކު ނޫނެވެ. އަދި ކޮންމެ އަތޮޅެއްގައި އެ މިނިސްޓްރީގެ ސެންޓަރެއް ހުންނަނީ އެންމެ ރަށެއްގަ އެވެ. އެއީ އެކަށީގެންވާ އަދަދަކަށް ނުވާއިރު ސެންޓަރު ހުންނަ ރަށްރަށުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ވެސް ނުތިބެ އެވެ.

"އަތޮޅުތަކުގެ ތެރޭގައި ހުރި މިނިސްޓްރީގެ ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހާލަތަކު ނޫން، ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލިއަސް، އެތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދުތަކަށް ބެލިއަސް، ހާލަތު ވަރަށް ގޯސް. ގއ. ސެންޓަރުގައި މުވައްޒަފަކު ނުވެސް ނެތް، އެ ތަނަށް މުވައްޒަފަކު ހޯދާތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ،" ޝިދާތާ ވިދާޅުވި އެވެ.

ސުވާލަކީ މިއީ ކޮންބައެއްގެ ޒިންމާއެއް ހެއްޔެވެ؟ ޖެންޑާއަށް ބަޖެޓް ހަމަޖައްސައި ދޭންވީ ކޮން ބައެއް ހެއްޔެވެ؟ ފައިސާއާއި ވަސީލަތްތައް ހޯދުން އެއީ ކޮން ބަޔަކު ކޮންދޭންޖެހޭ ކަމެއް ހެއްޔެވެ؟ ގއ. އަތޮޅު ސެންޓަރުގައި މީހަކު ނެތި އަހަރު ދުވަސްވީއިރު، މުވައްޒަފަކު ހޯދިފައި ނުވަނީ ކޮން ބައެއްގެ އިހުމާލުން ހެއްޔެވެ؟ އަހަރު ދުވަސް އެއީ މުވައްޒިފަކު ހޯދަން ކުރު މުއްދެއް ހެއްޔެވެ؟

ހުރިހާ ވާހަކައެއް ވެސް އަންނަނީ ވަޒީރުގެ ފަރާތްޕުޅުންނެވެ. ކަންކަން ހައްލުކޮށް، މައްސަލަތައް ދެނެގަންނަން ތިއްބެވި ވެރިންނެވެ. ފައިސާއާއި ވަސީލަތްތައް ހޯދާ ކަންކަން ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނެވެ.

3
 

ޖުޑިޝަރީ އިސްލާހުކޮށް ނިމުނު އިރު މެޖިސްޓްރޭޓު މައްސަލަ ނުބެލި

ކަނޑުހުޅުދޫ ބައެއް މީހުންގެ ނަޒަރުގައި އެއީ މުޅި ނިޒާމް ފުށުން ޖެހިފައިވާ ރަށެކެވެ. ކަންކަން އިސްލާހު ނުވެ، ނުބަޔަށް ދޮރު ހުޅުވިގެން ދިޔައީ މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި ވެރިންގެ ސަބަބުންނެވެ. ވިޔާނުދާ ގިނަ އެކަންކަން ކުރުމުގެ އަޑީގައި ތިބީ ވެސް ބައެއް ވެރިންނެވެ.

ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓު ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރަގެ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާތާ ފަސް މަސް ދުވަސްވެއްޖެ އެވެ. ހަސަން ދީދީއަކީ، ކުޑަކުއްޖާގެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ކުއްޖާގެ ކާފައާއި މުނިކާގެ އާއިލީ ބޭފުޅެކެވެ. ރަށު ކޯޓުން އެމީހުންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތަކުން އިންސާފު ލިބޭނެ ގޮތެއް ރަށުގެ ރައްޔިތުންނަކަށް ނުވިސްނެ އެވެ.

މެޖިސްޓްރޭޓްގެ ހަތް މައްސަލައެއް ޖޭއެސްސީން ބަލަ އެވެ. އެއީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް މާލިޔަތު ގާނޫނާ ހިލާފުވުމަށް އެންގުމާއި އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ މައްސަލަ އާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ މައްސަލަ އާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ މައްސަލަ އާއި މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ މައްސަލަ އާއި ހުތުރު އެއްޗެހި ގޮވި ކަމަށް ބުނާ މައްސަލައެކެވެ.

ނަމަވެސް ޖުޑިޝަރީ އިސްލާހު ކުރުމުގެ ވަރުގަދަ ކަމަރު ބަދެގެން ވަޑައިގެންނެނެވި ބޭފުޅުންނަށް ފަސް މަސްތެރޭ އޭނާގެ މައްސަލައެއް ނުނިންމުނެވެ. އެކަމަކު އެންމެ މަތީ ކޯޓްގައި ތިއްބެވި ހުރިހާ ފަނޑިޔާރުން މަގާމުތަކުން ދުރުކޮށް، އާ ފަނޑިޔާރުން ހޯދަން ވެސް ފަސް މަސް ހޭދައެއް ނުވެ އެވެ.

ކަނޑުހުޅުދޫ ރޭޕް ހާދިސާއާ ގުޅޭ ގޮތުން އަވަސް އޮންލައިން އިން އުފައްދާފައިވާ ވީޑިއޯ ރިޕޯޓް | އަވަސް
4
 

ރިޕޯޓު ނުކުރާތީ ކައުންސިލް ކަނުބަނދެގެން

ކަނޑުހުޅުދޫގެ ކުޑަކުއްޖާއާއި ގުޅޭ ތަފާތު ވާހަކަތަކާއި، ކުއްޖާގެ މަންމައާއި ބައްޕަ އަދި ކާފައާއި މުނިކާފައާއި ގުޅޭ ތަފާތު ވާހަކަތައް ދެކެވެއެވެ. ކުއްޖާގެ މަންމައާއި ބައްޕަ މަސްތުވާތަކެތި ބޭނުން ކުރާ ވާހަކައެވެ. ކާފަގެ ފަރާތުން ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރާ ވާހަކައެވެ. ރަށުގެ އެހެން ކުދިންނަށް މުނިކާފަގެ ޖިންސީ ފުރައްސާރަ ކުރިމަތިވާ ކަމުގެ ވާހަކައެވެ.

އަދި ކުއްޖާގެ މަންމައާއި ނުރަނގަޅު ގުޅުން ހިންގަން ކުއްޖާގެ ކާފައާއި މުނިކާފަ މަސައްކަތް ކުރާ ވާހަކައެވެ. މިއީ ހައްތާވެސް އޮތް އަޑުތަކެވެ. މި ވާހަކަތައް ދެކެވޭތާ ވެސް ލައްކަ ދުވަސްވެއްޖެ އެވެ.

މިފަަހަރު މައްސަލަ މިހާ ހިސާބަށް ދިޔައީ ބޮޑުދައިތައަކު ތެދުވެގެނެވެ. އޭގެ ކުރިން ކުއްޖާގެ މަންމަގެ ހާލަތު ގޯސްވެގެން ކުއްލިއަކަށް މާލެ ފޮނުވާލަން ޖެހުމުން ކުއްޖާގެ މަންމަ އެދުނީ އެ ތިން ބަފައިން ކައިރީގައި ކުއްޖާ ނުބެހެއްޓުމަށެވެ. ނަމަވެސް ޖެންޑާއިން އެކަމަށް އަޅައެއް ނުލިއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ބުނާ ގޮތުގައި ރަށުތެރޭގައި ދެކެވޭ ކޮންމެ ވާހަކައެއް ރަސްމީ ހައިސިއްޔަތުން ކަމާބެހޭ އިދާރާތަކަށް ހުށައެޅޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު ދެ އަހަރު ނުފުރޭ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅުމާއެކު ސަމާލުކަމަށް އެކަން ގެނެސްފައިވާނެ އެވެ. ކައުންސިލުން ވެސ މައްސަލައާއި ގުޅިގެން އާއިލާއާއި ވާހަކަ ދައްކާފައިވާނެ އެވެ.

މުޅިން ވެސް ފެނުނީ އިހްމާލް

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި އިންސާފަށް ވާސިލްވުމަށް ކުރަމުންދާ ކޮންމެ މަސައްކަތުން ފެންނަނީ މުޅީން އިހުމާލެވެ. ކަންކަން ކުރެވޭނެ މީހާއަކީ ތިމާ މީހާ ކަމަށް ބުނެ، ކުއްޖާގެ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށް ދައްކަން ކޮމެޓީތަކާއި، ބައްދަލުވުންތަކަށް ގޮސް ތިޔަ ދެއްކެވީ މުޅިން ވެސް އިހުމާލުގެ ވާހަކަތަކެވެ. ކުރަންޖެހޭ އެހެން ނަމަވެސް ނުކޮށް ހުރި ކަންކަމުގެ ވާހަކައެވެ. ކުށަކީ ހަމައެކަނި ޖިންސީ ގޯނާ ކުރުމެއް ނޫނެވެ. ނުވަތަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ޅަ ދަރިންގެ މުސްތަގްބަލް ހަލާކު ކޮށްލުމެއް ވެސް ނޫނެވެ. ޒިންމާދާރު މަގާމުތަކުގައި ތިބެ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރުމަކީ ވެސް ބޮޑު ކުށެއް އަދި ބޮޑު އިހުމާލެކެވެ.