ހަބަރު

ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ސޮއިކުރި ފަޒީލް ކޮމިޓީއަށް ހާޒިރުކުރަަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އަޅާފައިވާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލާގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ސިޓީ ފޮނުވައި އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ހުސައިން ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރާ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 ގަ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް މިހާރު ވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ. އެއީ އަކަފޫޓެއް 10.5 ޑޮލަރަށެވެ.

އެކަމަކު ޓީއެމްއޭ އިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ޓީއެމްއޭއިން ބުނާ ގޮތުގައި، އެމްއޭސީއެލް އިން އެ ގޮތަށް ކޮމިޓްމަންޓްވެ އެ ކުންފުންޏަށް ސިޓީތަކެއް ވަނީ ފޮނުވައިފަ އެވެ. އޭގައި ސޮއި ކުރައްވާފައި ވަނީ ހުސައިން ފަޒީލެވެ.

އެ ސިޓީތަކާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އިއްޔެ އެމްއޭސީއެލްގެ ބޯޑުގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި މެންބަރުން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ، އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ބޯޑަށް އެނގިފައިނުވާ ކަމަށާއި، އޭގައިވާ ކަމެއް ބޯޑުން ނިންމާފައި ވެސް ނުވާނެ ކަމަށެވެ.

ނަމަވެސް، އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލެއްގެ ތެރެއިން އަމީރު ވިދާޅުވީ، ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތައް ބޯޑަށް ނޭނގޭކަމަށް މިއަދު ކޮމިޓީ ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ޓީއެމްއޭއަށް ކޮމިޓްމަންޓްދީ، ހުސައިން ފަޒީލް ސޮއިކުރައްވައި އެމްއޭސީއެލުން ފޮނުވި ސިޓީތައް ފިޔަވައި، އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައިނުވާކަން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ނިންމާފައިވާ މީގެ ކުރިން އެއާޕޯޓްގައި ޓީއެމްއޭއަށް އޮތް ވަރުގެ ޖާގައެއް އާ ޓާމިނަލުން ވެސް ދޫކުރުމަށެވެ. އެއީ 6،300 އަކަފޫޓުގެ ޖާގަ އެކެވެ. އެ ޖާގަ ދޫކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް އަކަފޫޓެއް 10.5 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާރުކޭޓު ރޭޓުގައި ބިން ދޫކުރުމަށެވެ. އެހެން އޮޕަރޭޓަރުންނަށް ވެސް ބާކީ ޖާގައިން އެ އަގުގައި މި ދެ އަހަރު ދޫކުރުމަށެވެ.