ހަބަރު

ބިދޭސީއެއް، ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅެފި

ދެކުނުގެ ރަށެއްގައި 11 އަހަރުގެ އަންހެންކުއްޖަކަށް ބިދޭސީއެއް، ޖިންސީ ގޯނާ ކުރަން އުޅެފި އެވެ.

ފުލުހުން ބުނީ ބިދޭސީ ފިރިހެނަކު އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނެ އިއްޔެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުުން މި ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެއް ކަމަށާއި އޭނާގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަން ތަހްގީގަގަށް އެނގިފައިވާ ކަމަށެވެ. އަދި މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށްވެސް ފިުލުހުން ވަނީ ބުނެފަ އެވެ.

ޖިންސީ ގޯނާއާ ގުޅޭ މިފަދަ މައްސަލަތައް ހިނގާ ސީދާ ރަށެއް ފުލުހުން އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ އަޕާ ސައުތު ޕޮލިސް ޑިވިޝަންއަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ ގއ، ގދ އަތޮޅު ހިމެނޭ ޑިވިޝަނެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ އިންތިހާ އަށް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ވަނީ އުތުރުގެ ރަށަކުން އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދެ ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.