މާފުށީގެ ގޭގެ އާއި އެކި ސަރަހައްދުތަކުން ވިހަ ގަދަ ފައިދިގު މަކުނުތަކެއް ފެންނަމުންދާތީ ރައްޔިތުން ސަމާލުވުމަށް އެ ރަށު ކައުންސިލުގެ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
ގިނަ އަދަދަކަށް ޓޫރިސްޓު ގެސްޓް ހައުސްތައް ހިންގާ މާފުށީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ރަށުން ފެންމުންދަނީ ބްރައުން ވިޑޯ ނަމަކަށްކިޔާ ފައިދިގު މަކުނުތަކެއް ކަމަށް މިނިސްޓްރީ އޮފް ހެލްތްގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ބުނެފައިވާ ކަމަށެވެ. އަދި އެ މަކުނުތަކުގެ ކިބައިން ސަލާމަތްވުމަށް ބޭނުން ކުރެވޭ ކެމިކަލަކީ ކޮބައިތޯ ބަލަމުން ގެންދާ ކަމަށެވެ.
އެ ކައުންސިލުން ބުނީ ބްރައުން ވިޑޯ މަކުނެއް ނުވަތަ ބިހެއް ފެނިއްޖެނަމަ އެންމެ ރައްކާތެރި ގޮތަކީ އަންދާލުން ކަމަށެވެ. އެހެން ކަމުން މިވަގުތަށް އެ ގޮތަށް އަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ރާއްޖޭގައި ލޯކަލް ޓްއަރިޒަމް އެންމެ ފުޅާކޮށް އޮތް މާފުށިން ވިހަ ގަދަ ފައިދިގު މަކުނުތަކެއް ފެންނަމުންދާތީ އެ ތަކެތި ނައްތާލުމަށް މުޅި ރަށް ބަލާ ފާސް ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ބްރައުން ވިޑޯ ހަށިގަނޑުގެ ތަނެއްގައި ހެފުމުން އެ ތަނެއްގެ މަސްތައް ހަރުވެ، ލޭ ދައުރުވުމަށް ހުރަސް އެޅޭނެ އެވެ. ތަދުވުމާއި ހޮޑުލެވުމާއި ދާހިއްލުމަކީ ބްރައުން ވިޑޯގެ ވިހައިގެ އަސަރު ކުރުމުން ދިމާވެދާނެ އަލާމާތްތަކެކެވެ.