ހަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލައަށް ސަރުކާރުން ދިން ހައްލަށް ކޮމިޓީން ތާއީދުކޮށްފި

Feb 18, 2020
3

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް އެކީގައި ކުރީ ސަރުކާރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން ނިންމު ނިންމުން ބަދަލުކޮށް، މި ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން 31،000 އަކަމީޓަރު 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާކަމަށްވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ ސިޓީތަކާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އިއްޔެ އެމްއޭސީއެލްގެ ބޯޑުގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި މެންބަރުން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ، އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ބޯޑަށް އެނގިފައިނުވާ ކަމަށާއި، އޭގައިވާ ކަމެއް ބޯޑުން ނިންމާފައިވެސް ނުވާނެ ކަމަށެވެ.

ނަމަވެސް، އެކަމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި، ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެގޮތުން، ރޭ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ޓީއެމްއޭ އަށް މިހާރު ބިން ދޫކޮށްފައިވާ އަކަމީޓަރަކަށް 10.35 ޑޮލަރުގެ އަގަށް އާ ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށްކަމަށް އަމީރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި، ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީގެ ވޯޓުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ހައްލަކީ، އެކަމުގައި އޮތް އެންމެ ފަހު ބަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

"ހީލަތާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން އެ ޓާމިނަލް އެކީގައި ޓީއެމްއޭއަށް ކުރީ ސަރުކާރުން ދޭން ނިންމާފައި އޮތް ނިންމުން ރައީސް އެ ބަދަލުކުރެއްވީ. އަދި އާ ނިންމުން ރޭގައި ފިނޭންސް މިނިސްޓަރު އެ ވިދާޅުވެދެއްވީ އެއީ އަޅުގަނޑު ހިތުން މިހާރު މިކަމުގައި އޮތް ގޮތް. ފަހު ބަހަކީވެސް އެއީ އޮތް ބަހަކީވެސް އެއީ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ފަހު ދުވަސްވަރު، މާކެޓް ރޭޓަށްވުރެ ކުޑަ އަގެއްގައި މުޅި ޓާމިނަލް ޓީއެމްއޭއަށް ދޭން މަސައްކަތްކޮށްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދަދޭންކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދަނީ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.