ހަބަރު

"ސިޓީ ބާތިލް، އަންހެނުން ހިތާނުކުރާކަށް ނުޖެހޭ"

އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާ އަދި އެކަމަށް ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލްކުރަން އެދި އެޗްޕީއޭއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.

އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް، އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިފައެވެ.

މިނިސްޓަރު އަމީން ވަނީ އެޗްޕީއޭގެ ސިޓީއާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށާ އަދި އެކަމަށް ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

އަދި އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ ބާތިލްކޮށް އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައެވެ.

އަންހެން ކުދިން ހިތާނުކުރަން ނުޖެހޭ ކަމަށާ އެއީ ދީނުގައިވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ދީނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިންސާނުންގެ ރައްކާތެރިކަމަށް ދީން ބާރު އަޅާ ކަމަށެވެ.

ރާއްޖޭގައި މީގެ އަަހަރުތަކެއް ކުރިން އަންހެން ކުދިން ހިތާނުކުރުވައެވެ. ނަމަވެސް ފަހުން އެކަން މުޅިން ވަނީ ހުއްޓިފައެވެ. އެއީ ދީނީ ކަމެއްކަމަށް ބުނެ ބައެއް ރަށްރަށުގައި އެކަން ކުރުވާ މީހުން އުޅޭ ކަމަށްވެއެވެ. ނަމަވެސް އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައިވާ ކަމެއް ނޫނެވެ.

އަރަބި ބައެއް ގައުމުތަކުގައި އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި އެ އާދަ ވަރަށް ބޮޑަށް އޮވެއެވެ. އެއީ އެ މީހުންގެ ދުވަސްވީ އާދައެކެވެ. ނަމަވެސް ސިއްހީ މާހިރުން ގެންދަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.