ހަބަރު

ޓީއެމްއޭއަށް ސަރުކާރުން ދިން ހައްލަކީ ފަހު ބަސް: ނަޝީދު

Feb 18, 2020
9

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް އެކީގައި ކުރީ ސަރުކާރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން ނިންމު ނިންމުން ބަދަލުކޮށް، މި ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ހައްލަކީ، އެކަމުގައި އޮތް އެންމެ ފަހު ބަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައާ ގުޅިގެން، މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ރޭ ބޭއްވެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކޮށް ކިޔާދެއްވާފައިވާ ކަމަށެވެ.

އަމީރުގެ އެދިލެއްވުމަށް ރޭ ބޭއްވުނު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ޓީއެމްއޭ އަށް މިހާރު ބިން ދޫކޮށްފައިވާ އަކަމީޓަރަކަށް 10.35 ޑޮލަރުގެ އަގަށް އާ ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށްކަމަށް އަމީރު ވިދާޅުވި އެވެ.

"ހީލަތާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން އެ ޓާމިނަލް އެކީގައި ޓީއެމްއޭއަށް ކުރީ ސަރުކާރުން ދޭން ނިންމާފައި އޮތް ނިންމުން ރައީސް އެ ބަދަލުކުރެއްވީ. އަދި އާ ނިންމުން ރޭގައި ފިނޭންސް މިނިސްޓަރު އެ ވިދާޅުވެދެއްވީ އެއީ އަޅުގަނޑު ހިތުން މިހާރު މިކަމުގައި އޮތް ގޮތް. ފަހު ބަހަކީވެސް އެއީ އޮތް ބަހަކީވެސް އެއީ،" ނަޝީދު ވިދާޅުވި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާކަމަށްވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ ސިޓީތަކާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އިއްޔެ އެމްއޭސީއެލްގެ ބޯޑުގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި މެންބަރުން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ، އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ބޯޑަށް އެނގިފައިނުވާ ކަމަށާއި، އޭގައިވާ ކަމެއް ބޯޑުން ނިންމާފައިވެސް ނުވާނެ ކަމަށެވެ.

ނަމަވެސް، އެ ސިޓީތަކުގައި ހިމެނޭ ބައެއް ކަންކަމާމެދު އޭރުގެ ބޯޑުން މަޝްވަރާކޮށްފައިވާކަމަށް ޔައުމިއްޔާތަކުން އެނގެންއޮތް ކަމަށާއި، ގަސްތުގައި ކޮމިޓީއަށް ދޮގުހެދިކަމުގެ ތުހުމަތުތައް ބޯޑު މެންބަރުންނަށް ވަނީ ކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުނުވިނަމަ، ޓީއެމްއޭއަށް މުޅި ޓާމިނަލް ދިނީސް ކަމަށެވެ.

އޭނާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭނެކަމަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ބެއިން ކެޕިޓަލްގެ ބޭފުޅުން ބައްދަލުކުރި. އެ ބޭފުޅުން ވިދާޅުވަނީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލް ހިންގަން އުޅުއްވި އިސް ބޭފުޅުން އާ ޓާމިނަލް ދޭނެ ކަމުގެ ކޮމިޓްމަންޓް ދެއްވި ކަމަށް،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް، ޓީއެމްއޭއަށް ކޮމިޓްމަންޓްދީ، އެމްއޭސީއެލުން ފޮނުވި ސިޓީތައް ފިޔަވައި، އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައިނުވާކަން އަމީރު ވިދާޅުވި އެވެ.