ސީޕްލޭން ޓާމިނަލްގެ މައްސަލަ

ފަޒީލް މަގާމުން ވަކިކުރަން މެމޯ ފޮނުވާފައި ފަހުން ބާތިލްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމްއޭސީއެލް އިން ބޮޑު ހޭދައެއް ކޮށްގެން އަޅާފައިވާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލާގައި ޓީއެމްއޭއަށް ޓާމިނަލް ދިނުމާ ގުޅޭ ސިޓީތަކުގައި ސޮއިކުރައްވާފައިވާ އެމްއޭސީއެލްގެ ނޮން-އެއިރޯ ކޮމާޝަލް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލް ވަކިކުރަން މެމޯ ފޮނުވާފައި ފަހުން އެ މެމޯ ބާތިލްކޮށްފި އެވެ.

ޓީއެމްއޭ އިން ބަނުމުން އައީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން މަހަކު ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ޓީއެމް އިން ބުނާ ގޮތުން، އެމްއޭސީއެލް އިން އެ ގޮތަށް ކޮމިޓްމަންޓްވެ ސިޓީތަކެއް ވަނީ ފޮނުވައިފަ އެވެ. އޭގައި ސޮއި ކުރައްވާފައި ވަނީ ހުސައިން ފަޒީލެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުސައިން ފަޒީލް ވަނީ އިއްޔެ މެންދުރުފަހު ހާޒިރުކޮށްފަ އެވެ. މާލިއްޔަތު ކޮމިޓީއަށް އޭނާ ހާޒިރު ކުރުމުގެ ކުރިން އޭނާ މަގާމުގެ ޒިންމާތަކުން ދުރުކޮށް އެހެން މީހަކާ އެ މަގާމު ހަވާލުކޮށްފައިވާ ކަމަށް ބުނެ އެމްއޭސީއެލް އިން ވަނީ އޭނާއަށް މެމޯއެއް ފޮނުވާފަ އެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވާ ނެރެފައިވާ އެ މެމޯގައި ބުނެފައި ވަނީ "19 ފެބްރުއަރީ 2020 އިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ހިންގަވަނީ މެނޭޖަރު، އަލްފާޟިލް މުހައްމަދު ހިޝާމް ކަމުގައި ދަންނަވަ" ކަމަށެވެ.

ނަމަވެސް ދެ ގަޑިއިރަށް ދެމިގެން ދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފަޒީލް ޖަވާބުދާރީވެވަޑައިގެންނެވި ފަހުން، ކުންފުނީގެ އެކްޓިން އެމްޑީ މޫސާ ސޯލިހް ސޮއި ކުރައްވައި އެހެން މެމޯއެއް ނެރުނެވެ. އެ މެމޯގައި ވަނީ "19 ފެބްރުއަރީ 2020 ދުވަހު ނެރެފައިވާ އިންޓާނަލް މެމޯ ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވާ" ކަމަށެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ފަޒީލް ވިދާޅުވެފައި ވަނީ، އެމްއޭސީއެލްގެ ފަރާތުން ޓީއެމްއޭއާ އޭރު މުއާމަލާތް ކުރުމުގެ ގޮތުން ސިޓީތައް ފޮނުވަމުން ގޮސްފައި ވަނީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާކޮށް އޭނާގެ ލަފާގެ މަތިން ކަމަށެވެ.

ޓީއެމްއޭއަށް އެމްއޭސީއެލް އިން ފޮނުވާފައިވާ ކަމަށް ބުނާ ސިޓީތަކާ ގުޅިިގެން އެތައް މައްސަލައެއް ކުރިމަތިވިއިރު، ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ ހިންގަން ދޭ ގޮތަށް އެއްބަސްވެ ސޮއިކޮށްފައިވާ އެއްވެސް ލިޔެކިޔުމެއް ނެތެވެ. ޓީއެމްއޭ އިން ވެސް ބުނީ އެއްބަސްވެ ކޮމިޓްމަންޓް ދީ، ސިޓީ ބަދަލު ކުރި ނަމަވެސް ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތް ކަމަށެވެ.

އެހެންކަމުން ސަރުކާރުން މިހާރު ނިންމާފައި ވަނީ މީގެ ކުރިން އެއާޕޯޓްގައި ޓީއެމްއޭއަސް އޮތް ވަރުގެ ޖާގައެއް އާ ޓާމިނަލުން ވެސް ދޫކުރުމަށެވެ. އެއީ 6،400 އަކަފޫޓުގެ ޖާގަ އެކެވެ. އެ ޖާގަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަހަކު އަކަފޫޓެއް 10.35 ޑޮލަރު ދައްކާ ގޮތަށެވެ.

އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށް ސަރުކާރުން ނިންމި އެވެ. ސަރުކާރުން ބުނަނީ މިއީ މި މައްސަލާގައި އޮތް އެންމެ އިންސާފު ވެރި ގޮތް ކަމަށެވެ.