ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ ބައިތަކެއް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ "އެކްޒެކެޓިވް ލައުންޖު" ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތް ތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށެވެ.
މި ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލާން /ޓުއޯ / ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެެ އެވެ. އަދި 10,000 ޑޮލަރު (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވީއައިއޭގައި އޮންނާނެ އެވެ. ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފަ އެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެމްއޭސީއެލްގަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެދި އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވި އެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން ވަނީ މައްސަލަ ހައްލު ކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި ހައްލަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޭށެވެ. މީގެ އިތުރުން ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަ އަށް ހިންގަން ފަށަން ޖެހެ އެވެ.
އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ހުޅުވާލާފައިވަނީ މި ތަން ކުއްޔަށް ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ލަފައެއް ނުލިބިގެން ހުރަސް އެޅިފައި އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ބުނެފައިވަނިކޮށެވެ. އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވާ ގޮތުގައި ސީޕްލޭން ޓާމިނަލް ދޭން އޭސީސީގެ ލަފަޔަކަށް ދެވަނަ ފަހަރަށް އެދުނީ ޓާމިނަލް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ފަހުން ކަމަަށެވެ.
ވީއައިއޭ އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ. އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެން އެ ސަރަހައްދުގަ އެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހުންނާނެ އެވެ.
ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.