ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ސީޕްލޭން ޓާމިނަލް ނިންމާ، އެމްއޭސީއެލްއާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމައި އެތަން އެމްއޭސީއެލްއާ ހަވާލުކޮށްފި ކަމަށް އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރި، ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ބުނެފި އެވެ.

ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ، ޒިންހުއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ބީޔޫސީޖީން ވަނީ އެއްކޮށް ނިންމާލާފަ އެވެ. އަދި އެތަން މިހާރު ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ބީޔޫސީޖީން ސީޕްލޭން ޓާމިނަލް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަން އަދި އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެ މައުލޫމާތު ހޯދުމަށް ޕްރޮޖެޓް ސައިޑްގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް ސީޕްލޭން ޓާމިނަލް ހަވާލު ކުރިކަމެއް. އެކަން ބަލަމުންދަނީ. ބީޔޫސީޖީން ދޮގު މައުލޫމާތު ޗައިނާގެ ނޫހަކަށް ދީފައިވާނަމަ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާނީ،" ހަސަން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހެދި އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވި އެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން ވަނީ މައްސަލަ ހައްލު ކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި ހައްލަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޭށެވެ. މީގެ އިތުރުން ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަ އަށް ހިންގަން ފަށަން ޖެހެ އެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ. އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެންނެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހުންނާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕަށެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު ހުންނަ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީ އިން ކުރީ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖާ ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.