އެމްއާރުއެމް

ކުއްލި ނުރައްކާ ހިންގި މައްސަަލަ ބަލަން ގޮވާލައިފި

ރައީސް ޔާމީންގެ ސަރުކާރުގައި ފެބްރުއަރީ 5، 2018 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާ އެހެން ކަމުން އެކަންކުރި ބައެއްގެ މައްސަލަ ބެލުމަށް ރައީސް މައުމޫންގެ އެމްއާރްއެމް އިން ގޮވާލައިފި އެވެ.

މިއަދަކީ ރާއްޖޭގައި އެންމެފަހުން ހިންގި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަންފެށިތާ ދެ އަހަރު ފުރުނު ދުވަހެވެ. އެ ދުވަހާއި ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެދުވަހު ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ގާނޫނު އަސާސީގެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައްވެސް ނަގާލައި އަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލުމަށް ކަމަށެވެ.

ކުއްލިނުރައްކާ އިއުލާނު ކުރުމާއެކު އެންމެ ފުރަތަމަ ހައްޔަރުކޮށް، ދޫނިދޫ ޖަލަށް ގެންދިޔައީ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ކަން ފާހަގަ ކުރައްވާ އެ ބަޔާނުގައި ބުނެފައިވަނީ އެދުވަހު ގާނޫނު އަސާސީ ވަކި މީހެއްގެ މިލްކަކަށް ހަދައި، ގާނޫނުގެ ބާރު ކަނޑުވާލައި ދިވެހިރާއްޖޭގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިއަދު މިދެންނެވި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ އަހަރު ފުރޭއިރު، މުޅި ދިވެހި ގައުމަށް ހާމަވެގެން ގޮސްފައިމިވަނީ އެހާލަތުގެ ދަށުން ބަންދުކުރެވުނު ބޭފުޅުންގެ އިސްތަށި ފުޅުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު އިލްޒާމް ތަކެއްކަން. އަދި އެއީ ވަކިބައެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ގައިރު ގާނޫނީ މަސައްކަތެއްކަން." އެމްއާރްއެމްގެ ބަޔާނުގައިއެވެ.

އެމްއާރްއެމުން ބުނީ ކުއްލި ހާލަތު އިއުލާނުކޮށް ގާނޫނުއަސާސީއަށް ފައިންއަރާ، ގާނޫނު އަސާސީ އާއި ހިލާފަށް އަނިޔާވެރި އަމަލުހިންގި ދައުލަތުގެ އިސް މަގާމު ތަކުގައިތިބި މީހުންގެ މައްސަލަތައް ބަލާ އިންސާފުވެރި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ.

"އެހެންނޫނީ ކުރިޔަށް އޮތްތާގައިވެސް ރައްޔިތުންގެ ވޯޓުން ބާރުދީފައި ތިބޭ ވެރިން މިބާވަތުގެ އަނިޔާވެރި ގައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.