ޓޫރިސްޓް އެރައިވަލް

އެއް މިލިއަން އަމާޒަށް ބޭނުމީ ދެލައްކަ ޓޫރިސްޓުން

މި އަހަރުގެ ޓޫރިޒަމްގެ މައި ޓާގެޓް ކަމަށްވާ އެއް މިލިއަން ޓޫރިސްޓުން ހަމަވާން މިހާރު ބޭނުން ވަނީ 222،487 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 777،513 ޓޫރިސްޓުންނެވެ. މި އަހަރު ސަރުކާރުގެ ޓާގެޓަކީ އެއް މިލިއަން ނުވަތަ 1.5 މިލިއަން މީހުން ހަމަ ކުރުމެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މި އަހަރު އަންނާނެ ކަމަށް އަންދާޒާ ކުރަނީ 1.2 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 3،135 ޓޫރިސްޓުންނެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ޓޫރިސްޓު ރާއްޖޭގެ ޑެއިލީ ޓޫރިސްޓު އެރައިވަލްސް އަށް ދަށްވުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މެދުއިރުމަތީގެ ގައުމުތައް ހުޅުވަމުން ދިއުމާއެކު ރާއްޖެއަށް އޮތް ކަރަންޓީން މާކެޓަށް ކުރިން އޮތް ޑިމާންޑް ދަށްވުމެވެ. ނަމަވެސް ރާއްޖޭގެ ޑެއިލީ ޓޫރިސްޓު އެރައިވަލް 2،000 އަށްވުރެ ދަށްވާނެ ކަމަށް ނުބެލެވެ އެވެ. މިހާރު ރާއްޖޭގައި އެވްރެޖުކޮށް ޓޫރިސްޓަކު 9.1 ދުވަސް މަޑު ކުރެ އެވެ.

ރާއްޖޭން އެއް މިލިއަން ޓޫރިސްޓުން ގެންނަން އަޒުމު ކަނޑައަޅާފައި ވާއިރު މިދިޔަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.