ހަބަރު

ކުރީގެ ސަރުކާރުގައި ވަކި ބަޔަކަށް ސީޕްލޭން ޓާމިނަލް ދޭން ނާންގަން: އިދިކޮޅު

Feb 20, 2020
3

މިހާރު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަކި ބަޔަކަށް ސީޕްލޭން ޓާމިނަލް ދޫކުރަން އަންގާފައި ނުވާނެ ކަމަށް އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ ހަވާލު ކުރަން ކުރީގެ ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

ޓީއެމްއޭ އިން ވެސް ބުނެފައި ވަނީ ސީޕްލޭން ޓާމިނަލްގެ ބޮޑު ޖާގައެއް ކުރިން ވެސް އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ އަގަށް 15 އަހަރު މުއްދަތެއް ދިނުމަށް އެއްބަސްވެ ކޮމިޓްމަންޓްދީ ސިޓީތަކެއް އެމްއޭސީއެލް އިން އޭރުގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ އެއްބަސްވުންތަކުގައި އެއްވެސް ބަޔަކު ސޮއެއް ނުކުރެ އެވެ.

އެކަން ދޮގުކޮށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތްޕުޅު ކުރެއްވީ ވީރާވަމުންދިޔަ ބަލިކަށި ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އަޅުއްވައި ގައުމާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް ރާއްޖޭގެ އިގްތިސާދީ ސިނާއަތްތައް ތަރައްގީ ކުރުމަށެވެ.

އެ ގޮތުން ރާއްޖޭގެ އިގްތިސާދު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގައި ރޭޓް ކުރެވި ހާމަކަން ބޮޑު ވެށްޓެއްގައި މާކެޓް ކުރެވި އިންވެސްޓަރުންގެ އިތުބާރު ގާއިމު ކުރެވިފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެ އެވެ. ވަޒީފާގެ ބާޒާރަށް ތިޔާގިކަމާއި ދިރުން ގެނެވުނެ ކަމަށާއި އުމްރާނީ ތަރައްގީ އަށް އެއްވެސް ޒަމާނެއްގައި ނުދެވޭ އަހައްމިއްޔަތު ދެވުނެ ކަމަށެވެ.

އެހެންވީއިރު، މި ސަރުކާރުން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭ ގޮތުން ދައްކަމުން ދަނީ ހަގީގަތް ހިލާފު ވާހަކަތަކެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭ ގޮތުން ވަކި ބަޔަކު ހިންގާ ގޮތަށް، ވަކި އަގެއް ކަނޑައަޅާ، ވަކި ގޮތަކަށް އެ ކަން ކުރުމަށް އެ ސަރުކާރުން އެމްއޭސީއެލްއަށް އިރުޝާދު ދީފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާ ވާހަކަ ދައްކަމުން ދަނީ މި ސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސާދު ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އނަބުރާ ރައްޔިތުން އޮޅުވާކުމުގެ ގޮތުން ކަމަށް އެ ކޯލިޝަނުން ދެކެ އެވެ. އަދި ސަރުކާރުން ދައްކަމުންދާ ދޮގު ވާހަކަތައް ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.