ހަބަރު

ސަރުކާރުގެ ހުށަހެޅުމަށް ތާއީދު، ވޯޓު ނުދިނީ ބޯޑަށް އިތުބާރުނުކުރާތީ: ޔައުގޫބު

Feb 18, 2020
3

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް އެކީގައި ކުރީ ސަރުކާރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން ނިންމު ނިންމުން ބަދަލުކޮށް، މި ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ އެމްއޭސީއެލްގެ ބޯޑަށް އިތުބާރު ނުކުރައްވާތީކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން 31،000 އަކަމީޓަރު 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާކަމަށްވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ ސިޓީތަކާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އިއްޔެ އެމްއޭސީއެލްގެ ބޯޑުގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި މެންބަރުން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ، އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ބޯޑަށް އެނގިފައިނުވާ ކަމަށާއި، އޭގައިވާ ކަމެއް ބޯޑުން ނިންމާފައިވެސް ނުވާނެ ކަމަށެވެ.

ނަމަވެސް، އެކަމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި، ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެގޮތުން، ރޭ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ޓީއެމްއޭ އަށް މިހާރު ބިން ދޫކޮށްފައިވާ އަކަމީޓަރަކަށް 10.35 ޑޮލަރުގެ އަގަށް އާ ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށްކަމަށް އަމީރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި، ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީގެ ވޯޓުގައި ޔައުގޫބުގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބު އަވަސްއާ ހިއްސާކުރައްވަމުން ޔައުގޫބު ވިދާޅުވި ގޮތުގައި، ސީޕްލޭން ޓާމިނަލް މައްސަލާގައި މިހާރު ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވީ، ސަރުކާރުގެ ނިންމުން އެމްއޭސީއެލްގެ ބޯޑަށް ތަންފީޒު ކުރެވޭނެކަމާމެދު ޔަގީންކަމެއް ނެތުމުން ކަމަށެވެ.

"ކުރިން އޮތް ގޮތަށް ބަލާއިރު، މިހާރު ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރަން. އެކަމަކު ވޯޓުގައި ބައިވެރިނުވީ އެމްއޭސީއެލްގެ ބޯޑަށް އިތުބާރުނުކުރެވޭތީ،" ސީޕްލޭން ޓާމިނަލް ވަކި ފަރާތަކަށް ދޭން އުޅޭކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތި ކުރެއްވި ޔައުގޫބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތެރެއިން އެމްއޭސީއެލްގެ ބޯޑުގެ އިތުރުން މެނޭޖްމަންޓާއެކު ބޭއްވުނު ބައްދަލުވުންތަކުގައި، އެ ކުންފުނި ހިންގުމުގައި އެއްވެސް ހަރުދަނާކަމެއްނެތްކަން ސާފުވެފައިވާ ކަމަށެވެ. ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން ދައުލަތުގެ ހަރު މުދަލެއް ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ރާވަމުންދިޔައިރު، އެކަން އެމްއޭސީއެލްގެ ބޯޑަށް ނޭނގޭކަމަށް ބުނުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށް ޔައުގޫބު ފާހަގަކުރެއްވި އެވެ.

އެމްއޭސީއެލުން ޓީއެމްއޭއަށް ދިން ކަމަށް ބުނާ ސިޓީތަކުގައި ހިމެނޭ ބައެއް ކަންކަމާމެދު އޭރުގެ ބޯޑުން މަޝްވަރާކޮށްފައިވާކަމަށް ޔައުމިއްޔާތަކުން އެނގެންއޮތް ކަމަށާއި، ގަސްތުގައި ކޮމިޓީއަށް ދޮގުހެދިކަމުގެ ތުހުމަތުތައް ބޯޑު މެންބަރުންނަށް ވަނީ ކޮށްފަ އެވެ.

ކުރީގެ ސަރުކާރުގެ ފަހު ދުވަސްވަރު، މާކެޓް ރޭޓަށްވުރެ ކުޑަ އަގެއްގައި މުޅި ޓާމިނަލް ޓީއެމްއޭއަށް ދޭން މަސައްކަތްކޮށްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދަދޭންކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދަނީ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.