ހަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވި މީހަކު ހިފަހައްޓައިފި

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި 30 އަހަރުގެ ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ކޮން ގައުމަކުން ރާއްޖެ އެތެރެވާން އުޅުނު މީހެއް ކަމެއް އަދި އިތުރު ތަފުސީލެއް ވެސް އިމިގްރޭޝަނުން ދީފައެއް ނުވެ އެވެ. ނަމަވެސް އެމީހާގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް ފޮޓޯއެއް އިމިގްރޭޝަނުން ޓުވީޓްކޮށްފައި ވެއެވެ.

ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ނުވަތަ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެއަށް ބިދޭސީން އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރެޣައިވަެސް ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ދެ ބިދޭސީ އަކު އިމިގްރޭޝާނުން ވަނީ ހުއްޓުވާފަ އެވެ. މީގެ އިތުރުންވެސް މިދިޔަ އަހަރުގެ ވެސް އެކި ފަހަރު މަތިން އޮޅުވާލައިގެން އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވާފައިވެ އެވެ.

މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ސަރުކާރާއި އިމިގްރޭޝަން އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.