"އަހަރެން ގްރޭޑް ހަތަރެއްގަ އުޅެނިކޮށް އާއިލާ މީހަކު އަހަރެންނާ ބެހުނު!" މިއީ ޒަމާނުއްސުރެ ކުޑަ ކުޑަ ރާއްޖޭގެ އާބާދީގައި ހިމެނޭ ވަރަށް ގިނަ މީހުންގެ އެންމެ ދުރު އަދި ބިރުވެރި ހަނދާނަކަށްވެފައި އޮވެ އެވެ. މި ކަމުގައި ތަފާތު ވާނީ އުމުރު ނޫނީ އޭރު އުޅުނު ގްރޭޑެކެވެ. އަދި ބެހުނު މީހާ ވެސް ތަފާތު ވެދާނެ އެވެ. އެ މީހާ އެއީ ބައެއް ފަހަރު އާއިލާގެ ތެރެއިން މެންބަރެކެވެ. ނޫނީ މުޅި އާއިލާ ދަންނަ އަދި އިތުބާރުކުރާ ރައްޓެއްސެކެވެ.
އދ. ގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޔުނިސެފުން ރާއްޖެއަށް އަމާޒުކޮށް ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ސެކަންޑަރީ ސްކޫލްތަކުގައި ތިބި ކޮންމެ ހަތް ދަރިވަރަކުން އެ ކުއްޖަކީ ޖިންސީ ގޯނާގެ ޝިކާރަކަށްވެފައިވާ ކުއްޖެކެވެ. އެއީ މީގެ 11 އަހަރު ކުރީގެ ދިރާސާއެކެވެ. އެކަމަކު މީގައި މުހިން ޕޮއިންޓަކީ އެ ނަމަބަރެވެ. އަދި 11 އަހަރަށް ފަހުވެސް އެ ރޭޓަށް އެއްވެސް ބަދަލެއް ވެސް މަޑުޖެހުމެއް ވެސް އައިސްފައި ނުވުމެ.
ކޮންމެ އަހަރަކު އެތަކެއް ސަތޭކަ އެފަދަ މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅެ އެވެ. ޖެންޑާއިން މަސައްކަތް ކުރާކަން ދައްކަން "އެއް ކަރުދާސްކޮށްފައި" ކޮންމެ މަހަކު ނެރޭ ފެކްޓް ޝީޓްގައި ވެސް އެންމެ ބޮޑު އަދަދެއް ނަގާނީ ކުޑަކުދިންން ކުރާ ޖިންސީ ގޯނާ އާއި އަނިޔާ އެވެ. އެ އަދަދުތައް އަހަރުން އަހަރަށް ދަނީ އިތުރު ވަމުންނެވެ.
އެ ނަމްބަރުތައް އުފުލެމުން ދާއިރު ރަސްމީ ތަފާސް ހިސާބުތަކުގައި ފެންނާން އެ ހުންނަނީ ވެސް ހަމައެކަނި ރިޕޯޓް ކުރެވޭ މައްސަލަތަކެވެ. ރިޕޯޓް ނުވެ ހުންނަ މައްސަލަތައް ގޭބިސީތަކުގެ ތެރެއަށް ފުނިޖެހި ސިއްރުވެފައި ވެއެވެ. ޔުނިސެފުގެ ނަތީޖާއަށް ބަލައި އާ ދިރާސާއެއް ހަދައިފިނަމަ އަޖައިބު އަންތަރީސްވާވަރުގެ ނަތީޖާއެއް ނުކުމެދާނެ އެވެ. -- އެކަން އިންވެސްޓިގޭޓް ކުރާނީ ކޮން ނޫސްވެރިއެއް ކަމެއް ނޭނގެ އެވެ.
ކޮންމެ އަހަރެއް ނިމޭއިރު އެފަދަ އެތައް މައްސަލައެއް ރިޕޯޓް ނުކޮށް ފޮރުވާ ފޮރުވުމަކީ މުޅި ރާއްޖެ ހިއްސާ ކުރާ ވަރަށް ބޮޑު ދެރައެކެވެ. އެހެންވުމުގެ ސަބަބުބް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ރާއްޖޭގައި ވަނީ ބަލިމަޑުކަމެއްގެ ގޮތުގައި މުޅީން ދަރަޖަވެ ނިމިފަ އެވެ. މި ބަލި މަޑު ކަމުގައި އޮންނާނީ "މި ބަލި" މީހަކަށް ޖެހިއްޖެ ކަން އެނގުމުން އަސަރުކޮށްގެން ރުއިމާއި އެއްޗެހި ކިއުމެވެ. ހައްލު ހޯދާކަށް ބައްޔަށް ފަރުވާ ކުރާކަށް ނޫޅެވެ އެވެ.
އަބަދުވެސް ހޭލެވެނީ ނިދިން!
ޖިންސީ އަނިޔާގެ މި ބަލިމަޑު ކަމުގެ ތެރެއިން ބައެއް މައްސަލަ ހުށަހެޅުނު ނަމަވެސް، މީޑިއާގެ ސަމާލުކަން ލިބި، މުޅި ރައްޔިތާ ހަމައަށް ތިލަވެގެން އަންނަނީ އޭގެ ތެރެއިން ވަރަށް މަދު މައްސަލަތަކެކެވެ. އަދި އެއީ ވަރަށް ކުޑަ ޕަސެންޓެކެވެ. އެ މިންވަރު އަންނަނަނީ ވެސް އޭގެ އަސްލު އެގޮތް މިގޮތަށް ފުރޮޅިގެނެވެ. ކަނޑުހުޅުދޫ ހާދިސާ މިހާރު އެއޮތީ ބޭޒާރުވެފަ އެވެ. ޔަގީނަށް އެނގޭ ކަމަކީ ބޭރުވެގެން އުޅެނީ އަދި އެ ހާދިސާގެ އަސްލު ނޫން ކެމެވެ. -- ރާއްޖޭގެ ޒާތަކީ ހަަގީގަތް ފޮރުވުމެވެ. ރާއްޖޭގައި ޖިންސީ އަނިޔާގެ ސަގާފަތަކީ ވެސް ފޮރުވައިގެން ތިބުމެވެ.
މި ފާޑުގެ މައްސަލައެއް ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އެ މައްސަލައެއްގައި "އެލިގަނެގެން" މުޅި މުޖުތަމައު ކެކި އަރައި ގަނެ އެވެ. އަދި އެއިރެއްގައި އޮންނަ ސަރުކާރެއްގެ ހުރިހާ ވެރިން ތެދުވެ މުއައްސަސާތައް ފަހައި ދުއްވައިގަނެ އެވެ. އެކި ނަން ނަމުގައި ކޮމިޝަންތަކާއި ކޮމިޓީތަކާއި ޓާސްކް ފޯސްތައް ހަދައިގެން މަންޒަރު ދައްކަ އެވެ. ކަނޑުހުޅުދޫ ކުއްޖާގެ މައްސަލައާއެކު އައިސްގެން އުޅެނީ އަލުން އުފަން ވެގެން އުޅޭ އަ ކަމެއް ނޫނެވެ. މިއީ މިފަދަ ކޮންމެ ފަހަރަކު ވެސް ކަން ހިނގާ ގޮތެވެ. ޖިންސީ އަނިޔާގެ މިފަދަ މައްސަލަތަކުގައި ދިވެހިންގެ ކަންކަން މިހާތަނަށް ހުރި ގޮތުން ހަމަ "ވަރަށް ފޭކް ވަރަށް ފޭލިވެފައި" ބައެއްކޭ ބުނެވެން އެބައޮތެވެ.
މިހާރު މިއޮތީ ކަނޑުހުޅުދޫ ކުއްޖާއާ ގުޅޭ ވާހަކަތަކެވެ؛ ސޯޝަލް މީޑިއާގައި ވެސް ރަސްމީ މެއިން ސްޓްރީމް މީޑިއާގައި ވެސް އެ ނޫން ވާހަކައެއް ނެތެވެ. އިހުމާލާއި ތުހުމަތުގެ އިނގިލިތައް ދިމަ ދިމާއަށް އެހުރީ އަމާޒުވެފަ އެވެ. މިކަން މި ގޮތުގައި ހަފުތާ ދެހަފުތާއެއްހާ ދުވަހު އޮންނާނެ އެވެ. ދެން ހަނދާން ނެތިގެން ހިނގައިދާނެ އެވެ. އެއްވެސް ކަމެއް ހައްލެއްވެސް ނުވާނެ އެވެ.
ޖިންސީ ގޯނާއަކީ އެކި ސަބަބުތަކަށްޓަކައި ނުދައްކާ ވާހަކައަކަށް ހަދާފައި ބޭއްވުމުގެ ސަގާފަތް ނިންމަންޖެހޭއާޒިމާ ރަޝީދު | ވޮއިސް އޮފް ވިމެން
ހަގީގަތަކީ މިއީ އެވެ. ކަނޑުހުޅުދޫގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކާފަަ އާއި މުނި ކާފައިގެ ލާއިންސާނީ އަމަލުތައް މިހެން ގުގުމާފައި އޮވެދާނެ އެވެ. އާންމު އުސޫލުގެ ދަށުން، ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު ބޮޑޭ ބުނެ ނިންމުންތަކެއް ވެސް އަންނާނެ އެވެ. އެކަމަކުޔ ދެން ވާހަކަ އޮބިގެން ހިނގައިދާނެ އެވެ. އަދި ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުވި މުނި ކާފަގެ އުމުރަށާއި ޕާޓީއަށާއި ވޯޓަށް ބަލައި އޭނާ ވެސް ދޫކޮށްލަން ޖެހޭނެ އެވެ. ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރާ މައްސަލަ އަލުން ކުރިލާ ހެދެން ފަށާނެ އެވެ.
މުޖުތަމައުގެ އެއްވެސް ޒިންމާއެއް ނެތް
ހައްތަހާވެސް މުއައްސަސާތަކުގެ އިހުމާލެވެ. މިއީ އާ ކަމެއް ވެސް ނޫނެވެ. އަދި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތަކަށް އެކަނި ހާއްސަވާ އިހުމާލެއް ވެސް ނޫނެވެ. މިއީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އޮންނަ މައްސަލަ އެކެވެ. މުޅީން އިހުމާލެކެވެ. އިހުމާލުން ގާނޫނު ތަންފީޒެއް ނުވެއެވެ. އިހުމާލުން ހައްގު އަދަބެއް ނުދެވެ އެވެ. އިހުމާލުން އިންސާފު ހޯދައެއް ނުދެވެ އެވެ. އެކަމަކު އެފަދަ މައްސަލަތައް ހައްލު ނުވެ އިހުމާލަކަށް ބަދަލުވަނީ ސިސްޓަމް ފެއިލްވެފައި ވާތީ ކަން ރައްޔިތުން ރަނގަޅަށް ދަނެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މުޖުތަމައުގެ ދައުރާމެދު ސުވާލު އުފައްދަންޖެހެނީ ވެސް ކަންކަން އެހެން އޮންނާތީ އެވެ.
މިފަދަ ކޮންމެ މައްސަލައެއްގައި، ކުއްޖާގެ މުޅި ހަޔާތް ބަރުބާދުވާ ފަދަ އަނިޔާ ލިބިގެން އެކަމެއް ފެންމަތިވެގެން އަތުވެއްޖެ ނަމަ އެކަން ކުރިން ނޭނގޭ ހަމަ އެކަކު ވެސް ނުހުރެ އެވެ. އެހީވާ ޓްރައި ކުރި ބޮޑުދައިތައަކަށް ބަދަލު ނުވާ އެކަކު ވެސް ނުހުރެ އެވެ. "ކުޑައިރު އަހަންނާ ވެސް ބެހުނޭ" ނުބުނާ މީހަކާ ދިމައެއް ނުވެއެވެ.
ކުރިން އެކަމެއް ހިނގާކަން ނޫނީ އެކަމަށް ޝައްކުވާ ކަމަށް ބުނާ މީހުން ވަރަށް ގިނަ އެވެ. ބައެއް މީހުން "ތިމަންނާމެން ރިޕޯޓް ކުރީމޭ" ވެސް ބުނެ އެވެ. އަދި ބައެއް މީހުން "މުއައްސާތަކުން އެކަމާ އަޅައި ނުލީއޭ" ބުނެ އެވެ. އަދި ބައެއް މީހުން މަޖުބޫރެއްވީ ކަމަށް ބުނަނީ އެވެ. ބިރު ގަތީ ކަމަށް ވެސް ބުނަނީ އެވެ. ކޮން މަޖުބޫރެއް ހެއްޔެވެ؟ ކާކު ބިރު ދައްކައިގެން ހެއްޔެވެ؟ މަގުމަތީން ދިޔަ އަންހެން ކުއްޖަކަށް ދޮށީ އުމުރުގެ މީހަކު ޖިންސީ ފުރައްސާރަކޮށް ވިޑިއޯކޮށް ހެދުމުން އެވާހަކައިން އެވަގުތު ވިސިލް ބްލޯ ކުރުމުން އެއްވެސް މީހަކަށް ބިރެއް ދެއްކުނު ހެއްޔެވެ؟ އެއްވެސް މަޖުބޫރެއް ދިމާވި ހެއްޔެވެ؟ އެއްވެސް އިތުރު މައްސަލައެއް ކުރިމަތިވި ހެއްޔެވެ؟ ނުވެއެވެ.
ކަމެއް ފެންމަތިވަންދެން ތިބެފައި ރޯނެ ކަމެއް ނެތެވެ. ޑްރެމެޓިކް ފޭކް ވާހަކާތައް ދެއްކުމުގެ މާނައެއް ނެތެވެ.
ސައިކަލު ގެއްލުނީމާ ވެސް ނޫނީ ބާވާން ފަށާފައި ހުންނަ އަންނައުނު ކޮޅު ވިއްކަން ބޭނުން ވުމުން ވެސް ފޭސްބުކްގައި އިޝްތިހާރު ކުރެވެ އެވެ. ސިޔާސީ ކަންކަމުގައި ކޮންމެ ދުވަހަކު އަމިއްލަ ޝުއޫރުތައް ޓްވިޓާއަށް ބަންޑުން ކޮށްލެވެ އެވެ. އެކަމަކު ޖިންސީ ގޯނާ ކުރުމުން ނޫނީ އެފަދަ މީހެއްގެ ވަކިތަކާ ހަމައަށް ކުޑަކުއްޖަކު ދިއުމުން އެ ވާހަކަ ދައްކާނެ ހިތްވަރެއް ނުހުރެ އެވެ.
މިހާރަށްވުރެ ނިމަކެތި ހާލަތެއް ކުރިމަތިނުކުރުމުގެ މަގްސަދުގައި އެ ވާހަކަ ނުދައްކާ ތިބެން އަންހެނުންނަށް މަޖުބޫރުވަނީ. ދިރިތިބުމަކީ ކޮންމެ އިންސާނަކުވެސް އެންމެ ފުރަތަމަ ވިސްނާނެ ކަންތައް. އެ ހާލަތު ބަދަލު ވެދާނެތީ އަނިޔާގެ ވާހަކަ ނުދައްކާ އަންހެނެއް އަޅުގަނޑުމެން ކުށްވެރިކުރާނީ ކިހިނެއްތޯ؟"ހުމެއިދާ އަބްދުލްޣަފޫރު | އުތެމަ
ކޮންމެ ހާދިސާއެއްގައި ހުރިހާ ކަމެއް ވެސް ގޯސްވެގެން ނިމެނީ އެވެ. އޭގެ ތެރެއިން ކޮންމެވެސް ގޮތަކުން ބޭރަށް ނުކުންނަ މައްސަލައަކާ ހަމައިން އެންމެން ވެގެން އެކަން ކުށްވެރިކޮށްފައި އޭރެއްގެ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލުމުން ނޫނީ ތުހުމަތު އޮތް މީހާ މަރާށާއި ހަވަރަށް ދޭން ގޮވީމާ ފުދުނީ އެވެ. އެހެންޏާ އިހަށް އޮތް ސަރުކާރުގެ މިނިސްޓަރުގެ ބޮލުގައި އެޅުވުމީ މޮޅުވީ އެވެ.
އެކަމަކު ޖެހިގެން ހުންނަ ގެއިން މެންދުރަށް ކައްކާ ރިހައިގެ ވަސް ދުވާހާ ކައިރި ގޭ ބިސީތަކުގައި ކުޑަކުދިންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާއިރު އެކަން ނިމެންދެން ހުއްޓުވަން އެއްވެސް ކަމެއް ނުކޮށް އެބަތިބެ އެވެ. ދެރަވެގެން ލޮލުން ކަރުނަ ބޭރު ވަނީ ވެސް އެއިން ކަމެއް ބޭޒާރުވެ، ރައްޔިތުންނާ ހަމައަށް ބޭރުވީމަ އެވެ.
ޖިންސީ ގޯނާގެ ވާހަކަ އަކީ މަނާ ވާހަކައެއް!
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާ "ވޮއިސް އޮފް ވިމެން" ގެ ކުރީގެ ރައީސް އާޒިމާ ރަޝީދު ވިދާޅުވި ގޮތުގައި، ޖިންސީ ގޯނާ ކުރުމަކީ މުޖުތަމައުގައި ނުދައްކަންޖެހޭ ވާހަކައަކަށް ވެފައި އޮވެ އެވެ. އަދި އެކަން އެގޮތަށް މެދުވެރިވަނީ ގިނަ ފަހަރު އެފަދަ އަނިޔާ ލިބެނީ އާއިލާގެ މެންބަރެއްގެ ފަރާތުން ކަމަށްވާތީ، މުޅި އާއިލާގެ މަސްލަހަތަށްޓަކަ އެވެ. ނޫނީ ކޮންމެވެސް ނުފޫޒު ގަދަ މީހެއްގެ ބިރަށް ނޫނީ މީހުން ދައްކާނެ ވާހަކަތަކުގެ ލަދަށެވެ.
އެފަދަ ކަމެއް ހިނގައިގެން ކުއްޖާ އައިސް ބުންޏަސް، އާއިލާ ނޫނީ ރަށު ތެރޭގައި ބޮޑު ކަންތައްގަނޑަކަށް ވެދާނެ ކަމުގެ ބިރަށް އެފަދަ ވާހަކަތައް ގިނަ ފަހަރު އޮއްބާލާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެއާއެކު، އެފަދަ ކަމެއްގެ ވާހަކަ އިތުރަށް ދައްކަން އެ ކުއްޖާވެސް ޖެހިލުންވެ އެވެ. ބޮޑުވަމުން އަންނަ ވަރަކަށް ކުށްވެރިކުރެވެނީ އަމިއްލަ ނަފްސެވެ. އަނިޔާއަށް ހުށަހެޅުނީ ތިމަންނާ ކުރި ކަމަކުންނޭ އޮންނަނީ ހީވެފަ އެވެ.
"މި ހިނގައިގެން އުޅޭ ކަންތައް ވާންވީ ލިބުނު ވޭކްއަޕް ކޯލަކަށް. ކުއްޖާއަށް އުނދަގޫ ވާގޮތަށް ނޫނީ ނުތަނަވަސްކަން ލިބޭގޮތަށް މީހަކު ބަލައިލިޔަސް ބެލެނިވެރިއެއް ކައިރީގައި އައިސް ބުނެވޭ މާހައުލެއް ގާއިމު ކޮށްދޭންވީ. ޖިންސީ ގޯނާއަކީ އެކި ސަބަބުތަކަށްޓަކައި ނުދައްކާ ވާހަކައަކަށް ހަދާފައި ބޭއްވުމުގެ ސަގާފަތް ނިމެންވީ،" ކަނޑުހުޅުދޫ ހާދިސާއަށް އިޝާރާތް ކުރައްވަމުން އާޒިމާ ވިދާޅުވި އެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ އެހެން ޖަމިއްޔާއެއް ކަމަށްވާ "އުތެމަ" ގެ ކޯ ފައުންޑަރު ހުމެއިދާ އަބްދުލް ޣަފޫރުގެ ވިސްނުން ހިސާބަކަށް ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި، ޖިންސީ ގޯނާގެ ވާހަކަ ނުދައްކާ ސަބަބު އޮތީ ރާއްޖޭގައި ފެއިލްވެފައިވާ ނިޒާމާ ގުޅި، މަސްހުނިވެފަ އެވެ.
ޖިންސީ އަނިޔާގެ ޝިކާރައަށްވާ ކުދިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާއިރު، އެ ވާހަކަ ސިއްރު ކުރަން މަޖުބޫރު ވަނީ މުޖުތަމައުގެ ތެރޭގައި އޮތް އަންހެނުން "ފިތިފައި" ތިބެންޖެހުމުގެ ސަގާފަތުގެ ސަބަބުންނެވެ.
"ހާއްސަކޮށް ރަށްރަށުގައި އަދިވެސް ވިސްނުމަކީ އަންހެނުންނަކީ އާއިލާ ބަލަން ގޭގައި ތިބޭ ބައެއްގެ ގޮތުގައި. ފިރިހެނުންނަކީ މަސައްކަތް ކޮށްގެން އާއިލާއަށް އާމްދަނީ ހޯދާ ގޮތަށް ވިސްނިފައި އޮންނަނީ. ދެން ފިރިހެނެއްގެ ފަރާތުން އެފަދަ އަނިޔާއެއް ލިބުނީމާ، މިހާރަށްވުރެ ނިމަކެތި ހާލަތެއް ކުރިމަތި ނުކުރުމުގެ މަގްސަދުގައި އެ ވާހަކަ ނުދައްކާ ތިބެން އަންހެނުންނަށް މަޖުބޫރު ވަނީ. ދިރި ހުރުމަކީ ކޮންމެ އިންސާނަކު ވެސް އެންމެ ފުރަތަމަ ވިސްނާނެ ކަންތައް. އެ ހާލަތު ބަދަލުވެދާ ނެތީ އަނިޔާގެ ވާހަކަ ނުދައްކާ އަންހެނެއް އަޅުގަނޑުމެން ކުށްވެރިކުރާނީ ކިހިނެއްތޯ؟" ގެވެށި އަނިޔާ ފަދަ މައްސަލަތަކުގެ ދިރާސާތައް ވެސް ހައްދަވާ ހުމެއިދާ ސުވާލު ވިދާޅުވި އެވެ.
އަންހެނުންނަށް ވެސް ކުދިންނަށް ވެސް އަދި މިހެން ދިމާވާ ހާލަތު ބަދަލު ކުރަން ޖެހެނީ އެހެންވެ އެވެ. ހުމެއިދާ ވިދާޅުވި ގޮތުގައި ގާނޫނުތައް ތަންފީޒުކޮށް، ކަމާބެހޭ އިދާރާތައް އެކުގައި މަސައްކަތް ކޮށްގެން މިހާރު ވެއްޓިފައި އޮތް ނިޒާމް އަލުން ނަގައިގެން ނޫނީ މި މައްސަލަ ހައްލެއް ނުވާނެ އެވެ. ފުރަތަމަ ކަމަކަށް ފޭކް ބަޔަކަށް ނުވާން އެބެޖެހެ އެވެ.
ހުމެއިދާ އާއި އާޒިމާ ނިސްބަތްވާ މަދަނީ ޖަމިއްޔާތަކުގެ އިތުރުން ދިވެހި ހުރިހާ ރައްޔިތުން ވެސް އިއްތިފާގުވާ އެއް ކަމަކީ ޖިންސީ އަނިޔާ އިން ކުޑަކުދިންނާއި ރައްކާތެރިކުރުމުގެ ނިޒާމް ފެއިލްވެފައި ކަމެވެ.
ކަނޑުހުޅުދޫ ހާދިސާއާ ގުޅިގެން އިހުމާލުވި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. އޭނާގެ އިސްތިއުފާއަށް ގޮވަމުންދާ އަޑުތައް ދަނީ ދުވަހުން ދުވަހަކަށް ގަދަވަމުންނެވެ. ޝިދާތާ އަކީ މިކަމުގައި އިހުމާލުވި އެންމެ އިސްފަރާތް ކަމަށް ގަބޫލު ކުރެވެނީނަމަ އެންމެން އެކުގައި ލޯގަނޑު ކުރިމައްޗަށް ހުއްޓިއްޖެނަމަ ފެންނާނީ ހުސް ޝިދާތާ އެވެ. އެހެންކަމުން މިއީ ރޮއި ކަރުނަ އޮއްސައިގެން އަދި ތުހުމަތުވާ މީހުން މަރަށާއި ހަވަރަށް ދޭށާއި އިސްތިއުފާއަށް ގޮވައިގެން ނިންމޭ ކަމެއް ނޫނެވެ. މިހާރު މާ ބޮޑަށް ދެރަވެގެން އެކަކުވެސް ރޯނެ ކަމެއް ނެތެވެ. ވަޒީރުން ވެސް ކުރަން އޮތް ކަންތައް ކުރެވޭތޯ ބަލާށެވެ. އާންމު މީހާ ވެސް އޭނާގެ ޒިންމާ އަދާ ކުރާށެވެ. ނޫސްވެރިޔާ މި މައްސަލަ އިންވެސްޓިގޭޓް ކުރާށެވެ.