ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާން ވަރަށް ފުރިހަމަ ކަމަށް އެމަނިކުފާނަށް ތާއީދު ކުރާ މީހުން ގަބޫލުކުރެ އެވެ. މީގެ ކުރިން ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާންތަކަށް ވުރެ މިއަހަރު އިއްވެވި ބަޔާން ދިގު ނަމަވެސް އަޑުއަހާލަން ފަސޭހަވެފައި އެމަނިކުފާނުގެ ހުށަހެޅުއްވުން މޮޅު ކަމަށް އާންމުން ފާހަގަ ކުރެ އެވެ. އެކަމަކު ގައުމާއި ރައްޔިތުންނަށް މޮޅެއް ލިބެން އޮތީ ރިޔާސީ ބަޔާންގައި ފަށުވިކޮށް އަތުރާލައި އިބާރާތްތަކާއި ހާމަ ކުރައްވާ ސިޔާސަތުތައް ހަގީގަތަކަށް ހަދައިދީގެނެވެ. އެއް އަހަރުގެ ރިޔާސީ ބަޔާނުގައި ކުރަން ވިދާޅުވާ ކަންކަން ޖެހިގެން އަންނަ އަހަރު ކުރެވިފައިވާނަމަ ނުވަތަ ކުރަން ވިދާޅުވާ ތާރީހުތަކަށް ކުރެވޭނަމަ އެއީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ރިޔާސީ ބަޔާން އެންމެ ފުރިހަމަ ބަޔާނަކަށް ވަނީ ސަރުކާރުގެ މައިގަނޑު މަޝްރޫއުތަކުގެ މައުލޫމާތު ހަގީގަތާ އެއްގޮތަށް ހާމަކުރެއްވުމުންނެވެ. ރައީސްގެ ރިޔާސީ ބަޔާނަކީ ސަރުކާރު ޕްރޮމޯޓްކޮށް، ތާއީދުކުރާ މީހުން ހިތްހަމަޖައްސައިދިނުމަށް އިއްވަވާ ބަޔާނަކަށް ވެގެން ނުވާނެ އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން ރައީސް ފެއްޓެވީ މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ހިސާބުންނެވެ. އެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތް ވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު އިތުރު ދިރުމެއް ކަމަށާއި ރާއްޖޭގެ އިންސާނީ ހައްގުތައް ދިރުވައި އާލާ ކުރުމަށް ލިބުނު އިތުރު ހަކަތައެއް ކަމަށް ވިދާޅުވި އެވެ. ހަމަލާއާއި ގުޅިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ. ސަރުކާރަކަށް ރައީސް ސޯލިހަކަށް އެކަންކަމެއް އަދި ނުކޮށްދެވެ އެވެ. އެއީ ހަމަލާ އަށް ފަންޑް ކުރި މީހުން ހޯދުމާއި، ހަމަލާ ދިނުމަށް މަގުފަހިވާ ގޮތަށް ދޮރުތައް ހުޅުވައިދިން މީހުން މަގާމުތަކުން ވަކިކުރުމުގެ މައްސަލަ އެވެ.
ރައީސް ނަޝީދަށް ހަމަލާދީފައިވަނީ ބައެއްގެ އިހްމާލުން ކަން އޮތީ ހާމައަށް ފެންނާށެވެ. ހަމަލާއާއި ގުޅިގެން މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި އިހްމާލުވި ފަރާތްތަކާއި އެ މީހުން އިހްމާލުވި ގޮތް އެވަނީ ބުނެދީފަ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިހްމާލު އެކަމުގައި ވަކިން ބޮޑެވެ. އެއީ ރައީސް ސޯލިހް އައްޔަން ކުރައްވާ އަދި ވަކިކުރެއްވުމުގެ ބާރު ވެސް އޮތް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އެކަމަކު މަރިޔާ މަގާމުން ވަކިކުރައްވާކަށް ރައީސް ބޭނުންފުޅެއް ނުވެ އެވެ. ހަމަލާއާއި ގުޅިގެން ރިޔާސީ ބަޔާނުގައި ރައީސް ނަޝީދަށް ހަމްދަރީވެވަޑައިގެން ވާހަކަ ދެއްކެވިއިރު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އެޅުމާ މެދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް އެއީ އިންސާފެއް ނޫނެވެ. އެއީ އަދިވެސް އެމީހުން ރުހިގެން ތިބި ކަމެއްވެސް ނޫނެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު އެފަދަ ދެވަނަ ހަމަލާއަކުން އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދާ ހަމައަށް ވެސް ސަރުކާރުން އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމައެއް ނުކުރެ އެވެ. މަޖިލީހަށް ކޮންމެ ކަމެއް ހިއްސާކުރުމަކީ އަދި ހުރިހާ ކަމަށް އޮތް ހައްލެއް ވެސް ނޫނެވެ. ގައުމީ ސަލާމަތާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށް ގަބޫލުކުރަމެވެ. އެކަމަކު ހާމަކުރެވެން އޮތް މިންވަރު ވެސް ހާމައެއް ނުކުރުން އެއީ ރައްޔިތުންގެ ޝަކުވާ އެކެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ ސްޓްރެޓެޖިކް އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމުގެ މަޝްރޫ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ މާލޭގައި މިހާރު ހިންގަމުން ގެންދާ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުުރުރުމުގެ ބޮޑު މަސައްކަތް ވެސް ހިމަނައިގެންނެވެ. ދިވެހި ރުފިޔާ އިން ނަމަ އެއީ 7.7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. ރައީސްގެ މިދިޔަ އަހަރުގެ ރިޔާސީ ބަޔާންގައި އެ މަޝްރޫއު ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ފަށައިގަންނާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމެއް ނުހިނގަ އެވެ. ކުރާ ސާވޭއެއްގެ އަޑު ފިޔަވާ ބްރިޖު މަޝްރޫއު ހަގީގަތަކަށް ވެދާނެ ކަމުގެ އެއްވެސް ހިލަމެއް އިޝާރާތެއް ވެސް ނުލިބެ އެވެ.
ރައީސް ވަނީ ވެރިކަމުގެ މިދައުރުގެ ތެރޭގައި ބްރިޖު މަޝްރޫއާއި ވިޔަފާރި ބަނދަރުގެ މަސައްކަތް ނިންމާނުލެވޭނެ ކަމަށް ވަރަށް ފަހުން ވިދާޅުވެފަ އެވެ. ވެރިކަމުގެ މިދައުރުގެ ތެރޭގައި އެ މަޝްރޫއު ހަގީގަތަކަށް ހަދައިނުދެވިއްޖެނަމަ އެއީ ރައީސް ސޯލީހަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެކެވެ. ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެކަން ހަގީގަތަކަށް ވުމުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވުން ފިޔަވާ އެ ބިޔަ މަޝްރޫއާ ގުޅޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ގިނަ އެވެ. ވެރިކަމުގެ މިދައުރުގެ ތެރޭގައި ބްރިޖު މަޝްރޫއު ނުނިމޭކަން ޔަގީންވާއިރު ދެން އެ މަޝްރޫއު ނިމޭނެ ތާރީހެއް އެނގެންޖެހެ އެވެ. މަޝްރޫއު ލަސްވި ސަބަބެއް ނުވަތަ ކަނޑައެޅި ގޮތަށް ކުރިއަށް ނުދިޔަ ސަބަބުތަކެއް ބުނެދޭންޖެހެ އެވެ. މަޝްރޫއަށް ނަގާ ލޯނު ދައްކާނެ ގޮތަކީ ކޮބައިކަން ސާފުވާން ޖެހެ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ސަރުކާރު ހިންގާއިރު އެ މައުލޫމާތުތައް އެނގުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެކެވެ. އެ މައުލޫމާތު ހާމަކުރަން އެންމެ ރަނގަޅު އެއް ވަގުތަކީ ރިޔާސީ ބަޔާން އިއްވާ ވަގުތެވެ. އެކަމަކު އެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ.
މުޅި ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލެ ސަރަހައްދުގަ އެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ލިބޭނެ އަވަސް ގޮތްތަކެއް ހޯދައިދޭންޖެހެ އެވެ. މާލޭގައި ފުނިޖެހިފައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ ހައްލަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ. މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ދީގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސްގެ މިއަހަރުގެ ބަޔާނުގައި ވެރިކަމުގެ މިދައުރުގެ ތެރޭގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން 7،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އޭގެތެރެއިން 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރު ކުރިއަށްދާ ކަމަށް ފާހަގަކުރެއްވި އެވެ. އެކަމަކު ރައީސް އެ ވިދާޅުވާ އަދަދަށް ހުޅުމާލޭގައި މިސަރުކާރުން އަޅަމުންދާ ހައުސިން ޔުނިޓްތަކެއްގެ މަސައްކަތެއް އަދި އެއް ނުފެނެ އެވެ. މަސައްކަތްތައް ކުރިއަށްދާ ގޮތުން އެ އުއްމީދު ކުޑަ އެވެ.
މާލޭ ރަށްވެހިންނަށް 5،000 ގޯތި ދޫކުރާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވުމަކީ މާލޭ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރައީސް އިއުލާން ކުރެއްވި ގޮތުގައި ގޯތި ދޫކުރާނީ ހުޅުމާލެ އިން 1,000 ގޯތި، ގުޅީފަޅުން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި އެތަނުން 2,000 ގޯއްޗެވެ.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުންއިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ގިރާވަރު ފަޅުން ގޯތި ދިނުމަށް ބިން ހިއްކުމަށްފަހު ތިލަމާލެ ބްރިޖު ގިރާވަރާ ގުޅާލާނެ ކަމުގައިވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ. އެކަމަކު ތިލަމާލެ ބްރިޖު މަޝްރޫއުގެ އެއްވެސް ހިސާބެއްގައި މީގެކުރިން ގިރާވަރަށް ބްރިޖު އަޅާނެ ކަމަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމަށް ވާނަމަ އެއީ ވަކިން ހަދަންޖެހޭ ސާވޭ އެކެވެ. ވަކިން ފަންޑް ހޯދަން ޖެހޭ މަޝްރޫއެކެވެ. ތިލަމާލެ ބްރިޖުގައި ފުރަތަމަ ގުޅާލަނީ މާލެ އާއި ވިލިމާލެ ކަމަށްވާއިރު އެ މަސައްކަތް ހަގީގަތަކަށް ވާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އެހެންކަމުން ގިރާވަރު ހިއްކައި، ގޯތި ދޫކޮށް އެތަނަށް ބްރިޖު އެޅޭނެ ދުވަހެއް އަދި އެ މަޝްރޫއު ކުރިއަށްދާ ގޮތެއް ވެސް ހާމަކުރަން އެބަ ޖެހެ އެވެ. ސިޔާސީ ގޮތުން ދައްކާލަން ބޭނުންވާ ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނުން އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގެ ކުރިން ސަރުކާރުން އަބަދުވެސް ބުނަމުން އައީ ގުޅިފަޅުން ދޫކުރާނީ 12،00 ގޯތި ކަމަށެވެ. ސަރުކާރުގެ އެ ވިސްނުން ކުއްލި އަކަށް ބަދަލުވެ ގުޅިފަޅުން 2،000 ގޯތި ދޫކުރަނީ ކިހިނެއް ކަން އެނގެން ޖެހެ އެވެ. އިތުރަށް ބިން ހިއްކާނަމަ އެކަން ކުރަން ރާވާފައިވާ ގޮތެއް ސާފުވާން ޖެހެ އެވެ. ދޫކުރާނެ ގޯތީގެ ބޮޑުމިނެއް ނަމަވެސް އޮޅުންފިލަންޖެހެ އެވެ. ރައްޔިތުންނާ ގުޅިފައިވާ ބޮޑެތި މަޝްރޫއުތަކުގެ ވާހަަކަ ދައްކަވާއިރު ސިޔާސީ ގޮތުން އަޅާލައި ސުރުހީ އަކަށް ވުރެ ބޮޑަށް ހަގީގީ އަދަދުތަކުން ރައީސް ވާހަކަދައްކަވަން އެބަޖެހެ އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެކެވެ. އެ މަސައްކަތުގައި އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނަންޖެހެ އެވެ. އެކަމަކު އެ މަސައްކަތުގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ. ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމަވަން ތިއްބަވާ ފަނޑިޔާރުން ޒިންމާދާރުކުރުވުމުގެ އެންމެ މުހިއްމު މަސައްކަތެއް ކުރާ ތަނަކީ ޖޭއެސްސީ އެވެ. މިވަގުތު ޖޭއެސްސީ އޮތީ ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް އަދި ސަރުކާރަށް އެ ކޮމިޝަނަށް ނުފޫޒު ފޯރުވޭ ގޮތަށެވެ. އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޭނުންވާނަމަ އަވަސް ބަދަލެއް ގެންނަން ޖެހޭ މައްސަލަ އެކެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ވައުދަކަށް ވާއިރު އެކަން އަވަސް ކޮށްގެން ނޫނީ ޝަރުއީ ދާއިރާ މިނިވަން އިންސާފުވެރި އަދި އަދުލުވެރި ދާއިރާ އަކަށް ނުހެދޭނެ އެވެ. ޖޭއެސްސީ ބަދަލުކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެންނެވެ. އެ މަސައްކަތް ފެށުމަށް ބޭނުންވާ ބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެތައް ފަހަރަކު ސަރުކާރުން ހާމަކޮށްފައިވެ އެވެ. އެކަމަކު ސަރުކާރަށް މިއަހަރު ހަތަރު އަހަރު ފުރެން ދާއިރު އަދިވެސް އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ބާކީ ދެން އޮތީ 21 މަސް ދުވަހަށް ވުރެ ކުޑަ ދުވަސް ކޮޅަކަށް ވާއިރު ރިޔާސީ ބަޔާނުގައި، ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ އެއްވެސް ވާހަކައެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ. އެ މަސައްކަތް މިދައުރުގެ ތެރޭގައި ހަގީގަތަކަށް ހަދައިދޭނެ ކަމުގެ އުއްމީދު ވެސް ކުޑަ އެވެ.
ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ. ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި "ސާކިޓް ކޯޓް" ތައާރަފް ކުރުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި، މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅުއްވާނެ ކަަމަށް ވިދާޅުވި އެވެ. އެކަމަކު އެ ބިލާ ގުޅޭ ވާހަކަފުޅެއް ވެސް މިއަހަރު ނުދެއްކެވި އެވެ.
ރާއްޖެ އަށް މިއަހަރު 1.6 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށް ރިޔާސީ ބަޔާންގައި ރައީސް ވިދާޅުވި އެވެ. އެ އަމާޒަށް ވާސިލްވެވޭނީ ރާއްޖޭގެ އެކި ސަރަހައްދުގައި ރިސޯޓު އަޅަން "ނުއަގުގައި" ނަމަވެސް ރަށްތަކެއް ދީގެން ތަރައްގީކުރަން މަސައްކަތް ކުރާ ގޮތަށް ދަތުރުފަތުރުވެސް ފަސޭހަ ކޮށްދީގެންނެވެ. ރާއްޖޭގެ އުތުރުން ހަނިމާދޫގައި އަދި ދެކުނުން އައްޑޫގެ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ނަމަވެސް އެއީ ނަން ބޯޑުގައި އެކަނި އޮތް "އިންޓަނޭޝަނަލް" އެކެވެ. އެއާޕޯޓުން ފޯރުކޮށްދޭން ޖެހޭ ހިދުމަތާއި ބޭނުންކުރާ ވަސީލަތްތަކާއި އަމަލުކުރާ ގޮތްތަކުގައި އިންޓަނޭޝަނަލް ކަމެއް ނެތެވެ.
އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ. އެކަން ކުރަން ސަރުކާރުން ކުރަހާފައި އޮތް ސިޔާސަތެއްގެ ކުޑަކުޑަ މަންޒަރެއް ނަމަވެސް ސިފަކޮށްލަން ދެއްވި ނަމަ އެއީ އައްޑޫ ރައްޔިތުންނަށް ލިބޭނެ ހިތްހަަމަ ޖެހުމެކެވެ. ރިޔާސީ ބަޔާނުގައި އެކަމެއް ނުކުރައްވަ އެވެ.
އިންޑިއާ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އުތުރުގެ ޓޫރިޒަމް ފުޅާވެ އުތުރުގެ ތަރައްގީގެ ދުވެލި ހަލުވި ކުރެވެން އޮތީ ހަނިމާދޫ އެއާޕޯޓުގެ ތަރައްގީ އަވަސް ކުރެވިގެންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނެ ގޮތުގެ މައުލޫމާތުތަކެއް އަދި އެތަން ތަރައްގީކުރުމުން ހުންނާނެ ގޮތުގެ ކުރެހުންތަކެއް ސަރުކާރުން މީގެކުރިން ހާމަކުރި އެވެ. ނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ. ހަނިމާދޫ ދާއިރާގެ މެންބަރު އިސްތިއުފާ ނުދެއްވި ނަމަވެސް އެއީ ރައީސްގެ އަރިހުގައި ހުންނެވި މެންބަރަކަށް ވާތީ އުތުރުގެ މައި އެއާޕޯޓުގެ ތަރައްގީގެ އަމަލީ މަސައްކަތް ފެށުން އަވަސްކުރަން ޖެހެ އެވެ. އެ މަަސައްކަތް ލަސްވާނަމަ ލަސްވާ ސަބަބެއް ހާމަކުރަންޖެހެ އެވެ. ރިޔާސީ ބަޔާނުގައި އެ މައުލޫމާތު ހިމަނާލެއްވި ނަމަ އެއީ ރައްޔިތުންނަށް އެތައް ކަމެއް ސާފުކޮށްދިން ބަޔާނަކަށް ވާނެ އެވެ.
ހައިސްޕީޑް ފެރީ ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމަތީގައި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ހަތަރު ލޯންޗް ކުޅުދުއްފުށްޓަށް ގެންގޮސް، ޓްރަޔަލް ދަތުރުތައް ފެށި ކަމަށް ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވި އެވެ. އެއީ ހއ. ހދ އަދި ށ. އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ހަމައެގޮތަށް ރަށްރަށުގައި އަޅަން ސަރުކާރުން ވައުދުވި އެއާޕޯޓުތަކުގެ ވާހަކަވެސް ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިނަމަ އެއީ އެ ރަށްތަކުގެ ރަށްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި 2020 ވަނަ އަހަރުން ފެށިގެން ހަ ރަށެއްގައި އެއާޕޯޓު އަޅާނެ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ވާހަކަދައްކަމުންނެވެ. ރައީސްގެ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެތަނުން ބައެއް ރަށްތަކުގެ ނަންތައް ވިދާޅުވެ އެ ރަށްތަކުގައި އެއާޕޯޓް އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިއަހަރުގެ ރިޔާސީ ބަޔާނުގައި އެތަނުން ރަށެއްގެ ނަން ވެސް ރައީސް ގެނެސްފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ވަނީ ފަށާފަ އެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ނިންމަން ކަނޑައެޅި ތާވަލާ އެއްގޮތަށް މިހާރު މަސައްކަތްތަކެއް ކުރިއަކަށް ނުދެ އެވެ. ވީއައިއޭ އަކީ ރާއްޖޭގެ މޫނުމަތި ކަމަށްވެފައި ރާއްޖެއަށް މިއަހަރު ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާނެ އެއް ތަނަކީ ވީއައިއޭ އެވެ. އެހެންކަމުން އެ ތަނުގެ ތަރައްގީއާ ގުޅިފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމުން އަވަސް ކުރަންޖެހެ އެވެ. އެކަމަކު ރާއްޖޭގެ މައި ދޮރާށީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ޒަމާނީ ޕެސެންޖާ ޓާމިނަލް ނިމެނޭ ދުވަހެއް އަދި އާ ރަންވޭ އަށް ފްލައިޓް ޖައްސާނެ ދުވަހެއް އެނގެން ރައްޔިތުން ބޭނުންވެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލުމަށް ފައިސާ ހިމަނާފައެއް ނުވެ އެވެ. އެކަމަކު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މަޝްރޫއަކީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއެވެ. ދެ ކޮމަންޑޫ ގުޅާލައި އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަސޭހަކޮށްދީ، އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ، ރައްޔިތުންނަށް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެކެވެ. އެކަމަށް ދެކޮޅު ހަދާ ރައްޔިތަކު ނެތެވެ. މައްސަލަ އަކީ ކޯޒްވޭ އަކުން ރަށްތައް ގުޅާލުމުގެ ހަ މަޝްރޫއެއް ބަޖެޓްކޮށްފައި އޮތް އިރު އެ ތަނުން އެއްވެސް މަޝްރޫއެއް ފެށުމުގެ ގޮތުން އެއްވެސް ކަމެއް އަދި ފެށިފައި ނުވަނީސް ކޮމަންޑޫ އަށް އިސްކަން ދިނުމެވެ. ދަތުރުފަތުރު ފަސޭހަކޮށްދިނުމާއި ރައްޔިތުން ރަށު ބަންދުން މިނިވަންކުރުމަކީ ސަރުކާރުގެ ވައުދަކަށްވީއިރު ބަޖެޓްކޮށްފައި އޮތް ރަށްތަކުގެ މަސައްކަތަށް އިސްކަން ދިނުމަށްފަހު ކޮމަންޑޫގެ މަޝްރޫއު ފެށި ނަމަ އެއީ ކެމްޕޭނަށް ފެށި މަޝްރޫއެއް ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ އެވެ. ރައީސްގެ ރިޔާސީ ބަޔާނުގައި ހަ ރަށުގެ ކޯޒްވޭގެ މަޝްރޫއުގެ ކުރިން ކޮމަންޑޫ މަޝްރޫއު އިސްކުރި ސަބަބެއް ވިދާޅުވި ނަމަ ކޮމަންޑޫ މަޝްރޫ އަކީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށް ބުނުމުގެ ފުރުސަތު ވެސް ކުޑަވާނެ އެވެ.
މަސްވެރިންނަށް ހިތްހަމަޖެހުމެއް ލިބޭނެ ވަރަށް މުހިއްމު ދެ ކަމެއް ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ހާމަކުރެއްވި އެވެ. އެއް ކަމަކީ ދަރަނި ބޮޑުވެގެން އިނދަޖެހެމުން ދަނިކޮށް ކުރީ ސަރުކާރުގައި އެސްޓީއޯގެ ދަށަށް ގެންދިޔަ މިފްކޯ އަލުން މިނިވަންކޮށް އަމިއްލަ ބާރާއި އިހްތިޔާރުގައި އެ ކުންފުނި ހިންގަން ފުރުސަތު ދޭނެ ކަމަށް ވިދާޅުވުމެވެ. ދެވަނަ ކަމަކީ މިއަހަރުގެ މާޗް މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން މިފްކޯ އަށް މަސް ގަންނަ އަގު ބޮޑު ވާނެ ކަމަށް އިއުލާންކުރެއްވުމެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔެ ފުރަބަންދުވެ، އިގްސޯދީ ހަރަކާތް ހުއްޓި، އާމްދަނީގެ ހުރިހާ މަގެއް ބަންދުވިއިރު، ހުޅުވިފައި އޮތީ، ވަށާ މި އޮތް ދިވެހި ނޫފަޅުތަކާއި، ރާއްޖޭގެ މަސްކަނޑުތައް ކަމަށެވެ. ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި، އެންމެ ގިނަ މަސް މިފްކޯއަށް ކިރުވީ ނިމިދިޔަ އަހަރު ކަމަށްވެސް ވިދާޅުވި އެވެ. އެއީ ރައީސް ވިދާޅުވިޔަސް ނުވިޔަސް ހަގީގަތެވެ. އެ ހަގީގަތް އެހެން އޮތް އިރު މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުވަތަ ބޮޑު އަގު ލިބެންޖެހެ އެވެ. އެކަމަކު ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް ޓޫރިޒަމަށް އިސްކަންދީ، މަސްވެރިކަމުގެ ދާއިރާ އޮންނާނީ ދޫކޮށްލާފަ އެވެ. ވަރަށް ބޮޑަށް އިހްމާލުވެފަ އެވެ.
މިފްކޯ މިނިވަންކުރާއިރު އެ ކުންފުނީގައި ކުރިން އޮތް ދަރަންޏާ މެދު އަމަލުކުރި ގޮތް ސާފުވާން ޖެހެ އެވެ. މިދިޔަ ދެ އަހަރަކީ އެހެން ސިނާއަތްތައް ފަދައިން މަސްވެރިކަމަށް ވެސް ގެއްލުން ބޮޑު ދެ އަހަރެވެ. މިސަރުކާރުގައި މިފްކޯ އަށް އަދި ފައިދާ އެއް ލިބިފައެއް ނުވެ އެވެ. މިފްކޯގެ ދަރަނިތައް އަދި ހަލާސްކޮށްފައެއް ނުވެ އެވެ. ކޮވިޑާ ގުޅިގެން މިފްކޯގައި ފައިސާ ނެތުމުން، މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ދެއްކުމަށް ލޯން ނަގާފައި އެބަހުއްޓެވެ. މިފްކޯގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުމަށް މަޝްރޫއުތަކެއް ފަށައިގެން ކުރިއަށް ގެންދަނީ ވެސް ލޯން ނަގައިގެންނެވެ. އެއީ ވެސް ދައްކަންޖެހޭނެ ބޮޑެތި ލޯންތަކެކެވެ. އެހެންކަމުން ލޯނަށް ފައިސާ ދައްކާ، ދަރަނިތައް ހަލާސް ކުރުމަށް ކުރާ މަސައްކަތް މަސްވެރިންނަށް ސާފުކޮށްދޭން ޖެހެ އެވެ. އެ މައުލޫމާތު އޮޅުން ފިލުވައި ނުދީ މަސްވެރިން ބާނާ މަހަށް ބޮޑު އަގު ދޭނެ ކަމަށް ރިޔާސީ ބަޔާންގައި ރައީސް ވިދާޅުވި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި މަސްވެރިންގެ ތާއީދު ހޯދުމަށްޓަކައި ބޮޑު އަގުގައި މަސް ގަތުން ވަގުތީ ކަމަކަށް ހެދުން އެއީ އިންސާފެއް ނޫނެވެ. މިފްކޯ ދަރަނިން ސަލާމަތް ނުކޮށް މަސްވެރިންނަށް ލިބޭނެ ފައިދާއެއް ނެތެވެ. ރިޔާސީ ބަޔާނުގައި ފުރަތަމަ އިސްކުރަންޖެހޭނީ މިފްކޯ ދަރަނިން ސަލާމަތް ކުރާ ވާހަކައެވެ.
ރައީސްގެ ރިޔާސީ ބަޔާން އަޑުއެހުމަށްފަހު އެންމެ ބޮޑު އުފަލެއް އަދި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ވަކިން ހާއްސަކޮށް ޓީޗަރުންނަށެވެ. މިއަހަރުގެ މެއި މަހުން ފެށިގެން ތައުލީމީ ދާއިރގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވި މިއަހަރުގެ ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވި ގޮތުންނަމަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ބޮޑުކުރުމުން ގްރެޖުއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ އިތުރު ގަޑީގެ ފައިސާ ނުހިމަނާ 12،628 ރުފިޔާ އިން 19،640 ރުފިޔާ އަށް ބޮޑުވާނެ ކަމަށެވެ. އެއީ މިހާރު ލިބޭ މުސާރައާއި އަޅާބަލާއިރު 56 ޕަސަންޓް އިތުރުވުމެކެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޖުމްލަ މުވައްޒަފުންގެ 45 ޕަސަންޓަކީ ތައުލީމީ ދާއިރާގެ މުވައްޒަފުންނެވެ. ރައީސް ވިދާޅުވި އަދަދުތައް މުސާރައިގެ ގޮތުގައިދޭ ނަމަ މިއަހަރުގެ ބަޖެޓުން އެކަމަށް 700 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުކުރަންޖެހެ އެވެ. ރާއްޖޭގައި އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ސަރުކާރަށް ހޯދިފައި ނުވާއިރު އެހާ ބޮޑު އަދަދެއްގެ ފައިސާ ހޯދާނެ ގޮތެއް ރައީސްގެ ރިޔާސީ ބަޔާނުގައި ހިއްސާ ނުކުރެއްވުމުން މުސާރައިގެ ކުރިއެރުން ގެންނަން އުޅޭ ގޮތާ މެދު އުފެދޭ ސުވާލުތައް އެބަހުއްޓެވެ. އެއީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ގެންނަ ވަގުތީ ބަދަލެއް ކަމާ ދޭތެރޭ ޝައްކު އުފެދެ އެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމުގެ ވާހަކަ ވިދާޅުވެފައި އެހެން ދާއިރާތަކަށް މުސާރައިގެ ކުރިއެރުން ދިނުމާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ނެތުމަކީ ދައުލަތުގެ އެހެން މުވައްޒަފުންނަށް ވެވޭ ބޭއިންސާފެކެވެ. އެންމެ ކުޑަމިނުން ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއި ޕޭ ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތެއް ހިއްސާކޮށްލެވުނު ނަމަ އެއީވެސް އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
މީގެއިތުރުން ވަކި ދާއިރާގެ މުސާރައަށް ގެންނަ ކުއްލި ބަދަލާ އެކު ރާއްޖޭގެ އިގްތިސާދަށް ހާއްސަކޮށް ތަކެތީގެ އަގުތައް އުފުލި އިންފްލޭޝަނަށް އަންނަ ބަދަލުތައް ހަމަޖައްސަން ސަރުކާރުން އަޅާނެ ފިޔަވަޅެއްގެ އެއްވެސް މައުލޫމާތެއް ރިޔާސީ ބަޔާނުގައި ހިއްސާ ކުރައްވާފައި ނުވުމަކީ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.
ރައީސް ސޯލިހުގެ ރިޔާސީ ބަޔާން ހުށަހަޅުއްވައި ދެއްވި ގޮތް ފުރިހަމަ ނަމަވެސް ރައްޔިތުންނަށް އެނގުން މުހިއްމު މައުލޫމާތުތަކެއް ރިޔާސީ ބަޔާނުން އުނިކޮށްލުމަކީ ދެރަކޮށްވީ ކަމެކެވެ. ފަހަރުގައި އެއީ ސިޔާސީ ގޮތުން ކުރެއްވި ކަމަކަށް ވެދާނެ އެވެ. އެކަމަކު ރިޔާސީ ބަޔާން އިއްވެވީ ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ކަމަށްވާއިރު ރައްޔިތުންނާ ގުޅިފައިވާ ބޮޑެތި މައްސަލަތަކުގައި ސަރުކާރުގެ ސިޔާސަތު އަދި ހައްލު އޮތް ގޮތް ވިދާޅުވެ ދެއްވަން ވާނެ އެވެ. ރިޔާސީ ބަޔާނުގައި އެކަން ފުރިހަމަކުރައްވާފައެއް ނުވެ އެވެ.