ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ގަބޫލުކުރައްވައިފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރައްވައިފި އެވެ.

ރައީސް ޔާމީން ލީޑުކުރައްވާ ދެ ޕާޓީގެ ރިޔާސީ ޓިކެޓް ގަބޫލު ކުރައްވާކަން އެމަނިކުފާނު ހާމަ ކުރެއްވީ މިރޭ ޕީޕީއެމް އާއި ޕީއެންސީ އިން ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ.

މި ބައްދަލްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އެކަން ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އަބްދުއްރަހީމް ވަނީ ރަައީސް ޔާމީނަށް މަރުހަބާވެސް ވިދާޅުވެފައެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ 2023 ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުމަށް ވަރަަށް އަވަހަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފައެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.

އެކުވެރި ލީޑަރުންނަށް ރައްދެއް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރައްވައިފައި މި ވަނީ މިއަދު ހެނދުނު ކުއްލި ގޮތަކަށް ކުރީން އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ލީޑަރުންނަށް ވަރުގަދަ ރައްދެއް ދެއްވާފައި ވަނިކޮށެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވެސް ޣައްދާރުން ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ޔާމީން ތުހުމަތުކުރައްވާފައިވެ އެވެ.

ގާސިމް އިބްރާހިމް އާއި ކާނަލް ނާޒިމް 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ބޭފުޅުންނެވެ. އަދާލަތު ޕާޓީވެސް އޮތީ އެމަނިކުފާނާ އެކުގައެވެ. ނަމަވެސް 2018 ގައި އެ ބޭފުޅުން ތިއްބެވީ އެމަނިކުފާނާ ދެކޮޅަށެވެ.