ގަތަރު އެއާވޭސް އާއި ޗައިނާގެ ސަދަން އެެއާލައިންސް އިން ގުޅިގެން، ހެދި ކޯޑްޝެއާ ކޯޕަރޭޝަންގެ ސަބަބުން ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފުރުސަތު ހުޅުވިގެން ދާނެ އެވެ.
ޗައިނާގެ އެންމެ މަގުބޫލު އެއް އެއާލައިން އާއި ޗައިނާ ސަދަން އަދި ގަތަރު އެއާވޭސް ގުޅިގެން ކޯޑްޝެއާ ދަތުރުތަކުގެ ޓިކެޓު ވިއްކަން ފަށާފައި ވަނީ އިއްޔެ އެވެ.
ގަތަަރު އެއާވޭސް އިން ބުނި ގޮތުގައި ޗައިނާ ސަދަންގެ ފަސް ޕަސެންޓް އޮންނަ ގޮތަށް ދެ އެއާލައިން ގުޅިގެން ހެދި ކޯޑްޝެއާ ދަތުރުތަކުގެ ސަބަބުން ގަތަރު އެއާވޭސް އިން ޗައިނާގެ ގުއާންޒޫން އާއި ދޯޯހާއާ ދެމެދު ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ޗައިނާ ޓޫރިސްޓުންނާއެކު ޔޫރަޕާއި މެދުއިތުމަތި ހިމެނޭ ގޮތަށް ދޯހާ އާއި އެފްރިކާގެ 60 މަންޒިލަ ތަކަށް ދަތުރު ކުރާނެ ކަމަށް އެއާލައިން އިން ބުނެފައިވެ އެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ ފްލައިޓް ތަކެއް ބާއްވަމުންދާ ގަތަރު އެއާވޭސް އިން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބީޖިންސް އާއި ދޯހާއާ ދެމެދު ވެސް އުދުހެން ފަށާނެ ކަމަށެވެ.
ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު އެއް މަންޒިލް އެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން މިދިޔަ އަހަރު ދެ ލައްކަ ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މާޗް މަހު ޗައިނާ އިން ފެނުނު ކޮވިޑް-19 ގެ ބަލީގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު ބާއްވާ ފްލައިޓްތައް ވަނީ މެދުކަނޑާލާފަ އެވެ.
ޗައިނާގެ އެތެރޭގެ އިކޮނޮމީ ހުޅުވިނަމަވެސް އަދި ދުނިޔޭގެ ގައުމު ތަކަށް މީހުން ދަތުރު ކުރަން ފަށާފައެއް ނުވެ އެވެ. ނަމަވެސް ރާއްޖެ އަށް ޓޫރިސްޓުން ފޮނުވުމުގެ ގޮތުން އެ ގައުމުން ރާއްޖޭގެ މައި އެއާޕޯޓު ވީއައިއޭގައި ޓެސްޓް ކުރެވޭނެ ފެސިލީޓީއެއް ގާއިމް ކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކޮށްފައެއް ނުވެ އެވެ. އަދި ޗައިނާ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް ވެސް މިހާރު އެދެވޭ މަސައްކަތް ތަކެއް ނުކުރެ އެވެ.