ތިން ރަށެއްގެ އިސްމެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަ ތަކެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލްވުމުގައި ތިން ރަށެއްގެ އިސްމެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަ ތަކެއް ބެލުމަށް ނިންމާ އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ޖޭއެސްސީން ބަލަން ނިންމާފައިވަނީ އދ ދަނގެތީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް މުހައްމަދު އާމިރާއި، ގއ ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމްގެ މައްސަލައެއްގެ އިތުރުން ޅ ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ޅ. ޖުޑިޝަރީ ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މޫސާގެ މައްސަލަ އެކެވެ.
މިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެންމެ މަތީ ކޯޓުން ފެށިގެން ދަށުގެ ކޯޓްތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ. އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުން ފާސްކޮށްގެން ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އެންމެ އިސް ކޯޓް ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުންވެސް ހިމެނެއެވެ.