ހަބަރު

ތުލުސްދުއާ ހުރާއިން ވެސް ބްރައުންވިޑޯ ފެނިއްޖެ

ކ. މާފުށިން ވިހަގަދަ ފައިދިގު މަނުކުގެ ބާވަތެއް ކަމުގައިވާ ބްރައުން ވިޑޯތަކެއް ފެނިގެން އެ ރަށުން މަކުނުތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވަނިކޮށް، އެ ބާވަތުގެ މަކުނުތަކެއް އެ އަތޮޅު ތުލުސްދޫ އިންނާއި ހުރާއިން ވެސް ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބްރައުން ވިޑޯ ބާވަތުގެ ވިހަގަދަ ފައިދިގު މަކުނުތަކެއް މާފުށީގެ އިތުރުން ތުލުސްދޫއިންނާއި ހުރާއިން ވެސް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ތިން ރަށުން ފެނިފައިވާ މަކުނުތަކަކީ
ބްރައުން ވިޑޯތަކެއް ކަމަށް ހެލްތު މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ބްރައުން ވިޑޯގެ ފައިދިގު މަކުނެއް ހަށިގަނޑުގެ ތަނެއްގައި ހެފުމުން އެ ތަނެއްގެ މަސްތައް ހަރުވެ، ލޭ ދައުރުވުމަށް ހުރަސް އެޅޭނެ އެވެ. ތަދުވުމާއި ހޮޑުލެވުމާއި ދާހިއްލުމަކީ ބްރައުން ވިޑޯގެ ވިހައިގެ އަސަރު ކުރުމުން ދިމާވެދާނެ އަލާމާތްތަކެކެވެ.

މި ރަށްތަކުގެ ކައުންސިލަރުންނާއި ފުލުހުންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މި މަކުނުތައް ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ތަކެތި ނައްތާލުމުގެ ގޮތުން އެ ބާވަތުގެ މަކުނެއް ނުވަތަ މަކުނެއްގެ ބިސް ފެނިއްޖެނަމަ ހަން ހުރަހެއް މެދުވެރިކޮށް ނެގުމަށް ފަހު އަންދާލުމަށް ހެލްތް މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދުވަސްކޮޅަކީ ކ. އަތޮޅުގެ ބައެއް ރަށްތަކުން ނުރައްކާތެރި ބްރައުން ވިޑޯ މަކުނުތަކެއް ފެންނަމުންދާ ދުވަސްކޮޅަކަށް ވާތީ އާންމުން ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ގޭތެރޭގައި އުޅޭއިރު ގޮނޑި އާއި ޖޯލިފަތި ފަދަ ތަންތަނުގައި އިށީދެ އުޅޭއިރު މަކުނު ހާލި ހޯދާފައި ހުރިތޯ ރަނގަޅަށް ބަލައި ޔަގީން ކުރުމަށް ފަހު ނޫނީ އިށީނދެ ނޫޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.