ހަބަރު

ކޮމެޓީތަކަށް ކުރިމަތިލެވޭނީ ރަށާއި ސިޓީއަށް ނިސްބަތްވާ އަންހެނުންނަށް

އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ މީހަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިސް ތަރްޖަމާން އަދި ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ކޮންމެ ރަށެއްގެ ކޮމެޓީއަކަށްވެސް ބޭނުން އަންހެނަކަށް ވާދަ ކުރެވޭނެތޯ ސިޔާސީ ޕާޓީތަކާއި، ބައެއް އާންމުންވެސް ވަރަށް ގިނައިން ސުވާލު ކުރަމުން ގެންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ގާނޫނުގައި ބުނާގޮތުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަކަށް ކުރިމަތިލެވޭނީ އެ ރަށަކަަށް ނުވަތަ ސިޓީ އަކަށް ނިސްބަތްވާ އަންހެނަކަށް ކަމަށެވެ.

ނަމަވެސް އަންހުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށް ނެގޭ ވޯޓްގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ އެ ރަށެއް ނުވަތަ ސިޓީއެއްގެ ހުރިހާ އެންމެންނަށް ވޯޓް ލެވޭނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއެކު ހަމަ އެދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިފަހަރު ރަށްތަކުން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 895 މެންބަރުން އިންތިހާބު ކުރާނެއެވެ. އަދި ސިޓީތަކުން 40 މެންބަރުން އިންތިހާބު ކުރާނެއެވެ.