އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އައިކޮމްއަށް ހުށައެޅޭ ހުރިހާ މައްސަލަތައް އާންމުކޮށް ހުޅުވާލަން ނިންމައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށައެޅޭ ހުރިހާ މައްސަލަތަކެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އައިކޮމްއިން މި ނިންމުން ނިންމާ އާންމު އަޑުއެހުންތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ވެސް ވަނީ މިއަދު އާންމުކޮށްފައެވެ.

އެ އުސޫލުގައި، އަޑުއެހުން ބާއްވާ ތަނާއި ތާރީހާއި ގަޑި އާންމު ކުރުމާއި، އަޑުއެހުމަށް ހާޒިރުވުމާއި، ބަދަލުގައި މީހަކު ހަމަޖައްސާނެ ގޮތާއި، ބަދަލުގައި އަންނަ ފަރާތުން އަމަލުކުރަންޖެހޭ ގޮތާއި، އަޑު އެހުންތައް ކެންސަލް ކުރާނެ ހާލަތްތައް އަދި މައްސަލަ އަޑުއެހުމަށްޓަކައި އާންމުން ވަންނާނެ އުސޫލު ވަނީ ބަޔާންކޮށްފައެވެ.

އާ އުސޫލުގައިވާ ގޮތުން މައްސަލަ ހިނގަމުންދާ ގޮތް އަޑުއެހުމަށްޓަކައި އާންމުންނަށް ވަދެވޭނީ މައްސަލަ އަޑުއަހަން ވަނުުމުގެ ދަފްތަރުގައި ނޯޓްކޮށްގެން ކަމަށާ ދަފްތަރުގައި ނޯޓް ކުރިކަމުގައި ވިޔަސް މާލަމަށް ވަނުމުގެ ހުއްދަ ދެވޭނީ ނޯޓް ކުރާ ތަރުތީބުން ތަނުގައި ޖާގަ އޮތް މިންވަރަކުން ކަމަށެވެ. އަދި ނަން ނޯޓް ކުރަން ފަށާޏީ އަޑުއެހުން އޮންނަ ދުވަހުގެ ހެނދުނު 8:15 އިން ފެށިގެން އަޑުއެހުން ތާވަލްކޮށްފައިވާ ގަޑިޖެހުމުގެ ފަސް މިނެޓާ ހަމައަށް ކަމަށެވެ.

މައްސަލައިގެ އަޑުއެހުން ނިމޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެދިއްޖެނަމަ މައްސަލަ ހުށައެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ދޫކުރަންވާނެ ކަމަށާ އަދި މައްސަލަ ނިމޭތާ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި އެ ރިޕޯޓް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.