ހަބަރު

އޭލެވެލްގެ ކިޔެވުން އަވަސް ކުރާ ގޮތަށް ނިންމައިފި

Aug 31, 2015

އަންނަ އަހަރުން ފެށިގެން އޭލެވެލްގެ ކިޔެވުން ޖެނުއަރީގައި ފަށާގޮތަށް ބަދަލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އޭލެވެލް އަދި އޯލެވެލް އިމްތިހާން ރާއްޖޭގައި އިންތިޒާމް ކުރާ، ޕިއާސަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ.އޭ.ޝެރެޓް އެވެ.["ޕިއާސަން" އަކީ "އެޑެކްސެލް" އަށް މިހާރު ކިޔާ ނަމެވެ.]

ޖެނުއަރީގައި އޭ ލެވެލް ފަށާގޮތަށް ބަދަލުކުރުމާއި ބެހޭގޮތުން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވީ، އެގޮތަށް ބަދަލުކުރިޔަސް މިހާރު އޭލެވަލް ކިޔަވާ ކުދިންގެ ކިޔެވުމާއި ޓެސްޓް ހަދާ ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެ ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށާއި އޭގެ ސަބަބުން ގްރޭޑް 10 ނިންމުމަށްފަހު ކިޔެވުމާއި ދުރު ދުވަސްތަކެއް ކުދިން ހޭދަކުރަންޖެހޭ ޖެހުން ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުތަކުގައި މީގެ ކުރިން އޭ ލެވެލް ފަށަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހު އެވެ. އެގޮތަށް އޮތުމުން ގްރޭޑް 10 ނިންމުމަށްފަހު އޭ ލެވެލް އަށް ކިޔަވަން ފެށުމާއި ދެމެދު ހައެއްކަ މަސް ބޭކާރު ގޮތުގައި ހޭދަކުރަން ޖެހެ އެވެ. އެއީ 10 ނިންމާއިރު ދަސްވެފައި ހުންނަ ފިލާވަޅުތައް ހަނދާންނެތި ކުދިންގެ ކިޔެވުމަށް އެޅޭ ހުރަހެއް ކަމަށް ގިނަ ބެލެނިވެރިން ދެކެ އެވެ. އަދި އެއީ ކިޔެވުމަށްފަހު ޔުނިވަސިޓީއަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބުން ލަސްވާ ސަބަބެއް ކަމަށްވެސް ގިނަ ކިޔަވާކުދިން ދެކެއެވެ.

މިނިސްޓަރު ވިދާޅުވީ އޭލެވެލްގެ ކިޔެވުން އަވަސް ވުމާއި އެކު ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

އޭލެވެލްގެ ކުދިންގެ ކިޔެވުމަށް މިއައި ބަދަލާއި އެކު އޭ ލެވެލް ނިންމާ ދަރިވަރުންގެ ޓެސްޓުތައް ވެސް ފެށޭނީ އޯލެވެލް ހަދާ ކުދިންނާއި ދާދި އެކުއެކީގައެވެ. މިނިސްޓްރީން ބުނީ އެއްކޮށް ޓެސްޓް ހަދަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ. ޓެސްޓު ބާއްވާނެ ތަނަކާއި ޓެސްޓާޢި ބެހޭ އެހެނިހެންވެސް ކަންކަން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.