ރައްޔިތުންގެ މަޖިލިސް

އާ ރަންވޭއަށް ބޯޓު ޖެއްސުން ލަސްވާ މައްސަލަ ބަލަނީ

Feb 8, 2022
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ބޭނުން ނުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ -- އެސްއޯއީ ކޮމިޓީން ބަލަން ނިންމައިފި އެވެ.

މައްސަލަ ބެލުމުގެ ގޮތުން އެސްއޯއީ ކޮމިޓީން ވަނީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ސިޓީ ފޮނުވައިގެން ރަންވޭ ބޭނުންކުރުން ލަސްވާ ސަބަބު ސާފުކުރުމަށް ނިންމާފަ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ ވީއައިއޭގެ ރަންވޭ ހުޅުވުން ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ އާންމުން ވެސް ކުރަމުން ގެންދާތީ އެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހަދާ ނިންމާފައިވާ ރަންވޭ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސީ ވޭއެއްގެ ގޮތުގައި މިހާރު ދަނީ ބޭނުންކުރަމުންނެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު މީގެކުރިން އަވަސް އަށް ވިދާޅުވީ ޓެކްސީ ވޭއެއްގެ ގޮތުގައި މިވަގުތަށް އާ ރަންވޭ ބޭނުންކުރަން ފެށުމުން ވީއައިއޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މި ބަދަލު [އާ ރަންވޭ ޓެކްސީ ވޭއަކަށް ބޭނުން ކުރަން ފެށުމުން] މިހާރު ގަޑިއަކު އަށް ބޯޓު ޖެއްސޭ ގޮތަށް އޮތް އޮތުން 16 އަށް ބަދަލުވާނެ. މިއީ ލިބިގެން ދާނެ ކުރިއެރުމެއް. މީގެ ސަބަބުން ހޯލްޑްކުރަން ޖެހޭ [ބޯޓު ނުޖެއްސި ލަސްވާ ވަގުތު] މަދުވެގެން ދާނެ." އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ވަނީ އާ ރަންވޭ ނުހުޅުވި ލަސްވަނީ އެ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ނުނެގިގެން ކަމަށް ބުނެފަ އެވެ. އެހެންވެ އާ ރަންވޭ ބޭނުން ކުރަން ފެށި ނަމަވެސް ރަންވޭ އަށް އަދި ބޯޓު ޖައްސާކަށް ނުފަށަ އެވެ.

އާ ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ގައި ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ 380 ބޯޓެއް އެދުވަހު އާ ރަންވޭ އަށް ޖައްސާފައިވެ އެވެ.

އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.