ވިޔަފާރި

ވީއައޭއަށް ލޯޑު ބޮޑުވެ، ޓްރެފިކް 42 ޕަސެންޓް މަތިވެއްޖެ

Dec 21, 2020

އާ އަހަރު ފާހަގަ ކުރަން ރާއްޖެ އަންނަ މީހުން ގިނަވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިވަނީ ލޯޑު ބޮޑުވެފަ އެވެ. އެހެންވެ ބައެއް ފްލައިޓްތައް ނުޖެއްސި ދެ ގަޑިއިރު ވަރު މަތީގައި އުދުހެން ޖެހޭ ހާލަތަށް މިވަނީ ވެއްޓިފަ އެވެ. މިއާއެކު އެއާ ޓްރެފިކް ރެކޯޑު މިވަނީ 42 ޕަސެންޓް މަތިވެފަ އެވެ.

އެމްއޭސީއެލް އިން މިއަދު އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ވީއައިއޭގައި 576 އެއާ ޓްރެފިކް މޫވްމެންޓް ހަދާފައި، 5،845 މީހުން ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް މި މަހުގެ ދެވަނައަށް އެންމެ ގިނައިން މީހުން އައި 12 ވަނަ ދުވަހު 405 ޓްރެެފިކް މޫވްމެންޓް ހަދައި އައިސްފައިވަނީ 4،179 މީހުންނެވެ.

ވީއައިއޭ އަށް މިހާރު އިންޓަނޭޝަނަލް 21 އެއާލައިން އަކުން ދަނީ ދަތުރު ކުރަމުންނެވެ. އެންމެ ފަހުން ރާއްޖެއަށް ދަތުރު ފަށާފައިވަނީ ފްރާންސުން އައި ކޮންޑޯ އާއި އެއާ ފްރާންސެވެ. މީގެ އިތުރުން އެމިރޭޓްސް އިން ވަނީ ދުވާލަކު ހަތަރު ދަތުރު ކުރަން ނިންމާފަ އެވެ،

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް 132،803 މީހުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 515،650 ޓޫރިސްޓުން އައިސްފައިވެ އެވެ.