ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޖާގަބޮޑު ޒަމާނީ އާ ވީއައިޕީ ޓާމިނަލް ހިދުމަތަށް

ޖާގައިގެ ގޮތުން ބޮޑު އަދި ޒަމާނީ ފެންވަރަށް ހަދާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ވީއައިޕީ ޓާމިނަލުން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭގެ ތަރައްގީއާ ގުޅޭ ގިނަ މަސައްކަތްތައް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިން ހެދި އާ ވީއައިޕީ / ސީއައިޕީ ޓާމިނަލުން ފުރަތަމަ ހިދުމަތްދޭ ބޭރުގެ އިތްޒަތްތެރިޔަކީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހަދަމުން ގެންދާ މި ޓާމިނަލްގެ ފުރަތަމަ ބައި މިއަދު ހިދުމަތަށް ގެނައުމާއެކު މިހާރު ބޭނުން ކުރަމުން ގެންދާ "މާމަހި ލައުންޖު" އަށް ވުރެ ޒަމާނީ އެކްސްކްލޫސިވް ގިނަ ހިދުމަތްތަކެއް ދެވޭނެ ޖާގަ މި ތަނުން ފަހިވެގެން ދާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއާޕޯޓް ތަރައްގީކުރަން ހޭދަކުރި އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން ހެދި އާ ވީއައިޕީ ޓާމިނަލްގައި އެއް ފަހަރާ 95 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. މިހާރުގެ ލައުންޖުން ހިދުމަތް ދެވެނީ 65 މީހުންނަށެވެ.

ހަތަރު ބުރިއަށް ހަދާފައިވާ ވީއައިޕީ ޓާމިނަލްގައި ގައުމުގެތަކުގެ ހެޑް އޮފް ސްޓޭޓުން ފެންވަރުގެ ބޭފުޅުންނަށް ހިދުމަތް ދޭން ހާއްސަ ބައެއް -- ސީއައިޕީ ބައެއް ވަކިން ހަދާފައިވެ އެވެ. މި ތަނުގައި ކަސްޓަމްސް އާއި އިމިގްރޭޝަން އަދި މި ނޫން ވެސް ހައި ލެވަލްގެ ޕީވައިޕީސް އަށް ބޭނުން ވާނެ ހުރިހާ ހިދުމަތް ތަކެއް ލިބެން ހުރެ އެވެ.

ގާތްގަނޑަކަށް 2،000 އަކަމީޓަރުގެ އޭރިއާއެއްގައި މިހާރުގެ ވީއައިޕީ ލައުންޖާއި އިންވެގެން ހެދި މި ތަނުގައި ވަކިން ކޮޓަރިއެއް ބޭނުންވާ މީހުންނަށް ބޭނުންވާނެ އެންމެ ލަގްޒަރީ ހިދުމަތްތައް ލިބެން ހުރެ އެވެ.

ދެވަނަ ފިޔަވަހި ނިމޭއިރު މި ސަރަހައްދުގެ އެއްވަނަ

ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ނިމުމާއެކު މިހާރު ލައުންޖު ހުރި އިމާރާތް ތަޅާލައި ދެވަނަ ފިޔަވަހީގެ މަަސައްކަތް ފަށާނެ އެވެ. މި ފިޔަވަހި ނިމޭއިރު މި ލައުންޖު ވެގެންދާނީ މި ސަރަހައްދުގައި ހުރި އެންމެ ފުރިހަމަ އަދި އެންމެ ރީތި ލައުންޖަށް ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު 5.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް ހަދާފައިވެ އެވެ. މި އަގުބޮޑު އިމާރާތް ނިންމިތާ ދެ އަހަރު ވާން ކައިރިވާއިރު ވެސް އެތަން ހުޅުވަފައެއް ނުވެ އެވެ. އާ ސީ ޕްލޭން ޓާމިނަލް މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު 616 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރީ ވީއައިއޭގެ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރި ބީޔޫސީޖީ އިންނެވެ.