އެމްއޭސީއެލް

ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ހިންގާނެ ބަޔަކު ހޯދަނީ

Aug 30, 2021
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި، "އެކްސެކެޓިވް ލައުންޖު" ހިންގާނެ ފަރާތް ތަކެއް ހޯދައި އެ ފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން، ލައުންޖު ގޮޅިތައް ކާމިޔާބުކު ރާ ފަރާތް ތަކުން އެ ކުންފުނިން ދީފައިވާ އިރުޝާދުތާކާއި އެއްގަޮތަށް ލައުންޖު ގޮޅި އަމިއްލަ އަށް ހަދައި ލައުންޖު ހިންގަންވާނެ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރަން ދީފައިވާ ސުންގަނޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހަ އެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު ނުވަތަ ސީޕްޕޭން ނޫނީ ޓުއާ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށް ވާން ލާޒިމް ކުރެ އެވެ. އަދި މި މަސައްކަތަށް ބިޑު ހުށަހާޅާއިރު 10،000 ޑޮލަރު ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ. މި މަަސައްކަތް ކުރަން ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ކުރިންނެވެ.

ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ދޭން ހުޅުވާލިއިރު، މިބައިތައް ނިންމައި، މިތަން ހެދި ޗައިނާގެ ބީޔޫސީޖީ ގްރޫޕުން ވަނީ އެމްއޭސީއެލްއަށް މިދިޔަ މަހު ހަވާލުކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެދި އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވި އެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން ވަނީ މައްސަލަ ހައްލު ކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި ހައްލަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޭށެވެ. މީގެ އިތުރުން ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް
އެމްއޭސީއެލް އިން އަމިއްލަ އަށް ހިންގަން ފަށަން ޖެހެ އެވެ. އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ހުޅުވާލާފައިވަނީ މި ތަން ކުއްޔަށް ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ލަފައެއް ނުލިބިގެން ހުރަސް އެޅިފައި އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ބުނެފައިވަނިކޮށެވެ. އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވާ ގޮތުގައި ސީޕްލޭން ޓާމިނަލް ދޭން އޭސީސީގެ ލަފަޔަކަށް ދެވަނަ ފަހަރަށް އެދުނީ ޓާމިނަލް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ފަހުން ކަމަަށެވެ.

ވީއައިއޭ އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ. އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެން އެ ސަރަހައްދުގަ އެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހުންނާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.