ކްރިމިނަލް ކޯޓް

ހަ ކުދީންނަށް ޖިންސީ ގޯނާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެ ކުދީންނަށް ޖިންސީ ގޯނާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި އެ އާއިލާގެ މީހެކެވެ. މި މައްސަލައާ ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.

އެއީ މި މަހުގެ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މީހާގެ ބަންދަށް ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން އަލުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތެއް ނުދިނެވެ. މައްސަލާގައި ހިމެނޭ ބައެއް ކުުދީން މިހާރު ބޮޑުވެފައިވާ ކަމަށް ބުނެ ޝަރުތުތަކެއް ކުރުމަށް ފަހު ކޯޓުން އެ މީހާ ދޫކޮށްލަން އަމުުރުކުރީ އެވެ.

އެކަމާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް ފުލުހުން ވަނީ ކޯޓް އަމުރެއް ހޯދާ އަލުން އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުން ދެންމެ ބުނީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ޖިންސީ އަނިޔާ ލިބުނު ހަ ކުދީންގެ ތެރެއިން ތިން ކުއްޖަކަށް 18 އަހަރުވެއްޖެ އެވެ. އަނެއް ތިން ކުދީންނަކީ 18 އަހަރުން ދަށުގެ ކުދީންނެވެ. އާއިލާއިން ސިފަ ކުރާ ގޮތުގައި އެއީ "ރަންނަމާރި" އެއްފަދަ ބިރުވެރި މީހެކެވެ.