ހަބަރު

މާފުށީ މަރުކަޒުގައި ދަތުގެ ފަރުވާ ފަށައިފި

ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ދަތުގެ ފަރުވާ ދޭ ޔުނިޓެއް ގާއިމްކޮށް ފަރުވާ ފަށައިފި އެވެ.

ކ. މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށާފައި ވަނީ ވާޗުއަލްކޮށް ބެއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެ ވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ މާފުށީގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށުމަކީ މާފުއްޓާއި ކައިރި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުނާއި ހާއްސަކޮށް، މާފުށީގެ ޖަލުގެ ގައިދީންނާއި، އޮފިސަރުންނަށް ލިބިގެންދާނެ ލުޔެއް ކަމަށެވެ. އަދި ވިދާޅުވީ މާފުއްޓާއި ކައިރިން ގިނަ ރިސޯޓްތައް ތަރައްގީ ކުރަމުންދާއިރު، މާލެއަށް އައުމަށް ކުރަންޖެހޭ ހަރަދާއި ވަގުތު އެ ހިދުމަތާއެކު ސަލާމާތްވާނެ ކަމަށެވެ.

މާފުށިީ ސިއްހީ މަރުކަޒުގައި ހުޅުވި ދަތުގެ ފަރުވާދޭ ޔުނިޓަކީ، އަތޮޅުތަކުގެ ސިއްހީ މަރުކަޒެއްގައި ހުޅުވި އެފަދަ އެންމެ ފުރަތަމަ ޔުނިޓެވެ.