ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އެމެރިކާ ދަތުރަށް 4.1 މިލިއަން

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކަށް 4.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އދ އަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނިނަމަވެސް ފަހުން އެ މައުލޫމާތު ދިނުމަށް ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް އާންމު ފަރާތުން ވަނީ އެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން ދެކޮޅު ހެދުމުން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ދަށުން ރައީސްގެ އެމެރިކާ ދަތުރުފުޅުގެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެދިފައެވެ.

އެ އޮފީހުގެ އެދުމުގެ މަތިން މިއަދު ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދަތުުރުގެ ބައިވެރިންގެ ހަރަދަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި އެއްލައްކަ ސާޅީސް އެއްހާސް ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުުރުން ހުރުމުގެ ހަރަދާއި، ކެއުމަށް 1.8 މިލިއަން ވަނީ ހަރަދުކޮށްފައެވެ.

ރައީސްގެ އެމެރިކާ ދަތުރުގެ ހަރަދު ތަފްސީލް

  • ޓިކެޓް ހަރަދު 2،057،536.86
  • އެކްސެސް ބެގޭޖް 6،168.00
  • ޕޮކެޓް މަނީ 141،595.00
  • އިންސިޑެނޓަލް 98،652.04
  • ހުންނެވުމާއި، ފަރިއްކޮޅުގެ ހަރަދު 1،855،388.22
  • ސްކޫލް ދަރިވަރުންގެ ވިސާ ހޯދުމަށް ލަންކާއަށް ކުރި ދަތުރުގެ ހަރަދު 12،492.30

ރައީސް އޮފީހުން ބުނީ ރައީސްގެ އެމެރިކާ ދަތުރުގެ ހުރިހާ ޓިކެޓެއްވެސް ނަގާފައިވަނީ ބިޒްނަސް ކްލާހުން ކަމަށެވެ.

އަދި އެގޮތަށް އަމަލުކޮށްފައިވަނީ ނިއުޔޯކަށް ކުރާ ދަތުރަކީ ވަރަށް ދިގު ދަތުރަކަށްވާތީ، އައް ގަޑިއިރަށްވުރެ ދިގު ދަތުރެއްނަމަ ބިޒްނަސް ކްލާހުން ޓިކެޓް ނެގުމަށް މާލިއްޔަތު ގާނޫނު ތަންދޭތީ ކަމަށެވެ.

އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ބޮޑު ވަފުދެއް ގޮސްފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ދަތުރަށް ބޮޑު ޚަރަދެއްކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔެއެވެ. އެގޮތުން އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގައި 30 ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށާ އެ ބޭފުޅުންގެ ދަތުރަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ އެ ދަތުރުގައި 15 ބޭފުޅުންވެސް ބައިވެރިނުވާ ކަމަށް ބުނެފައެވެ. އަދި އާންމު އުސޫލުން ރައީސްގެ އެފަދަ ދަތުރުފުޅުތަކުގެ މައުލޫމާތު ހާމަނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަންޖެހޭކަމަށް ޓްރާންސްޕޭރަންސީން މޯލްޑިވްސްއިން ބުނުމާއި ގުޅިގެން ރައީސް އޮފީހުން ވަނީ އެ މައުލޫމާތު ހާމަކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސް އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެމެރިކާ ދަތުރު ނިމުމާއެކު ރާއްޖެ އައިސް އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އޮފީސް މެދުވެރިކޮށް މަޖުބޫރު ކޮށްގެން އެ މައުލޫމާތު ހޯދުމާއި ހަމައަށް ސަރުކާރުން ވަނީ އެމެރިކާ ދަތުރުގެ މައުލޫމާތު ހާމަކުރުމަށް ފަސްޖެހިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާ ހަމަޖެއްސެވިފަހުން އައިކޮމްގެ މަސައްކަތްތައް ހަރުދަނާވެ، ގާނޫނުން އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަންކަން ކުރެއްވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.