ރައީސް މުހައްމަދު ނަޝީދު

ޓީއެމްއޭއާ އެއްވެސް ގުޅުމެއް ނެތް: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރުމާއި ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ރައީސް ނަޝީދު ވަކި ކޮޅަކަށް ބުރަވެ ވާހަކަ ދައްކާ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް ޓީއެމްއޭއާވެސް އަދި އެމްއޭސީއެލްއާ ވެސް އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.

މިހާރު އުފެދިފައިވާ މައްސަލަތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާ ސަބަބު ބަޔާންކުރައްވާ އެމަނިކުފާނުގެ އަތްޕުޅުން ލިޔެފައިވާ ނޯޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ނޯޓް އެމްޑީޕީއާއި ރައީސް ނަޝީދަށް ވަފާތެރި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގެންދަނީ ޓްވިޓާގައި ހިއްސާ ކުރަމުންނެވެ.

އެ ނޯޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެއާޕޯޓްގެ މައްސަލައާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަދައްކަވަނީ އެ މައްސަލަ ނުނިމި ދިގުލައިގެންގޮސްފިނަމަ ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުންވާނެ ކަމަށް ދެކޭތީ ކަމަށެވެ.

"ވެލާނާ އެއާޕޯޓާއި ގުޅޭގޮތުން އަޅުގަނޑު މިދައްކާ މޭރުމުން މިދައްކަނީ، އަޅުގަނޑުގެ ނަޒަރުގައި އެއާޕޯޓް މައްސަލަތައް އަވަހަށް ނުނިމިއްޖެނަމަ، ރާއްޖޭގެ އިގްތިސާދަށް ނުހަނު ގެއްލުންވާނެ ކަމަށް ދެކޭތީ. ޓީއެމްއޭ އަކާވެސް އަދި އެމްއޭސީއެލް އަކާވެސް އަޅުގަނޑުގެ ގުޅުމެއްނެތް. އަޅުގަނޑުގެ ގުޅުން އޮތީ ދިވެހިންނާ، ދިވެހިރާއްޖެއާ." ނަޝީދު އަތުން ލިޔުއްވާފައިވާ އެ ނޯޓްގައި ވިދާޅުވެފައިވެއެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އައުން މުހިންމު ކަމަށާއި އެކަމަށް ގޮތެއް ނުހޯދިއްޖެ ނަމަ އެ ކުންފުންޏަށް ބަދަލު ދޭން ޖެހުން ވަރަށް ގާތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި ގޯސް ހެދި މީހުންނަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޓީއެމްއޭއާއި ސަރުކާރާ އެއްބަސްވެވޭ ގޮތައް ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ގޯސް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކު ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.