ކްރިމިނަލް ކޯޓް

ކަނޑުހުޅުދޫ ރޭޕް: ކާފަ އާއި މުނިކާފަ އުމުރަށް ޖަލަށް

ދެކުނުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ގއ. ކަނޑުހުޅުދޫގައި އުމުރުން އެއް އަހަރާއި، ނުވަ މަހުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ކަމުގެ ތުހުމަތު އޮތް އެކުއްޖާގެ ކާފަ، އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި މުނިކާފަ، އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމުގެ މުއްދަތަކީ 25 އަހަރެވެ.

މި މައްސަލާގައި ތުހުމަތަށް މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ޖަނަވަރީ 2020 ގައެވެ. އެ ދެ މީހުންގެ މައްޗަށް އުފުލި އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ޝަރީއަތުން ބެލި ބެލުމުން ޖަނަވަރީ 17، 2020 ދުވަހުގެ ކުރީގެ ތަފާތު އެކި ދުވަސް މަތިން އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ހަސަން މޫސާ ދީދީގެ މުނިކާފަ ދަރީގެ ކުރިމަތިފަރާތުގައި އަތްލާފައިވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އިބްރާހީމް ދީދީ އާއި ހަސަން މޫސާ ދީދީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން އެ ދެ މީހުންވެސް 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.

ކަނޑުހުޅުދޫ ރޭޕް ހާދިސާއާ ގުޅިގެން މީގެ ދެ އަހަރު ކުރީން އަވަސް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް

ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން މި މައްސަލައާ ގުޅިގެން ޖަލު އަދަބުގެ ގޮތުގައި އިބްރާހީމް ދީދީ އާއި ހަސަން މޫސާދީދީ ތަންފީޒު ކުރަން ޖެހޭ މުއްދަތަކީ 22 އަހަރާއި ހަ މަހާއި 10 ދުވަސް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެއީ އެ މީހުން ޖަލުގައި ތިބި މުއްދަތު ހުކުމުން އުނި ކުރުމަށް ފަހު އެވެ.

މައްސަލައިގެ ފަސްމަންޒަރު

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެކަން ފުލުހަށް ހުށައެޅުމާއެކު ކުއްޖާގެ ބައްޕަ، އުމުރުން 32 އަަހަރުގެ އަބްދުއް ސަލާމް ރަށުން ފިލައިގެން ދިޔައެވެ. އޭނާ ފިލައިގެން ގޮސް ހުރީ ހުޅުމާލޭގެ ފްލެޓެއްގައެވެ. އެކަން އެނގި އެތައް ބަޔަކު ވަނީ ހުޅުމާލޭގައި އޭނާގެ ހުރި ފްލެޓް ކައިރިއަށް އެއްވެ އަޑު އުފުލާފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އޭގެ ފަހުންނެވެ.

މައްސަލަ ޖެންޑާގެ ސަމާލުކަމަށް އައުމުން ފުލުހުންނާއި ގުޅިގެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށައް ގެންދިޔައެވެ. އަދި މާލެ ގެނެސް އައިޖީއެމްއެޗްުގައި ފަރުވާދޭން ފެށި އެވެ. ކުއްޖާގެ ހާލަތު ރަނގަޅު ނޫންކަން ބުނުމުގެ އިތުރުން ކަމާބެހޭ އެއްވެސް ފަރާތްތަކުން އިތުރު މައުލޫމާތެއް އަދި މިހާތަނަށް ހިއްސާވެފައެއް ނުވެއެވެ.

ކުޑަކުއްޖާގެ އާއިލާގެ ބައެއް މެންބަރުން ބުނާ ގޮތުގައި އެކަން ހިނގާތާ އެތައް ދުވަސްތަކެއްވެފައި ވެއެވެ. އަދި އެއީ "ތިން ބަފައިން" ވެސް އެކަކު އަނެކަކަށް އެނގިގެން ހިންގަމުންދިޔަ މުޑުދާރު އަމަލެކެވެ.

އެ ކުއްޖާގެ މަންމަ އާއި ބައްްޕައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނެވެ. ކުއްޖާގެ ކާފަ އާއި ކުނިކާފައަކީ ޖިންސީ ގޯނާ ކުރުމުގެ ރެކޯޑްސް އޮތް ބަައެކެވެ.