ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީސް އާ ދައުރަށް ހުޅުވާ ޖަލްސާއަކީ ދިވެހި ރައްޔިތުން ވަރަށް އިންތިޒާރު ކުރާ ޖަލްސާއެކެވެ. ސަބަބަކީ އެ އަހަރަކަށް އޭރަކު އޮންނަ ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫއުތަކާއި، ރައްޔިތުންގެ ފައިދާއާއި ލާބައަށް ކުރަން ރާވާފައިވާ މުހިންމު މަސައްކަތްތަކުގެ ތަފްސީލުތައް އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނުގައި އަބަދު ވެސް ހިމަނުއްވާތީ އެވެ. އެ ޖަލްސާ މުހިންމު ވަނީ 1932 ގައި ފުރަތަމަ ރިޔާސީ ބަޔާނުގެ ގޮތު، ރަދުން ހުތުބަތުލް އަރުޝި އިއްވެވި ގޮތަށް ބަޔާން އިއްވާތީއެއް ނޫނެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާ ބާއްވާފައި ވަނީ އިއްޔެ އެވެ. އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރު އެ މަނިކުފާނުގެ ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ރިޔާސީ ބަޔާން މެދުވެރިކޮށް ވިދާޅުވެ ދެއްވާފަ އެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ކޮށް ދެއްވާނެ ބައެއް މަސައްކަތްތަކުގެ ތަފްސީލަށް ވަޑައިގެންފައި ވެއެވެ. އެ މަނިކުފާނު ދެއްވީ 3248 ލަފްޒުގެ ރިޔާސީ ބަޔާނެކެވެ. ބަޔާން ދެއްވީ 46 މިނެޓުންނެވެ.
ބަޔާނުގެ މަތީން ތިރިއަށް ހުރި ފާހަގަތައް
ރައީސް ސޯލިހު ދެވަނަ ރިޔާސީ ބަޔާނުގައި ފާހަގަ ކޮށްލެވޭ އެންމެ މުހިންމު ކަމަކީ މާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިދޭ "ތިލަމާލެ ބްރިޖު" ގެ ސާވޭ މަސައްކަތް ފައްޓަވާފައިވާ ވާކަން ހާމަ ކުރެއްވުމެވެ.
ތިލަމާލެ ބްރިޖު އަޅަން 411 މިލިއަން ރުފިޔާ ހަރަދުކުރަން މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ރައީސް އިއްޔެ ވިދާޅުވެފައި ވެއެވެ. އަދި ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓާޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް އިއްޔެއް އިއުލާނު ކުރެއްވި އެވެ.
ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ 7000 ފްލެޓް، އޭގެ ހައްގުވެރިން މިއަހަރު ހަވާލު ކުރާނެ އެވެ. އަދި މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހަދަން ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވާ ފުރަތަމަ 4000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ހިނގައިގަންނާނެ އެވެ.
ރިޔާސީ ބަޔާނުގެ ކުލަ އަލި ތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް އަލި އަޅުވާލައްވާފައި ވެއެވެ. އެ ގޮތުން އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭން އުފެއްދި އެސްއެމްއީ ބޭންކުން މިއަހަރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކޮށް އޭގެ ނަމްބަރުތައް ރައީސް އިއްޔެ ދެއްވެވި އެވެ.
ބޭސް ފަރުވާއަށް މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދާން ދިވެހިން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމުގެ ސުރުހީތައް ރައީސް އިއްޔެ ދެއްވި އިރު މިހާރު ވެސް ރާއްޖެގެ ތިން ރަށެއްގައި އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ހަަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި ގެންނެވި އެވެ.
ރައީސް ވިދާޅުވާ ގޮތުގައި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ އެވެ. އަދި 2021 ގެ ނިޔަލަށް އެ ހުރިހާ މަސައްކަތަކުން އަތް ދޫކޮށްލެވޭނެ އެވެ.
މަޖިލީހަށް ހުށަހެޅުނު ބިލްތަކުގެ އަދަދުތަކާއި، އެ ބިލްތަކުން ހާސިލްކުރެވުނު ނަތީޖާތަކުގެ ވާހަކަ ވެސް ރައީސް ގެނެސް ދެއްވި އެވެ. ހާއްސަކޮށް ކުޑަކުދިންނަށް އިހުމާލުވުމާއި، އެ ކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި އަނިޔާއާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ވާހަކައިން ސުރުހީ ދެއްވި އިރު ޓެރަރިޒަމާއި ހައްދު ފަހަނައެޅުމާއި، ދީނީގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުންނާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފުސީލުތަކުން އުންމީދު ދެއްވާފައި ވެއެވެ.
ސިއްހީ ދާއިރާއިން އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މި އަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލްގެ މަސައްކަތުގެ އިތުރުން އައިޖީއެމްއެޗްގައި ކިޑްނީ ބަދަލު ކުރުމުގެ ހިދުމަތް މިއަހަރުގެ ތެރޭގައި ފެށުން އެއީ ރައީސްގެ އުންމީދެކެވެ. އަދި މި ވެރިކަމުގައި ނަފްސާނީ ބައްޔަށް ފަރުވާ ކުރެވޭނެ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމުގެ ހަބަރު ދެއްވި އެވެ.
ރައީސް އިއްޔެ ވިދާޅުވި ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ކޮރަޕްޝަންގެ މައްސަލަތައް ނައްތާލަން ކުރާ މަސައްކަތް ވަނީ ހަލުއިކޮށްފަ އެވެ. އަދި ސިފައިންނާއި ފުލުހުންގެ މުއައްސަސާ މިހާރު ވާނީ ސިޔާސީ ނުފޫޒުން އެއްކިބާކޮށް މިނިވަން ކަމާއެކު ދޫކޮށްލާފަ އެވެ.
މި ސަރުކާރުގައި ޖަލުތައް އިސްލާހު ކުރަން ފެށި މަސައްކަތުގައި ގައިދީންގެ ހައްގުތައް ކަށަވަރު ކުރަން ކޮށްފައިވާ މަސައްކަތްތައް ވެސް ރަނގަޅު ހިސާބަކަށް ގެންގޮސްފައިވާއިރު ރައީސްގެ މައިގަނޑު ތަސައްވުރެއް ކަމަށްވާ ލާމަރުކަޒީ ނިޒާމް ވަރުގަދަ ކުރަން ކުރި މަސައްކަތްތަކާއި، ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައްޓަން ކުރާ ގޮތަށް ވެސް ރައީސް ވަނީ އެ މަނިކުފާނުގެ ރިޔާސީ ބަޔާނުން ޖާގަ ދެއްވާފަ އެވެ.
ޓެކްހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ކުރަން ކުރާ މަސައްކަތްތަކުގެ ތަފްސީލްތަކަށް ރައީސް ވަޑައިގެންނެވި އިރު ޝަރުއީ ނިޒާމް އިސްލާހުކޮށް ދައުލަތުގެ ތިން ބާރު ވަކިވެ މިނިވަންކަމާއެކު ހިންގައިގެންފައިވާ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި ހައްގުތައް ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދާދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް ވަޑައިގެން އުންމީދު އާކޮށް ދެއްވި އެވެ.
އިދިކޮޅުގެ ނަޒަރުގައި އުންމީދެއް ނެތް ބަޔާނެއް
ރައީސް ސޯލިހްގެ ދެވަނަ ރިޔާސީ ބަޔާން ވެގެން ގޮސްފައި ވަނީ އެއްވެސް އުންމީދެއްނެތް ބަޔާނަކަށް ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި މިއީ އޮޅުވާލުމާއި، ހަގީގަތް ފޮރުވާފައިވާ ބަޔާނެއްގެ ގޮތުގައިވެސް އިދިކޮޅުން ސިފަ ކުރެ އެވެ.
އިދިިކޮޅުގެ ފުރަތަމަ ނުކުތާއަކީ ޝަރުއީ ނިޒާމް އިސްލާހުކޮށް، ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ކަމަށް ރައީސް ވިދާޅުވުމެވެ. އިދިކޮޅުގެ ނަޒަރުގައި ޝަރުއީ ނިޒާމް މިދިޔަ އަހަރު ދުވަހު ވަނީ މުޅިން ކިލަނބުކޮށްލާފަ އެވެ. އަދި ދައުލަތުގެ ތިން ބާރު ވަނީ މުޅިން އެކުވެ އެކެއްގެ މުށުގެ ތެރޭގައި މަސްހުނިވެފަ އެވެ.
ފަހަރުގައި ރައީސް ސޯލިހަށް ދައުލަތުގެ ތިންބާރު ވަކިވުމުގެ މަފްހޫމް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ. ޖޭއެސްސީއަކީ މަޖިލީހުގެ ފުލް ކޮންޓްރޯލް އޮތް ތަނެއް، މަޖިލީހުން ސަރުކާރުގެ ވުޒާރާތައް ހިންގަންވާ ގޮތް ބުނެދޭ، ރައީސް އޮފީހުން މިހާރު ވެސް ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ،ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް
"ފަހަރުގައި ރައީސް ސޯލިހަށް ދައުލަތުގެ ތިންބާރު ވަކިވުމުގެ މަފްހޫމް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ. ޖޭއެސްސީއަކީ މަޖިލީހުގެ ފުލް ކޮންޓްރޯލް އޮތް ތަނެއް، މަޖިލީހުން ސަރުކާރުގެ ވުޒާރާތައް ހިންގަންވާ ގޮތް ބުނެދޭ، ރައީސް އޮފީހުން މިހާރުވެސް ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ." އިދިކޮޅުގެ އިހުތިޖާޖުގެ ތެރެއިން ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ފާޑުވިދާޅުވަމުން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވި އެވެ.
ގެންނާނެ އިގްތިސޯދީ މުހިންމު މަޝްރޫއުތަކެއްގެ ވާހަކަ ރިޔާސީ ބަޔާނުގައި ހިމަނާފައި ނުވުމަކީ ވެސް އިދިކޮޅުގެ ކަންބޮޑުވުމެކެވެ. ރިޔާސީ ބަޔާނުގައި އޮތީ ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ފެށި ވާހަކައެވެ. ދެން އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ވާހަކަ އާއި ގުޅިފަޅުގައި ހަދާ ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރުގެ މާސްޓާޕްލޭންގެ މަސައްކަތް ފަށާ ވާހަކަ އެވެ. ހަތަރު އަހަރުތެރޭ އިތުރު ހަ އެއާޕޯޓް އަޅުއްވާ ވާހަކަ އާއެކު ދެން ހުރީ 2020 ގެ ބަޖެޓްގައި ހިމަނާފައިވާ ބައެއް މަސައްކަތްތަކެވެ.
"ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުން ބޮޅުމުގެ ތެރޭގައިކަން. އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފިކަން. އަދި އެކަން ހަމަމަގަށް އެޅުވޭނެ ގާބިލްކަން މި ސަރުކާރުގައި ނެތްކަން." ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުން ބޮޅުމުގެ ތެރޭގައިކަން. އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފިކަން. އަދި އެކަން ހަމަމަގަށް އެޅުވޭނެ ގާބިލްކަން މި ސަރުކާރުގައި ނެތްކަންމުހައްމަދު ސައީީދު | މާވަށު ދާއިރާގެ މެންބަރު
ސަރުކާރަށް އަހަރު ދުވަސްވީއިރު ވެސް ދައްކަމުން ގެންދަނީ ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ވާހަކައަކާއި، އިންސާފާއި ހައްގު ގެެއްލިފައިވާ މީހުންނަށް ހައްގުތައް ހޯދާ ދިނުމުގެ ހުސް ވާހަކަތަކެއް ކަމަށް ވެސް އިދިކޮޅުގެ ސިފަ ކުރުމުގައި ބުނެ އެވެ. އިންސާފު ލިބޭނީ ކޮން ދުވަހަކުންތޯ ވެސް ސުވާލު ކުރެ އެވެ. ދެން އިދިކޮޅުން ބުނާ ގޮތުން އިއްޔެ މަޖިލީސްގައި އިއްވީ ވަރަށް "ވަޅޯ ތާފަނާ" ރިޕޯޓެކެވެ.
ވައުދުތައް ދަނީ ފުއްދެމުން: ރައީސް
ރިޔާސީ ބަޔާން މެދުވެރިކޮށް ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ މުހިންމު ވައުދުތައް ދަނީ ފުއްދެމުންނެވެ. ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ އަދި ޝަރުއީ ދާއިރާއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ. ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލުތައް ގެނެސްދެވި ކޮރަޕްޝަން ނައްތާލަން ފަށާފައިވާ މަސައްކަތުން ނަތީޖާ ފެނެ އެވެ. ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެވި ރާއްޖެއަކީ އިންވެސްޓަރުންނަށް އިތުބާރު ބޮޑު ގައުމަކަށް ހަދައި ދެއްވިއްޖެ އެވެ. ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުވެ، އިންސާފު ނުލިބި ތިބި ރައްޔިތުންނަށް އިންސާފު ހޯދައި ދެވިއްޖެ އެވެ.